Roadha Mihaaru
ޕާކް ނުހުޅުވި ލަސްވަނީ ބައެއް ތަކެތި ބޭރުން ގެންނާތީ

ސިޓީ ޕާކް ނުހުޅުވައި ލަސްވަނީ ބައެއް ތަކެތި ބޭރުން ގެންނާތީ: ހޯމް މިނިސްޓްރީ

11 އޯގަސްޓް 2016

އަލިކިލޭގެފާނު މަގުގައި ހުރި ސިޓީ ޕާކް ތަރައްގީކޮށް ނުނިމެީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ގެނައުމުގައި ލަސްވާތީ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަލިކިލޭގެފާނު މަގުގައި ހުރި ސިޓީ ޕާކް ތަރައްގީކޮށް ނުނިމެީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ގެނައުމުގައި ލަސްވާތީ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް ޖިހާދު ކުރެއްވި ބޮޑުތަކުރުފާނު ދަތުރުފުޅު ކުރެއްވި ކަޅުއޮއްފުންމި ނަމޫނާއަކަށް ބަލައިގެން ހެދި އޮޑިއާ އެކު ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. ހޯމް މިނިސްޓްރީން ކުރިން ބުނީ މިދިޔަ މަހުގެ 26ގައި އެތަން ހުޅުވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވި ގޮތުގައި ޕާކްގައި ހުރި ބައެއް ތަކެތި މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ ތަކެތި މާލެ ގެނެވޭވަރު ވާނެ ކަމަށް ވެސް މާޒް ސަލީމް ވިދާޅުވި އެވެ.

"ބައެއް ތަކެތި ނައިސްގެން ނުހުޅުވި ލަސް ވަނީ، ކަނޑުމަތީގައި މިހާރު އެތަކެތި ހުރީ، މި މަހުގެ 16ގައި ގެނެވޭވަރު ވާނެ މާލެއަށް،" މާޒް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން ގެންނަނީ ލެޑް ގޮނޑި އާއި ބޮކި ފަދަ ތަކެއްޗެވެ. މިއީ ސިޓީ ޕާކް އިތުރަށް ފުރިހަމަ ކޮށްދޭނެ ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަޅުއޮއްފުންމި: ސިޓީ ޕާކް ތަރައްގީ ކުރާނީ އެ އޮޑި ފެންނަ ގޮތަށް. - ފޮޓޯ: ހޯމް މިނިސްޓްރީ

ކަޅުއޮއްފުންމި: ސިޓީ ޕާކް ތަރައްގީ ކުރާނީ އެ އޮޑި ފެންނަ ގޮތަށް. - ފޮޓޯ: ހޯމް މިނިސްޓްރީ

ސިޓީ ޕާކް ތަރައްގީ ކުރަނީ ކަޅުއޮއްފުންމީގެ އިތުރުން ލެޑްބޮކީގެ ގަސްތަކާ އެކު އެވެ. އަދި އެ ތަން ތަރައްގީގެ ކުރުމުގެ މަޝްރޫއުގެ ދަށުން ކަޅުއޮއްފުންމީގެ އަސްލާ ވީހާ އެއްގޮތަކަށް ބަނުމަށް ފަހު އެ އުޅަނދު ވަނީ އެހެލައިފަ އެވެ.

އެ ޕާކްގެ މަސައްކަތް ނިމުމާއެކު، މާލޭގައި ހުރި އެންމެ ރީތި އެއް ޕާކަށް އެތަނަށް ވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ މި މަސް ތެރޭގައި އެތަން ހުޅުވުމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ލެޑްޕާކް ހެދީ ސަލްޓަން ޕާކްގަ އެވެ. ނަމަވެސް ސަލްޓަންޕާކް އާ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަން ނިންމުން އެތަނުގައި ހުރި ލެޑްބޮކީގެ ގަސްތައް ވަނީ ނަގައިފަ އެވެ.

ސިޓީޕާކަކީ، ބައެއް ކެފޭ ރެސްޓޯރެންޓް ކުރިން ހިންގަމުން ދިޔަ ތަނެކެވެ. ނަމަވެސް ސަރުކާރުން ބޭނުންވީ އެ ޕާކް ހުސްކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ހިތްފަސޭހަ ތަނަކަށް ހަދާށެވެ.