Roadha Mihaaru
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް

ނަޕޯލީ އަތުން ހަތަރު ލަނޑުން ބަލިވި ލިވަޕޫލްގެ ހުރިހާ ކަމެއް ގޯސް: ކްލޮޕް

08 ސެޕްޓެމްބަރ 2022

ނޭޕްލްސް (ސެޕްޓެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީ އަތުން 4-1 އިން ބަލިވި މެޗުގައި ލިވަޕޫލުގެ ހުރިހާ ކަމެއް ހުރީ ގޯސްކޮށް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ނޭޕްލްސް (ސެޕްޓެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީ އަތުން 4-1 އިން ބަލިވި މެޗުގައި ލިވަޕޫލުގެ ހުރިހާ ކަމެއް ހުރީ ގޯސްކޮށް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ރަނަރަފް، ލިވަޕޫލަށް ޑޮމެސްޓިކްސް ސީޒަންގައި އެ ޓީމުން ދައްކާވަރުގެ ކުޅުމެއް ރޭގެ މެޗުގައި ނުދެއްކުނެވެ.

ނަޕޯލީގެ ޑިއޭގޯ އާމަންޑޯ މެރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި އެ ޓީމުން ލީޑު ނެގި އެވެ. އެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ ޕިއޯޓާ ޒެލެންސްކީ އެވެ. ނަޕޯލީގެ ފުރަތަމަ ތިން ލަނޑު އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ. ދެވަނަ ލަނޑު އަންޑްރޭ ފްރޭންކް ޒަމްބޯ އަގީޝާ ޖެހީ 31 ވަނަ މިނެޓްގަ އެވެ. ހާފު ނިމުމުގެ ކުރިން ޖިއޮވާނީ ސިމިއޯނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖެހި އެވެ.

ނަތީޖާ ފުޅާ ކުރަން ވެސް އިތުރު ޕެނަލްޓީ އެއް ނަޕޯލީ އަށް ލިބިގެން ދިޔަ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި ވިކްޓާ އޮސީމެން ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީ އެވެ.

ދެ ވަނަ ހާފަށް ނުކުމެ އެ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި ޒެލެންސްކީ އަނެއްކާ ވެސް ލަނޑު ޖަހައި ނަޕޯލީގެ ލީޑް ފުޅާކޮށް ދިނެވެ. އޭގެ ދެ މިނެޓް ފަހުން ލުއިސް ޑިއާޒް ލިވަޕޫލްގެ ހަމަ އެކަނި ލަނޑު ޖަހި އެވެ.

ލިވަޕޫލް އަތުން މޮޅުވި މެޗަށް ފަހު ނަޕޯލީގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެ ޓީމު ރޭ ގެ މެޗު ކާމިޔާބު ކުރީ 4-1 އިން --- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް އަތުން މޮޅުވި މެޗަށް ފަހު ނަޕޯލީގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެ ޓީމު ރޭ ގެ މެޗު ކާމިޔާބު ކުރީ 4-1 އިން --- ފޮޓޯ: އޭއެފްޕީ

މެޗުގައި ލިވަޕޫލަށް ގޯސްކޮށް ދިޔައީ ކޮންކަމެއްތޯ، ނޫސްވެރިން ސުވާލު ކުރުމުން 2019 ގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބު ކޮށްދިން ކްލޮޕް ބުނީ ހުރިހާ ކަމެއް ހުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް ކަންކަން ގޯސް ވާން ދިމާވީ ކީއްވެގެންކަން މިވަގުތު އޭނާ އަށް ޖަވާބު ދެވެން ނެތް ކަމަށް ބުންޏެވެ.

"މިކަން މިހެން ދިމާވީ ކީއްވެގެންކަން ވިސްނާލަން އަހަންނަށް ވަގުތުކޮޅެއް ދީ. މިއީ ބަލައިގަންނަށް ވަރަށް އުނދަގޫ ކަމެއް. އެކަމަކު އެހެން ވިޔަސް މިކަން އަހަރެން ބަލައިގަންނަން،" އޭނާ ބުންޏެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް އެ ޓީމު ކުޅެން ބޭނުންވި ގޭމް ނުކުޅެވުނެވެ. ކްލްޕް ބުނީ ލިވަޕޫލުން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ވަރަށް ގިނަ ކަންކަން އަހަރެމެންގެ ކިބައިން އުނި ވެއްޖެ. މީ ހުރިހާ މެޗެއްގައި ވާ ގޮތެއް ނޫން. ނަމަވެސް މި މެޗުގައި މިހެން ވެއްޖެ،" އޭނާ ބުންޏެވެ.

"މީގެ ހެއްވާ ކަމަކަށް ވާނީ ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގުގެ މެދުތެރެއިން މިކަންކަން ރަނގަޅު ކުރަން ޖެހުން."

އޭނާ ބުނީ ނަޕޯލީން ކުޅުނީ މޮޅު ގޭމެއް ކަމަށާއި ލިވަޕޫލަށް ލިވަޕޫލްގެ ގޭމް ނުކުޅެވުނު ކަމަށެވެ. ތިއާގޯ އަލްކާންޓާރާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތުމާ ހަމައަށް ބޯޅަ އަށް ވިއްދައިގެން ވެސް އެ ޓީމަށް މަސައްކަތް ނުކުރެވޭ ކަމަށް ޖަރުމްނަގެ ކޯޗު ބުންޏެވެ.