Roadha Mihaaru
ބޮމެއް ބޭއްވި ކަމަށްބުނެ ޖަލަށްލި އެކަކު ސަލާމަތްވެއްޖެ

ބޮން ބޭއްވި ކަމަށް ބުނެ ޖަލަށް ލި އެކަކު ސަލާމަތްވެއްޖެ

18 އޮކްޓޯބަރ 2018

މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށް ލި ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން އޭނާ މިއަދު މިނިވަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށް ލި ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން އޭނާ މިއަދު މިނިވަންކޮށްފި އެވެ.

ނޮވެމްބަރު، 2015 ގައި އަމިއްލައަށް ތައްޔާރުކުރި ބޮމެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި އުޅުނު މައްސަލާގައި ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. އޭގެ ތެރެއިން މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، ދެން ތިބި ތިން މީހުންނަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

އޭގެ ތެރެއިން އުބައިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން މިއަދު އޭނާ މިނިވަންކުރީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެކަމުގައި އުބައިދު ބައިވެރިވި ކަމަށް ބުނެ ހުށަހަޅާފައި އޮތީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އެއް ފަރާތް ކަމަށްވާ ޒިހާން ތަހުގީގަށް ދިން ބަޔާނެއް ކަމަށާއި އިތުރު އެއްވެސް ހެއްކެއް އުބައިދާ ދެކޮޅަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އުބައިދާ ދެކޮޅަށް ތަހުގީގުގައި ޒިހާން ދިން ބަޔާނަކީ މަޖުބޫރު ވެގެން ދިން ބަޔާނެއް ކަމަށާއި އެކަމުގައި އުބައިދުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޒިހާން ދަށު ކޯޓުގެ ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދަށު ކޯޓުގައި ހެކިބަސް ދިން ފުލުހުންގެ ހެކިބަހަށް ބަލާއިރު ވެސް، އުބައިދުގެ ގެއިން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖްތަކުން ވެސް، އުބައިދު އެއިން ކަމެއްގައި ހަރަކާތްތެރިވި މަންޒަރު ފެނިފައި ނެތް ކަމަށާއި އެ ހާދިސާއާ ގުޅިގެން ނެގި ޑީއެންއޭތަކުގެ އެއްވެސް ޑީއެންއޭއެއް ވެސް އުބައިދާ ދިމާނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެކަންކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އުބައިދުގެ މައްޗަށް ކުށް ސާބިތުވާ މިންވަރު ހެއްކެއް ނެތް ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމުގައި އޭނާ ޖަލަށްލާން ހުކުމްކުރި ބައި ބާތިލްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.