07 ނޮވެމްބަރ 2018
ބެލްގްރޭޑް، ސާބިއާ (ނޮވެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން 2-0 އިން ލިވަޕޫލް ބަލިވިއިރު، އަމިއްލަ ދަނޑުގައި ޕީއެސްޖީއާ 1-1 އިން އެއްވަރުކޮށް ނަޕޯލީ ގްރޫޕްގެ އެއް ވަނަ އަށް އަރައިފި އެވެ.
ބެލްގްރޭޑް، ސާބިއާ (ނޮވެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން 2-0 އިން ލިވަޕޫލް ބަލިވިއިރު، އަމިއްލަ ދަނޑުގައި ޕީއެސްޖީއާ 1-1 އިން އެއްވަރުކޮށް ނަޕޯލީ ގްރޫޕްގެ އެއް ވަނަ އަށް އަރައިފި އެވެ.
ގްރޫޕް ސީގެ އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަޕޯލީ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނައިގައި ޕީއެސްޖީ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރެޑްސްޓާ އަށް ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުތަކަށް ނުކުތްއިރު މި ގްރޫޕުން އަނެއް ބުރަށް ދިއުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ލިވަޕޫލަށެވެ. އެކަމަކު ރޭގެ މެޗުން ބަލިވުމާ އެކު އަނެއް ބުރަށް ދިއުމަށް ލިވަޕޫލަށް ވަނީ އުނދަގޫތަކެއް ކުރިމަތިލާން ޖެހިފަ އެވެ. ގްރޫޕްގައި ލިވަޕޫލަށް ބާކީ އޮތީ ރަށުން ބޭރުގައި މި މަހު 28 ވަނަ ދުވަހު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހު އަމިއްލަ ދަނޑުގައި ނަޕޯލީއާ ބައްދަލުކުރާ މެޗެވެ.
ބަދަލުތަކާ އެކު ނުކުތް ލިވަޕޫލަށް ރޭގެ މެޗުގައި ލީޑުނަގައިދޭން ޑެނިއަލް ސްޓަރިޖަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކުޑަ އޭރިއާ ތެރެއިން ސްޓަރިޖަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލިއިރު ދިޔައީ ހުރަސްދަނޑިމަތިންނެވެ. ލިވަޕޫލުން ލިބުނު ފުރުސަތު ނަގާލުމުގެ ނަތީޖާ އަކަށްވީ ގާތްގާތުގައި ރެޑްސްޓާ އިން ދެ ގޯލު ޖެހުމެވެ. ދެ ލަނޑު ވެސް ޖެހީ މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ރެޑްސްޓާ ފުރަތަމަ އެގާރައިގައި ކުޅުނު މިލާން ޕަވްކޯފް އެވެ.
ދެ ވަނަ ހާފުގައި ސްޓަރިޖްގެ ބަދަލުގައި ރޮބާޓޯ ފިރްމީނޯ ކުޅެން އަރުވައިގެން ގިނަ ވަގުތު ރެޑްސްޓާ ހާފު ތެރޭގައި ކުޅުނު ނަމަވެސް ލިވަޕޫލަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ލިވަޕޫލުން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
މިއީ މި މުބާރާތުގެ ތާރީހުގައި ލިވަޕޫލް ރަށުން ބޭރުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ސެމީގައި ރަށުން ބޭރުގައި ރޯމާ އަތުން ބަލިވިއިރު، މި ފަހަރު ވަނީ ނަޕޯލީ އަތުން ވެސް ބަލިވެފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑަށް މެޗު ފަސޭހަކޮށްލެވުނީ ކަމަށް ބުނެފަ އެވެ. އަދި ރެޑްސްޓާ އިން ނުކުތީ ހުރިހާ ގޮތަކަށް ބެލިޔަސް މެޗަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.
ރޭގެ މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ރެޑްސްޓާ ސަޕޯޓަރުން ވަނީ ދަނޑުފުރާލައިފަ އެވެ. އަދި މެޗު ފެށިގެން ނިމެންދެން ކަހަލަ ގޮތަކަށް ސަޕޯޓަރުން ދިޔައީ ޓީމަށް ހިތްވަރުދެމުންނެވެ. ރެޑްސްޓާ ކޯޗު ލަޑާން މިލޯޔެވިޗް ވަނީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ނޭޕްލްސްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޕެއިނުގެ ފުލްބެކް ހުއާން ބަނާޓްގެ ގޯލުން ޕީއެސްޖީ ލީޑުނެގި އެވެ. ނަޕޯލީން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޕީއެސްޖީގެ ގޯލުގައި ހުރި ޖިއަންލުއިޖީ ބުފޮން ކައިރިން މި ޕެނަލްޓީ ކާމިޔާބުކުރީ ލޮރެންޒޯ އިންސީނިއޭ އެވެ.
ތިއަރީ އޮންރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ މޮނާކޯ އަށް ރޭ ވެސް ކުރިމަތިލާން ޖެހުނީ ހިތްދަތި ނަތީޖާއަކާ އެވެ. އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ދެކޮޅަށް މޮނާކޯ ކުޅުނު މެޗުން ވަނީ 4-0 އިން ބަލިވެފަ އެވެ. އެއާ އެކު މުބާރާތުގެ ދެ ވަނަ ބުރަށް ދާން މޮނާކޯ އަށް އޮތް ހުރިހާ ފުރުސަތެއް ގެއްލުނީ އެވެ. މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގެ މައްޗަށް 2-0 އިން ކުރި ހޯދައިފަ އެވެ.
ނަޕޯލީން ފަހު ވަގުތު ލިވަޕޫލް ބަލިކޮށްފި
މޮޅުވީ ލިވަޕޫލް، އެއް ވަނަ ނަޕޯލީ އަށް
ނަޕޯލީ އަށް ބޮޑު މޮޅެއް، ލިވަޕޫލަށް ހަމަޖެހުމެއް
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި
ޕީއެސްޖީން ލިވަޕޫލް ހާސްކޮށްލައިފި
ލިވަޕޫލަށް މޮޅެއް، ޑި މާރިއާ ޕީއެސްޖީ ސަލާމަތްކޮށްދީފި
ޕީއެސްޖީގައި ނެތީ މުއްސަނދި ތާރީހެއް: ކްލޮޕް
ޗެމްޕިއަންސް ލީގު: ބޮޑު މެޗުތަކާއި ތަފާތު ވާހަކަތައް!