Roadha Mihaaru
ކްލޮޕާއި ސްލޮޓް އެއްގޮތެއްނޫން، މީ ތަފާތު ދެ ޓީމެއް

ކްލޮޕާއި ސްލޮޓް އެއްގޮތެއް ނޫން، މިއި ތަފާތު ދެ ޓީމެއް: އެލިސަން

29 ޑިސެމްބަރ 2024

ލިވަޕޫލުގެ މިހާރުގެ ކޯޗު އާން ސްލޮޓް އާއި ކުރީގެ ކޯޗު ޔާގަން ކްލޮޕްއާ މުޅިން ތަފާތު ކަމަށާއި ދެ ކޯޗުން ގެންގުޅުނީ ވެސް މުޅިން ތަފާތު ދެ ޓީމެއް ކަމަށް އެ ޓީމުގެ ގޯލް ކީޕަރު އެލިސަން ބެކާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިވަޕޫލުގެ މިހާރުގެ ކޯޗު އާން ސްލޮޓް އާއި ކުރީގެ ކޯޗު ޔާގަން ކްލޮޕްއާ މުޅިން ތަފާތު ކަމަށާއި ދެ ކޯޗުން ގެންގުޅުނީ ވެސް މުޅިން ތަފާތު ދެ ޓީމެއް ކަމަށް އެ ޓީމުގެ ގޯލް ކީޕަރު އެލިސަން ބެކާ ބުނެފި އެވެ.

ކްލޮޕާ އެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ހޯދި ކީޕަރު ބުނީ އޭރު ވެސް ތިބި ބައެއް ކުޅުންތެރިން ތިބި ނަމަވެސް މިހާރު އޮތް ޓީމަކީ ތަފާތު ޓީމެއް ކަމަށެވެ.

"އަހަންނަކަށް ހީނުވޭ ދެ ޓީމު އެއްގޮތްހެނެއް. ތަފާތު ދެ ޓީމެއް،" ކްލޮޕްގެ ލިވަޕޫލާއި މިހާރުގެ ކޯޗު ސްލޮޓްގެ ޓީމާ އަޅާ ކީ ދާނެތޯ ސުވާލު ކުރުމުން އެލިސަން ބުންޏެވެ.

"އޭރު ކުޅުނު ބައެއް ކުޅުންތެރިން އެބަ ކުޅޭ މިހާރު ވެސް. އެކަމަކު އަހަރެމެންނަކީ މުޅިން ތަފާތު ސްޓައިލަކަށް މިހާރު ކުޅޭ ޓީމެއް. މިހާރު ކުޅެނީ ބޯލް ޕޮޒެޝަން ހިފަހައްޓައިގެން. އޭރު ކުޅެނީ ސީދާ ހަމަލާ އުފައްދާ ވަރަށް ބޮޑަށް ވިއްދައިގެން ކުޅޭ ސްޓައިލަށް."

އޭނާ ބުނީ ކްލޮޕްއާ އެކު އޮތް ޓީމަކީ ވަރަށް ހާއްސަ ޓީމެއް ކަމަށެވެ.

"ވަރަށް ބޮޑެތި ކަންތައްތައް އަހަރެމެން ހާސިލު ކުރިން. އަހަރުތަކަކަށް ފަހު ލީގު ކާމިޔާބު ކުރިން. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިން. އަހަންނަކަށް ހީއެއްނުވޭ އަޅާކިޔަން ޖެހޭ ވަރުގެ އެއްގޮތް ކަންތައްތަކެއް ހުރިހެނެއް،" އެލިސަން ބުންޏެވެ.

އޭނާ ބުނީ އެއްގޮތް ކަމަކީ މިހާރު ވެސް ކާމިޔާބު ހޯދަން ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބުން ކަމަށެވެ.

ސްލޮޓާ އެކު ލިވަޕޫލަށް މި ސީޒަނުގައި ތާރީހީ ކާމިޔާބެއް ހޯދަން ކުޅުންތެރިން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް އެލިސަން ބުންޏެވެ.

ލިބުނު އަނިޔާ އަކާ ގުޅިގެން އެލިސަން ކުޅުމާ ދުރުގައި ހުންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އޭނާ މިހާރު ފިޓްވެފައިވާ ކަމަށް އުމުރުން 32 އަހަރުގެ ކީޕަރު ބުންޏެވެ.