Roadha Mihaaru
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް

ކްލޮޕްގެ ފެއާވެލް އެންފީލްޑްގައި ފެށިއްޖެ، ފުރަތަމަ ވެސް ނޯރިޗް އަތުން ބޮޑު މޮޅެއް

29 ޖެނުއަރީ 2024

ލިވަޕޫލް (ޖެނުއަރީ 29) - މި ސީޒަނަށް ފަހު، ލިވަޕޫލް ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ، ޔާގަން ކްލޮޕަށް އަލްވަދާއު ކިޔުމުގެ ހަރަކާތްތައް އެންފީލްޑްގައި ފެށި މެޗުގައި ނޯރިޗް އަތުން 5-0 ން ބޮޑު މޮޅެއް ހޯދައިފި އެވެ.

ލިވަޕޫލް (ޖެނުއަރީ 29) - މި ސީޒަނަށް ފަހު، ލިވަޕޫލް ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ، ޔާގަން ކްލޮޕަށް އަލްވަދާއު ކިޔުމުގެ ހަރަކާތްތައް އެންފީލްޑްގައި ފެށި މެޗުގައި ނޯރިޗް އަތުން 5-0 ން ބޮޑު މޮޅެއް ހޯދައިފި އެވެ.

ލިވަޕޫލް ދޫކޮށްލާނެކަން، ކްލޮޕް ހާމަ ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ނޯރިޗާ ދެކޮޅަށް ކުޅުނު މެޗަކީ ކްލޮޕްގެ އެ އިއުލާނަށް ފަހު ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗެވެ.

އަށް އަހަރު ވަންދެން ލިވަޕޫލަށް، ކްލޮޕް ކޮށްދިން ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އޭނާ އަށް ޝުކުރު އަދާ ކުރުމުގެ ބެނާތަކާއި ޝުއޫރުތަކުން މުޅި ސްޓޭޑިއަމް ގުގުމާލައިފަ އެވެ.

"އަހަންނަކީ ލަކުޑިން ހަދާފައިވާ މީހެއް ނޫން. އެއީ އިމޯޝަނަލް ކަމެއް ނަމަވެސް އަހަރެން ޖެހޭނީ އަމިއްލަ އަށް މި ޖަޒްބާތުތަކުން ދުރަށް ދާން. އަހަންނަށް ހުރިހާ މެސެޖެއް ލިބުނު،" ސަޕޯޓަރުންގެ ޝުއޫރުތައް ފެނި، މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"ބިލް ޝެންކްލީ ވަކިވި ދުވަހު ކުރެވުނު ފަދަ އިހްސާސެއް އަހަރެންނަށް ކުރެވުނީ،" ލިވަޕޫލްގެ ސީޒަން ޓިކެޓް 50 އަހަރު ވަންދެން ހޯދާފައިވާ ކޭން ބަކްލީ، ޖާގަން ކްލޮޕް ވަކިވުމާ ބެހޭ ގޮތުން ބުންޏެވެ.

"ހަގީގަތުގައި ވެސް އެއީ ގަބޫލު ކުރަން އުނދަގޫ ކަމެއް އެއީ އާއިލާގެ މެންބަރަކު ގެއްލުނު ކަހަލަ އިހްސާސެއް ކުރެވެނީ."

ބިލް ޝެންކްލީ އަކީ ލިވަޕޫލްގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ 1959 ން 1974 އަށް ލިވަޕޫލަށް ކޯޗުކޮށްދީފަ އެވެ. އޭނާ ވަނީ 1981 ގައި މަރުވެފަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖެހީކާޓިސް ޖޯންސް، ޑާވިން ނުނޭޒް، ޑިއޯގޯ ޖޮޓާ، ވާޖިލް ވެން ޑައިކް އަދި ރަޔަން ގްރެވެންބާޗް އެވެ.