Roadha Mihaaru
ދިރާގުން އެންމެ ފަހުގެ އައިފޯނު މާދަމާ ދޫކުރަނީ

ދިރާގުން އެންމެ ފަހުގެ އައިފޯނު މާދަމާ ދޫކުރަން ފަށަނީ

18 އޮކްޓޯބަރ 2018

ދިރާގުން، ޕްރީ އޯޑަރަށް ހުޅުވާލުމުން އެންމެ ފަހުގެ ދެ އައިފޯން ގަތް މީހުންނަށް އެ ފޯނު މާދަމާ ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާގުން، ޕްރީ އޯޑަރަށް ހުޅުވާލުމުން އެންމެ ފަހުގެ ދެ އައިފޯން ގަތް މީހުންނަށް އެ ފޯނު މާދަމާ ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މާކޮމްސް އެންޑް ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް މުހައްމަދު ހިސާން ފަހުމީ ވިދާޅުވީ އެންމެ ފަހުގެ އައިފޯނު 10 އެސް އަދި އައިފޯނު 10އެސް މެކްސް އަށް ޕްރީ އޯޑަރު ދޭން މިދިޔަ ހަފުތާގައި ހުޅުވާލުމުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްރީ އޯޑަރަށް ހަމަޖެއްސި ހުރިހާ ފޯނެއް ހުސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާއަކީ، ރާއްޖޭގައި ރަސްމީކޮށް އައިފޯން ވިއްކަން ހަމަޖައްސާފައިވާ ދުވަހެވެ.

ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވީ ކުލަގަދަ ހަފުލާއަކާ އެކު މާދަމާ މެންދުރުފަހު 2:30 އިން ފެށިގެން ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރުން ފޯނު ދޫކުރަން ފަށާނެ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުންނަށް ހާއްސަ ކިއުއެއް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޝާން ވިދާޅުވީ ރަށްރަށުގައި ތިބޭ މީހުންނަށް، އެ ރަށަކާ އެންމެ ކައިރި ރީޖަނަލް ސެންޓަރަކުން ފޯނު ލިބޭނެ ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެ ސެންޓަރުތަކުން ފޯނު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ދުނިޔޭގެ ބާޒާރަށް ނެރެވޭ އެންމެ ފަހުގެ ފޯނުތައް، އެ ރަސްމީ ތާރީހުގައި ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން. ދިރާގުން އަބަދުވެސް ރާވާފައިވަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތެއްގައި ފުރުސަތު ފަހިކޮށްދިނުން،" އިޝާން ވިދާޅުވި އެވެ.

"އޮންލައިންކޮށް ޕްރީއޯޑާކުރުމާއި އޮންލައިންކޮށް ފަހުން ފޯނު ގަތުމުގެ ފަސޭހަތައް ވެސް ހަމަޖެހިގެންދާނެ."

އެންމެ ފަހުގެ އައިފޯނުތަކުގެ އަގު އުޅެނީ 20،000ރ އިން ފެށިގެން 30،000ރ. އާ ދެމެދުގަ އެވެ. އެ ފޯނުތަކަށް މަހުން މަހަށް ބަހާލައިގެން ވެސް ފައިސާ ދެއްކެ އެވެ. އެގޮތަށް ނަގާ ނަމަ މަހަކު 1599ރ. އާއި 2369ރ. އާ ދެމެދުގެ އަދަދެއް އަރަ އެވެ.