Roadha Mihaaru
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި

އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޕަބެލޯގެ ދަރިފުޅު ނިކޯ ރެއާލްގައި ވިދާލައިފި

30 ނޮވެމްބަރ 2023

މެޑްރިޑް (ނޮވެމްބަރު 30) - އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޕަބެލޯ ޕާޒްގެ ދަރިފުޅު ނިކޯ ޕާޒް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑްގައި ވިދާލައިފި އެވެ.

މެޑްރިޑް (ނޮވެމްބަރު 30) - އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޕަބެލޯ ޕާޒްގެ ދަރިފުޅު ނިކޯ ޕާޒް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑްގައި ވިދާލައިފި އެވެ.

މެޑްރިޑްގެ ސެންތިއާގޯ ބާނެބެއުގައި، ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި، ނަޕޯލީން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް ރެއާލް އަށް އަލުން ލީޑް ނަގައި ދިނީ 19 އަހަރުގެ ނިކޯ އެވެ. ރެއާލުން މެޗު ކާމިޔަބު ކުރީ 4-2 ންނެވެ.

މެޗުގެ 84 ވަނަ މިނެޓްގައި އެންޓޯނިއޯ ރޫޑިގާ ދިން ބޯޅަ، އޭރިއާގެ ބޭރުން، ބާރު ޝޮޓެއް ހަދައި ނިކޯ ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ. އެއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ކޯޗުކޮށް ދޭ، ރެއާލްގެ ބީ ޓީމުގެ ވިންގާ، ރެއާލްގެ އެކަޑަމީއާ ގުޅުނީ 2017 ގަ އެވެ. އޭނާގެ ބައްޕަ ގޮތަށް ނިކޯ ކުޅުނީ ޑިފެންޑަރަކަށެވެ. އެކަމަކު އޭނާ އަށް ކޯޗުކޮށް ދިން ބައެއް އެހެން ކޯޗުންނަށް ފާހަގަ ކުރެވުނީ ވިންގައި މިޑްފީލްޑްގައި އޭނާގެ ހުނަރު މާ ރަނގަޅު ކަމަށެވެ. ވިންގް ފޯޥާޑަކަށް ކުޅެން ފެށީ ކޯޗުން ލަފާ ދިނުމުންނެވެ.

ރެއާލް އަށް އޭނާގެ ގާބިލުކަން ވަރަށް ރަނގަޅަށް އެނގެ އެވެ- އެ ޓީމުން ވަނީ ދާދި ފަހުން އޭނާ އަށް ފުރަތަމަ ފަހަރަށް ކޮންޓްރެކްޓެއް ހުށަހަޅައިިފަ އެވެ. ބައެއް މީހުން އޭނާއާ މާކޯ އަސެންސިއޯއާ އަޅާކިޔަ އެވެ.

ނިކޯގެ ބައްޕަ ޕެބަލޯ ވަނީ ސްޕެއިންގެ ޓޮޕް ޑިވިޝަނުގައި 82 މެޗު ކުޅެފަ އެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 25 މެޗު ކުޅުނު، ޕަބެލޯ ވަނީ 1996 ގައި އެޓަލާންޓާ އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދި އާޖެންޓީނާގެ ޓީމަށް ކުޅެފަ އެވެ.

ރޭގެ މެޗުގައި ނަޕޯލީން ޖިއޮވާނޭ ސިމިއޯނޭ އެ ޓީމަށް ލީޑް ނަގާފައި ވަނިކޮށް، ރެއާލް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ރޮޑްރިގޯ ގޮއިސް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޫޑް ބެލިންހަމް އެ ޓީމަށް ލީޑް ނަގައި ދިނެވެ. ދެވަނަ ހާފަށް ނުކުމެ ދެވަނަ މިެނޓްގައި އަންޑްރޭ ފްރޭންކް ޒަމްބޯ އަންގުއީސާ ނަޕޯލީ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.

ރެއާލް އަށް ނިކޯ، ލީޑް ނަގައި ދިނީ 84 ވަނަ މިނެޓްގަ އެވެ. އޭގެ 10 މިނެޓް ފަހުން ހޮސެލޫ ރެއާލްގެ ހަތަރުވަނަ ލަނޑު ޖަހައި ދިނެވެ.