04 އޮކްޓޯބަރ 2018
ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހު ވަގުތު ލޮރެންޒޯ އިންސީނިއޭ ވައްދާލި ގޯލުން ނަޕޯލީ އިން 1-0 އިން ލިވަޕޫލް އަތުން މޮޅުވެއްޖެ އެވެ.
ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހު ވަގުތު ލޮރެންޒޯ އިންސީނިއޭ ވައްދާލި ގޯލުން ނަޕޯލީ އިން 1-0 އިން ލިވަޕޫލް އަތުން މޮޅުވެއްޖެ އެވެ.
ރޭ މި ގްރޫޕުގެ އަނެއް މެޗުން ޕީއެސްޖީ ވަނީ ސާބިއާގެ ރެޑްސްޓާ އަތުން 6-1 އިން މޮޅުވެފަ އެވެ. ގްރޫޕް އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ނަޕޯލީ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ޕީއެސްޖީ އަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. އެންމެ ފުލުގައި އޮތް ރެޑްސްޓާގެ އޮތީ އެއް ޕޮއިންޓެވެ.
ނަޕޯލީ ދަނޑުގައި ކުޅުނު މެޗުގައި ޖުމްލަކޮށް ގިނަ ފުރުސަތުތައް ތަނަަވަސްކުރީ އެ ޓީމުންނެވެ. ލިވަޕޫލަށް އުނދަގޫތަކެއް ދިމާވީ މެޗުގެ ކުރީކޮޅުގައި ބަދަލެއް ކުރަން ޖެހުމުންނެވެ. އެ ގޮތުން ނަބީ ކެއިޓާ އަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ ބާލައިފަ އެވެ. ފުރަތަމަ ހާފުގައި ނަޕޯލީގެ އިންސީނިއޭ ޖެހި ބޯޅައެއް ދަނޑި ކައިރިން ދިޔައިރު، އަރްކަޑިއުޒް މިލިޗް ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ނަޕޯލީން ވަނީ އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ތަރި ޑްރީސް މާޓެންސް އަރުވައިފަ އެވެ. މެޗުގެ ފަހު ވަގުުތު މާޓެންސް ތަނަވަސްކޮށްދިން ފުރުސަތަކުން ހޯސޭ ކައޭހޯން ހުސްކޮށްލާފައި ޖައްސާލި ބޯޅަ އިންސީނިއޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު ވަން ގޯލަކުން ލިވަޕޫލް އެންމެ ފަހުން ބަލިވީ ވެސް އިޓަލީ ޓީމެއްގެ އަތުންނެވެ. އެއީ 2009 ވަނަ އަހަރު ފިއޮރެންޓީނާ އަތުންނެވެ.
އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ލިވަޕޫލަށް މޮޅެއް ހޯދިފައިނުވާއިރު، ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ތިން މެޗަކީ ނިސްބަތުން ވަރުގަދަ މެޗުތަކެއް ކަމަށާއި ފާހަގަކުރަން ބޭނުންވަނީ ގޯސްކޮށްދިޔަ ކަންތައްތަކަށް ވުރެން ރަނގަޅުކުރެވޭނެ ކަންތައްތައް ކަމަށެވެ. ލީގު ކަޕުން ޗެލްސީ އަތުން ބަލިވެ ކެޓިއިރު ޕްރިމިއާ ލީގުގައި ޗެލްސީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެޑް ސްޓާ ކޮޅަށް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލުތައް ކާމިޔާބުކުރީ އެޑިސަން ކަވާނީ އާއި އެންހެލް ޑި މާރިއާ އަދި ކިލިއަން އެމްބާޕޭ އެވެ. ރެޑް ސްޓާގެ ހަމައެކަނި ގޯލު ޖެހީ ޖަރުމަނު ގައުމީ ޓީމަށް ކުރިން ކުޅުނު މާކޯ މަރީން އެވެ.
ގްރޫޕް ޑީ ގައި ރޭ ކުޅުނު މެޗުތަކުން ޖަރުމަނުގެ ޝާލްކާ ވަނީ ރަށުން ބޭރުގައި 1-0 އިން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފަ އެވެ. އަދި ޕޯޓޯ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ގަލަސަތަރާއި އަތުން މޮޅުވެފަ އެވެ.
ލިވަޕޫލް ބަލިވުމުގެ ފައިދާ ނަޕޯލީން ނަގައިފި
މޮޅުވީ ލިވަޕޫލް، އެއް ވަނަ ނަޕޯލީ އަށް
ނަޕޯލީ އަށް ބޮޑު މޮޅެއް، ލިވަޕޫލަށް ހަމަޖެހުމެއް
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި
ޕީއެސްޖީން ލިވަޕޫލް ހާސްކޮށްލައިފި
ލިވަޕޫލަށް މޮޅެއް، ޑި މާރިއާ ޕީއެސްޖީ ސަލާމަތްކޮށްދީފި
ޕީއެސްޖީގައި ނެތީ މުއްސަނދި ތާރީހެއް: ކްލޮޕް
ޗެމްޕިއަންސް ލީގު: ބޮޑު މެޗުތަކާއި ތަފާތު ވާހަކަތައް!