27 އޮކްޓޯބަރ 2018
ޖަލަށް ލުމަކީ ކުށެއް ސާބިތުވުމުން މިހާރު ދޭ އެންމެ ބޮޑު އަދަބެވެ. އެ އަދަބު، އަހްމަދު ނާފިއު އަށް ބަދަލުވީ، މުޅި އުމުރު ހިތުން ނުފިލާވަރުގެ އަނިޔާއަކަށެވެ. ހަތް މަހުގެ ޖަލު ހުކުމުން މިދިޔަ މަހުގެ ފަހުކޮޅު މިނިވަންވިއިރު، ނާފިއު، 38، ގެ ކަނާތު ފައިގެ އިނގިލިތައް ޖެހުނީ ބުރިކޮށްލާށެވެ. ވައަތު ފަޔަށް ވެސް ބޭސްކުރަމުން އަންނައިރު، އެ ފައިގެ އިނގިލިތައް ވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
ޖަލަށް ލުމަކީ ކުށެއް ސާބިތުވުމުން މިހާރު ދޭ އެންމެ ބޮޑު އަދަބެވެ. އެ އަދަބު، އަހްމަދު ނާފިއު އަށް ބަދަލުވީ، މުޅި އުމުރު ހިތުން ނުފިލާވަރުގެ އަނިޔާއަކަށެވެ. ހަތް މަހުގެ ޖަލު ހުކުމުން މިދިޔަ މަހުގެ ފަހުކޮޅު މިނިވަންވިއިރު، ނާފިއު، 38، ގެ ކަނާތު ފައިގެ އިނގިލިތައް ޖެހުނީ ބުރިކޮށްލާށެވެ. ވައަތު ފަޔަށް ވެސް ބޭސްކުރަމުން އަންނައިރު، އެ ފައިގެ އިނގިލިތައް ވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
ނާފިއު އަށް މި އަނިޔާ ދިނީ، އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، ކަރެކްޝަނަލް ސާވިސް އިންނެވެ. އެކަށީގެންވާ ފަރުވާ ނުދީ، އަދަބަށް ވުރެން ބޮޑަށް ޖަލުގައި އޭނާ އަށް އަނިޔާ ދިނީ އެވެ. ފަރުވާ ލިބުނު ނަމަ، އޭނާގެ ދެފައިގެ އިނގިލިތައް ވެސް ސަލާމަތްކުރެވުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.
ނާފިއު އޭޑީކޭގައި އެޑްމިޓްކޮށްފައި: މިދިޔަ ހަފުތާގައި އޭނާ ގެއަށް ދޫކޮށްލީ މަހެއްހާ ދުވަހު އެތަނުގައި ފަރުވާ ދިނުމަށް ފަހު.
މި އަހަރުގެ ކުރީކޮޅު، ނާފިއު ހަތް މަހަށް ޖަލަށްލީ މީހެއްގެ މުދަލެއް ހުއްދަ ނުހޯދައި ގެންގޮސް ބޭނުންކުރި މައްސަލައެއްގަ އެވެ. އެ ހުކުމުން މިދިޔަ މަހުގެ 23 ގައި މިނިވަންވުމާއެކު ޖެހިގެން އައި ދުވަހު އޭޑީކޭގައި އެޑްމިޓްކޮށް، ސީރިއަސް އޮޕަރޭޝަންތަކެއް ވަނީ ކޮށްފަ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މުހައްމަދު ނާޒިމް (ބައުންޓީ) ބުނިގޮތުގައި ޖަލަށް ލިއިރު ނާފިއުގެ ކަނާތު ފައިގައި ނަގާފައި އިން ފޮޅަކީ އާދައިގެ ކަމަކަށް ހަދައި، އެކަށީގެންވާ ފަރުވާދޭން ކަރެކްޝަންސުން ދެކޮޅު ހެދީ އެވެ. ނަތީޖާއަކީ އޭނާގެ ކަނާތު ފައިގެ އެންމެ އިނގިއްޔެއް ފިޔަވައި ހުރިހާ އިނގިލިތައް ގިރުމުގެ ސަބަބުން ބުރިކޮށްލަން ޖެހުމެވެ. ޖަލުން ދޫކޮށްލިއިރު، ކަނާތު ފައިގެ ނާރެއް ބްލޮކްވެ، ރަނގަޅަށް ލޭ ދައުރު ނުވާތީ، ނާފިއުގެ ވައަތު ފައިން ނާރެއް ނަގައި މިހާރު ވަނީ ކަނާތު ފަޔަށް ލައްވައިފަ އެވެ.
ކަނާތު ފަޔަށް ލައްވަން، ވައަތު ފައިން ނާރެއް ނަގަން އޮޕަރޭޝަން ކޮށްފައި.
އެ އޮޕަރޭޝަނާ އެކު ކުޑަ ލުޔެއް ލިބުނު ނަމަވެސް، ވައަތު ފައިގެ އިނގިލިތައް ވެސް ދަނީ ގިރެމުންނެވެ. އެ ފަޔަށް ވެސް ބޭސްކުރަމުން އަންނައިރު، އެ ފައިގެ އިނގިލިތައް ވެސް ބުރިކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އެޑްމިޓްކޮށްގެން މަހެއްހާ ދުވަހު ފަރުވާދިނުމަށް ފަހު މިދިޔަ ބުދަ ދުވަހު ނާފިއު ވަނީ ދޫކޮށްލައިފަ އެވެ.
"ހޮސްޕިޓަލުގައި ހޭދަކުރި މަހެއްހާ ދުވަހު، މިކަމުގައި އެޅި ވޭން ފެނުނު. ތަދު ކަނޑުވާ އިންޖެކްޝަނާއި ނިދާ އިންޖެކްޝަން ޖަހައިގެން އެ ވޭނަށް ކެތްކުރެވުނީ. އެހެންވީމަ ޖަލުގައި އޭނާ އުޅޭނެ ހާލު އެނގޭ،" ނާޒިމް ބުންޏެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ޖަލުގައި ހުރިއިރު، ފައިގައި އަޅާ ވޭނުގައި، ކެތް ނުވެގެން ނާފިއު ޑޮކްޓަރަށް ދައްކަން އެދި އާދޭސްކުރުމުން ވެސް އެއީ، ސީރިއަސް ކަމެއްގެ ގޮތުގައި ކަރެކްޝަނަލް ސާވިސް އިން ނުނެގި އެވެ. ފުރަތަމަ ޑޮކްޓަރަކަށް ވެސް ނުދައްކައި އައިޖީއެމްއެޗަށް ގެނެސް ބޭސްއަޅައިގެން އަނބުރާ ޖަލަށް ގެންދިޔައީ ކަމަށް ނާޒިމް ބުންޏެވެ.
"ބައެއް އިނގިލިތައް ގިރިގެން ފޭބީ، ޖަލު ގޮޅީގައި. ވަރަށް އާދޭސްކުރި ފަހުން، އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކީމަ ބުނަނީ ފައިގެ އިނގިލިތައް ޖެހޭނީ ބުރިކޮށްލާށޭ،" ނާޒިމް ބުންޏެވެ.
ނާފިއުގެ ވައަތު ފައިގެ އިނގިލިތައް ވެސް ގިރެން ފަށާފައި.
ނާފިއުގެ އިނގިލިތައް ގިރެން ދިމާވި ބަލި އެނގުނީ އޭޑީކޭ އިން އެކަމާ ގުޅޭ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުންނެވެ. ފައިގެ އިނގިލިތައް ގިރެން ދިމާވީ، ސިނގިރެޓް ބޯތީ ޖެހޭ ބައްޔަކުންނެވެ. ރާއްޖޭގައި އެހާ އާއްމު ނޫނަސް، ބަލީގެ އަސްލު ސަބަބަކީ ސިނގިރެޓް ބުއިން ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް އާއިލާ އިން ބުންޏެވެ.
"ކުރީކޮޅު ފަރުވާ ދެވުނު ނަމަ، އިނގިލިތައް ބުރިކޮށްލަން ނުޖެހުނީސް،" ނާޒިމް ބުންޏެވެ.
ދައުލަތުން ނާފިއު އަށް އިއްވި އަދަބު ތަންފީޒުކޮށް ނިމުނުއިރު، ޖަލުގައި އޭނާ ލާއިންސާނީ އަނިޔާ ދިނުމަކީ އާއިލާ އިން ދެކޭ ގޮތުގައި ކުޑަ މައްސަލައެއް ނޫނެވެ. ފަރުވާ ދިނުމުގައި އިހުމާލުވި މީހުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.
އެކަމަކު ކަރެކްޝަނަލް ސާވިސް އިން މި މައްސަލައިގައި، މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މީޑިއާގައި، މި އިހުމާލުގެ ވާހަކަ ރިޕޯޓްކުރުމުން ވެސް ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ވެސް އެއްޗެއް ނުބުންޏެވެ. ޖަލުގައި ހިނގާ އެހެން އިހުމާލުތަކުގެ މައްސަލަ ރިޕޯޓްކުރުމުން ވެސް ޖަވާބުދާރީނުވުމަކީ ގިނަފަހަރަށް، ކަރެކްޝަނަލް ސާވިސް އިން އަމަލުކުރާ ގޮތެވެ.
ނާފިއުގެ ފައި: ހާލަތު ގޯސްވީ ކަރެކްޝަނުން ފަރުވާ ކުޑަކުރުމުން ކަމަށް އާއިލާއިން ބުނޭ --
އެކަށީގެންވާ ފަރުވާ ނުދީ، ނާފިއުގެ ހައްގުތަކަށް އަރައިގަތް މައްސަލަ އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅައިފަ އެވެ. ހޮސްޕިޓަލުގައި އޮތްއިރު، އެ ކޮމިޝަނުން ހާޒިރުވެ، ހާދިސާގެ މައުލޫމާތު ނެގި އެވެ. އޭގެ ފަހުން، ގުޅައި ހާލު ބެލި ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާގެ ކަންބޮޑުވުމަކީ، އެޗްއާރުސީއެމުން މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނި ނަމަވެސް މިކަމުގައި ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަމެއް ނެތުމެވެ. ޖަލުތަކުގައި މިހާތަނަށް ހިނގާފައިވާ އިހުމާލުގެ ހާދިސާތައް ވެސް ބަލައި އެކަށީގެންވާ ފިޔަވަޅު އަޅާކަން ކަށަވަރު ނުވާތީ އެވެ.
"މިއީ، ވަރަށް ބޮޑު އަނިޔާއެއް، މިކަމުގައި ކަރެކްޝަނަލް ސާވިސް އިން ޒިންމާ ނަގަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނާޒިމް ބުންޏެވެ.
ޖަލުތަކުގައި ހިނގާ މިފަދަ މައްސަލަތައް އެޗްއާރުސީއެމުން ތަހުގީގު ކުރި ނަމަވެސް މީޑިއާތަކަށް، އެ މައުލޫމާތުތައް ހިއްސާއެއް ނުކުރެ އެވެ. އެއީ، އެޗްއާރުސީއެމުން ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން ހިފަހައްޓާ އުސޫލެކެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ކުރިމަތިވާ ސިއްހީ ކަންކަމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވަމުންދާ ކަމުގެ ޝަކުވާ ބޮޑެވެ. ޖަލުގައި ބައެއް މީހުން މަރުވެފައިވާއިރު، ބައެއް ހާދިސާތަކުގައި ދައުލަތަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.
އާއިލާގެ ވިސްނުމަކީ ނާފިއުއަށް ޖަލުގައި އިހުމާލުވި މައްސަލައިގައި އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ކަރެކްޝަނާ ދެކޮޅަށް ދައުވާ ކުރުމެވެ.
ޖަލުގައި ކުރި އަނިޔާތަކުގެ މައުލޫމާތު ކޮމިޓީން ހޯދަނީ
ޖަލުގައި އަނިޔާކުރުން ހުއްޓުވަން ބަދަލު ގެންނަނީ
އުތުރު ތިލަފަޅުގެ ޖަލާއެކު އެހެން ތަންތަން ބަންދުކުރަނީ
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ
ފައިސާ ނަގައިގެން ގައުމަށް ޣައްދާރެއް ނުވެވޭނެ:އިހުސާން
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލުގެ ޑްރަގް ރިހެބް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި