Roadha Mihaaru
"ޖަޒީރާ ރާއްޖެ ތަރައްގީކުރަން މާލެ ހިތްފަސޭހަވާންޖެހޭ"

ޖަޒީރާ ރާއްޖެއެއް ތަރައްގީކުރަން މާލެ ހިތްފަސޭހަވާން ޖެހޭ:އިބޫ

06 ނޮވެމްބަރ 2018

ޖަޒީރާވަންތަ ގޮތަށް ރާއްޖެ ތަރައްގީކުރެވޭނީ މާލެއަކީ ހިތްފަސޭހަތަނަކަށް ހަދައިގެން ކަމަށް އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖަޒީރާވަންތަ ގޮތަށް ރާއްޖެ ތަރައްގީކުރެވޭނީ މާލެއަކީ ހިތްފަސޭހަތަނަކަށް ހަދައިގެން ކަމަށް އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްްޖެ އެވެ.

"ޖަޒީރާ ހޮޅުއަށި" މި ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދަރުބާރުގޭގައި މިރޭ ފެށި ފުރަތަމަ ބައްދަލުވުުމުގައި އިބޫ ވިދާޅުވީ މާލެ ހިތްފަސޭހަ ކުރެވޭނީ ލާމަޒުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކޮށްގެން ކަމަށެވެ. ދިވެހިވަންތަ ނުވަތަ ރަށްރަށަށް ލިބޭ އާމްދަނީން އެ ރަށެއް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި، ރާއްޖެ ތަރައްގީ ކުރަން ގެންގުޅުއްވި ކޮންސެޕްޓެވެ.

"އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ރާއްޖެއެއް، ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށްޓަކައި މާލެ އެބަ ޖެހޭ ހިތްފަސޭހަ ތަނަކަށް ވާން. މާލެ ހިތްފަސޭހަ ތަނަކަށް، ރަނގަޅު ދިރިއުޅުމެއް އުޅެވޭ ތަނަކަށް ވާނީ ލާމަޒުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރެވިގެން،" އިބޫ ވިދާޅުވި އެވެ.

އިބޫއާ އެކު އެ ބައްދަލުވުމުގައި ކޯލިޝަން ސަރުކާރުގެ ބައިވެރިން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

އިބޫގެ ކުރު ވާހަކަފުޅަށް ފަހު، އެ ބައްދަލުވުމުގައި ބައިވެރިވި އާއްމުންގެ ތެރެއިން ނަން ނޯޓްކޮށްފައިވާ މީހުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނެވެ. އެގޮތުން މާލޭގެ މަގުތަކުގައި ކުރިމަތިވާ ބޮޑެތި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތަކަށް ހައްލުތަކެއް ހުށަހެޅި އެވެ. ޓްރެފިކް ބާރު ބޮޑުވުމާއި ޕާކްކުރާނެ ތަންތަން ނެތުމާއި އިމާރާތްތަކުން މަގުތަކަށް ފެން ފޭބުމާއި މަގުމަތީގައި މުދާ ބެހެއްޓުން ފަދަ މައްސަލަތައް ހައްލުކުރަން އެކި އެކި ރައްޔިތުން ހިޔާލުފާޅުކުރި އެވެ.

މިރޭ ހުށަހެޅި ހިޔާލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހިޔާލުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުގެ ދެފަރާތުން އޮތް ދެމަގު އަލުން ހުޅުވުމާއި އެ މަގު ފުޅާކުުރުން ހިމެނެ އެވެ. އޭގެ އިތުރުން ވެސް މާލޭގައި ފުޅާ ކުރެވެން ހުރި އެހެން މަގުތައް ވެސް ފުޅާކުރުމަށް އެކަކު ހުށަހެޅި އެވެ. ބޭރުން ގެންނަ މުދަލުގެ ތެރެއިން ބޮޑުބައެއް ހުޅުމާލެއަށް ބޭލޭނެ އިންތިޒާމް ހަޖައްސައި މާލެއަށް ބާލާ މުދަލުގެ އަދަދު މަދުކުރަން ވެސް ހުށަހެޅި އެވެ. އަތޮޅުތަކުން އަންނަ ބޯޓު ފަހަރު ގާތްކުރާ ސަރަހައްދުގައި ޖެޓީތަކެއް ހިއްކައި އެ ތަންތަނުން މުދާ އަރުވާ ގޮތަށް ހަދަން ވެސް ބައިވެރިއަކު ހިޔާލު ހުށަހެޅި އެވެ.

ވަގުތުކޮޅު ކުޑަކަމުން، މިރޭގެ ބައްދަލުުވުން ނިންމައިލި އިރު ހިޔާލު ހުށަހަޅަން ނަންނޯޓް ކުރި އެތައް ބަޔަކަށް ފުރުސަތު ނުލިބި ތިއްބެވެ.