Roadha Mihaaru
މެލް ބީގެ ފެނިލުމެއް: ލޯބިން އަނިޔާއެއް ނުކުރާނެ

މެލް ބީގެ ފެނިލުމެއް: ލޯބިން އަނިޔާއެއް ނުކުރާނެ

15 މެއި 2021

އަންހެނުންނަށް ކުރާ ގެވެށިއަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމަށް ހެދި ވީޑިއޯއެއް އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު މެލް ބީއާ އެކު އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނުންނަށް ކުރާ ގެވެށިއަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމަށް ހެދި ވީޑިއޯއެއް އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު މެލް ބީއާ އެކު އާންމުކޮށްފި އެވެ.

ސްކޭރީ ސްޕައިސްގެ ނަމުން މަޝްހޫރުވި، މިހާރު 45 އަހަރުގެ ފަންނާނުގެ ވީޑިއޯގެ ނަމަކީ "ލަވް ޝުޑް ނޮޓް ހާޓް" އެވެ. އެ ގެނެސްދީފައި ވަނީ އަނިޔާވެރި ގުޅުމެއްގެ ތެރޭގައި އަންހެނަކަށް ކުރިމަތިލާން ޖެހޭ ހާދިސާތަކާ އެކީގަ އެވެ. ހަމައެކަނި މިއުޒިކް ހިމަނާފައިވާ ވީޑިއޯއެއްގައި އެއްވެސް މީހެއްގެ އަޑެއް ބޭނުންކޮށްފައެއް ނުވެ އެވެ.

މި ވީޑިއޯގެ މިއުޒިކް ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ކްލަސިކަލް މިއުޒިކް ކޮމްޕޯޒަރު ފެބިއޯ ޑި އެންޑްރީ އެވެ.

"ލަވް ޝުޑް ނޮޓް ހާޓް" އަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ޗެރިޓީ ވިމެންސް އެއިޑްސް އިން ގެނެސްދިން އެއްޗެކެވެ. ވީޑިއޯ ނިންމައިލަމުން އަންހެނުންނަށް ކުރިމަތިވާ ގެވެށިއަނިޔާގެ ކުޑަ ތަފާސްހިސާބެއް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއާ ހަވާލާދީ ހިމަނާފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ކޮންމެ ތިން އަންހެނުން އެކަކީ ބައިވެރިޔާ ނުވަތަ އެހެން ކޮންމެވެސް މީހެއްގެ ފަރާތުން ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބޭ މީހެކެވެ.

"ލަވް ޝުޑް ނޮޓް ހާޓް" އާ ބެހޭ ގޮތުން މެލް ބުނީ އޭގައި ބައިވެރިވާން އޭނާ ނިންމީ އޭނާ އަށް ވެސް ގެވެށިއަނިޔާ ތަޖުރިބާކުރެވިފައިވާތީ އެވެ. ތިން ދަރިން ތިބި މެލް ބީ މިހާތަނަށް ފަސް މީހަކާ ލޯބީގެ ގޮތުން ގުޅުނު އިތު ދެ ކައިވެނިކުރި އެވެ. އެކަމަކު ދެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. އޭނާ ބުނެފައި ވަނީ އެ ގުޅުންތައް ނިންމާލަން ޖެހުނީ ވެސް އަނިޔާތަކާ ހެދި ކަމަށެވެ.

"އެހެންވެ ގެވެށިއަނިޔާ ގުޅޭ ގޮތުން ހޭލުންތެރިކަމުގެ މަސައްކަތެއްގައި ބައިވެރިވާން ނިންމީ އަހަރެންގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި،" މެލް ބީ ބުންޏެވެ. "އަދި ވީޑިއޯގައި ފެންނަ މަންޒަރުތަކަކީ އަހަރެންގެ ހަޔާތުގައި އަމިއްލަ އަށް ކުރިމަތިވި ބައެއް ކަންކަން."

އޭނާ ބުނި ގޮތުގައި ގެވެށިއަނިޔާއާ އެންމެ ބޮޑަށް ކުރިމަތިވީ ދެވަނަ އަށް ކައިވެނިކުރި ފިލްމު ޕްރޮޑިއުސަރު ސްޓެފެން ބެލަފޯންޓްގެ ފަރާތުންނެވެ. އެ ދެ މީހުން 2007 ގައި ކުރި ކައިވެނި ރޫޅައިލީ 2017 ގަ އެވެ. މެލް ބީގެ ތިން ކުދިންގެ ތެރެއިން ހަގު ދަރިފުޅު މެޑިސަން ބްރައުން ބެލަފޯންޓް، 9، އަކީ ސްޓެފެންގެ ދަރިއެކެވެ.

މެލްބީގެ އަލަތު ކައިވެންޏަށް ލިބުނު ފީނިކްސް ޗީ ގުލްޒާރް އަށް މިހާރު 22 އަހަރެވެ. އަދި ދެވަނަ ދަރިފުޅު އެންޖެލް އައިރިސް މާފީ ބްރައުން އަށް 14 އަހަރެވެ.

ވިމެންސް އެއިޑް އިން ބުނި ގޮތުގައި ގެވެށިއަނިޔާ އަށް ހޭލުންތެރިކަން އުފައްދަން އާ ވީޑިއޯއެއް ގެނެސްދިނީ މިދިޔަ އަހަރަކީ ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަންހެނުންނަށް ގެވެށިއަނިޔާ ކުރިމަތިލާން ޖެހުނު މިންވަރު އިތުރު އަހަރަކަށްވާތީ އެވެ. ވަރަށް ގިނަ ގައުމުތަކުން އެފަދަ މައްސަލަ ރިޕޯޓް ވެސްކޮށްފައިވެ އެވެ.