Roadha Mihaaru
"ސްޕައިސް ގާލްސް" ގެ ޓުއާ އަންނަ އަހަރު

ހަތަރު މެމްބަރުންނާ އެކު "ސްޕައިސް ގާލްސް" ގެ ޓުއާ އަންނަ އަހަރު ބާއްވަނީ

07 ނޮވެމްބަރ 2018

ފަސް މެމްބަރުން ހިމެނުނު އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ހަތަރު މެމްބަރުންނާ އެކު އަންނަ އަހަރު ޓުއާއަކަށް ނުކުނަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަސް މެމްބަރުން ހިމެނުނު އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ހަތަރު މެމްބަރުންނާ އެކު އަންނަ އަހަރު ޓުއާއަކަށް ނުކުނަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ޓުއާގައި ބައިވެރި ނުވާނީ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްއާ ކައިވެނިކޮށް ދަރިން ވެސް ލިބި މިހާރު އަމިއްލަ ފެޝަން ކުންފުންޏެއް ވެސް ހިންގާ ވިކްޓޯރިއާ ބެކަމް އެވެ. "ޕޯޝް ސްޕައިސް" ގެ ނަމުން މަޝްހޫރުވި ވިކްޓޯރިއާ ބުނީ ވިޔަފާރީގައި މާ ބުރަކޮށް އުޅެން ޖެހޭތީ ޓުއާގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

ބޭންޑްގެ އަނެއް ހަތަރު މެމްބަރުން ކަމަށްވާ މެލްބީ، 43، އާއި މެލަނީ ސީ، 44، އާއި ގެެރީ ހެލިވެލް، 46، ގެ އިތުރުން އެމާ ބަންޓަން، 42، ޓުއާގައި ބައިވެރި ވާނެ އެވެ. އަދި އެ މީހުންނާ އެކު އިނގިރޭސި ޒުވާން އަންހެން ލަވަކިޔުންތެރިޔާ ޖެސް ގްލީން، 29، ވެސް ބައިވެރި ވާނެ އެވެ.

ސްޕައިސް ގާލްސް ޓުއާއަކަށް ނުކުންނަން އުޅޭ ވާހަކަ 2016 އިން ފެށިގެން ވަރަށް ގަދައަށް ދެކެވެމުން ދަނިކޮށް އެންމެ ފަހުން އޭގައި ކުލަ ޖެހި، ހަގީގަތަކަށްވެގެންދާ އިރު، މި ފަހަރު ޓުއާ ކުރާނީ ހަމައެކަނި އިނގިރޭސިވިލާތުގަ އެވެ. އެގޮތުން ޓުއާ ފަށައި ގަންނަން ހަމަޖެހިފައި ވަނީ ޖޫން، 1، 2019 ގައި މެންޗެސްޓާ އިއްތިހާދު ސްޓޭޑިއަމުންނެވެ.

"ސްޕައިސް ގާލްސް" ގެ ޓްވީޓެއް.

ޓުއާގެ ބާއްވާ ސިޓީތަކުގެ ތެރޭގައި ކޮވެންޓްރީ، ސަންޑަލެންޑް، އެޑިންބަރާ، ބްރިސްޓަލް އަދި ލަންޑަން ހިމެނެ އެވެ. ޓުއާ ނިންމައިލާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުންނެވެ. މި ޓުއާގެ ޓިކެޓް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވިއްކަން ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މެލް ބީ ބުނި ގޮތުގައި ވަރަށް ދުވަސްކޮށްފައި ޓުއާއަކަށް ބޭންޑް ނުކުންނަން ހަމަޖެހިގެން ދިއުމަކީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރުވާ ކަމެކެވެ. އޭނާ ބުނީ އަންނަ އަހަރު ހަމައެކަނި އިނގިރޭސިިވިލާތުގައި ޓުއާއަކަށް ނުކުންނަން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވޯލްޑް ޓުއާކަށް ދިއުމުގެ ވިސްނުން ވެސް އެބައޮތް ކަމަށެވެ.

"އަހަރެމެން އުންމީދު ކުރަން އޭގައި ވިކްޓޯރިއާ ވެސް ބައިވެރި ވާނެ ކަމަށް،" އޭނާ ބުންޏެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރެއްގައި އުފެއްދި "ސްޕައިސް ގާލްސް" ރިޔުނިއަނެއްގެ ގޮތުގައި އެންމެ ފަހުން ޓުއާއަކަށް ނުކުތީ 2008 ގަ އެވެ.

ބޭންޑުން ބޭންޑުން ވަނީ ވަރަށް ކާމިޔާބު ތިން އަލްބަމެއް ވެސް ނެރެފަ އެވެ. އެއީ ސްޕައިސް (1996)، ސްޕައިސް ވޯލްޑް (1997) އަދި ފޮއެވާ (2000) އެވެ.