Roadha Mihaaru
މިނިވަން 50ގެ ލެޑް ގަސްތައް ހަލާކުވާން ދޫކޮށްލާފައި

މިނިވަން 50ގެ ލެޑް ގަސްތައް ހަލާކުވާން ދޫކޮށްލާފައި

19 ޑިސެމްބަރ 2017

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން މާލެ ޒީނަތްތެރިކުރި އިރު ބޮޑު އަގުގައި ގެނައި ލެޑް ގަސްތައް، ބަލަހައްޓާނެ ބަޔަކު ނެތި ސިޓީ ޕާކުގައި ހަލާކުވާން ދޫކޮށްލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން މާލެ ޒީނަތްތެރިކުރި އިރު ބޮޑު އަގުގައި ގެނައި ލެޑް ގަސްތައް، ބަލަހައްޓާނެ ބަޔަކު ނެތި ސިޓީ ޕާކުގައި ހަލާކުވާން ދޫކޮށްލައިފި އެވެ.

މިނިވަން 50އާ ގުޅުވައިގެން ސަލްޓަން ޕާކްގައި، މިލިއަނެއްހާ ރުފިޔާ ހޭދަކޮށްގެން "ލެޑް ޕާކް"ގެ ނަމުގައި ހެދި ސަރަހައްދުގައި ދިއްލޭ ގޮތަށް ތަފާތު ވައްތަރުގެ އެއްޗެހި ބެހެއްޓި އެވެ. އެކަމަކު އޭގެ ފަހުން ސަލްޓަން ޕާކް އެހެން ގޮތަކަށް ތަރައްގީކުރަން އެ އެއްޗެހިތައް ބަދަލުކުރީ ގަލޮޅު ސިޓީ ޕާކަށެވެ.

ހޯމް މިނިސްޓްރީން މިދިއަ އަހަރު ބުނީ ސިޓީ ޕާކް ތަރައްގީކުރަމުން އަންނަނީ މިދިއަ އަހަރުގެ ޖުލައި 26 ގައި ހުޅުވާ ގޮތަށް ކަމަށެވެ. އަދި އެ އަހަރުގެ ޖޫން މަހު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) "މިހާރު" އަށް ވިދާޅުވީ ޕާކްގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ނަމަވެސް ޕާކް ތަރައްގީކުރުގެ މަސައްކަތަށް ބަންދުކުރަން ވަށައިގެން ޖަހާފައި ހުރި ފިލާތަކުން ބައެއް މިހާރު ވައްޓާލާފައިވާ އިރު ސިޓީ ޕާކު ފެންނަނީ ގޮނޑެއް ގޮތަށެވެ. އެތަނުގައި ބަހައްޓާފައި ހުރި ދިއްލޭ ގަސްތައް ވަނީ ވެއްޓި އޭގެ ބޮކިތައް ހަލާކުވެފަ އެވެ. އެތަން ޒީނަތްތެރި ކުރުމަށް ހުރި އެހެން އެއްޗެހިތައް ވެސް ވަނީ ހަލާކުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ހަދާފައި ހުރި އެކި ޖަނަވާރުތަކެވެ.

ލެޑް ޕާކްގެ ދިއްލޭ ގަސްތައް ހަލާކުވެފައި: ޕާކް ތަރައްގީކުރުން ލަސްވީ ކީއްވެގެން ކަމެއް ނޭނގެ - މިހާރު ފޮޓޯ: ނިޝާން އަލީ

ލެޑް ޕާކްގެ ދިއްލޭ ގަސްތައް ހަލާކުވެފައި: ޕާކް ތަރައްގީކުރުން ލަސްވީ ކީއްވެގެން ކަމެއް ނޭނގެ - މިހާރު ފޮޓޯ: ނިޝާން އަލީ

ސަލީމް އޭރު ވިދާޅުވި ގޮތުގައި އެ ޕާކް ތަރައްގީކުރަނީ މިނިވަން 50އާ ގުޅުވައިގެން ސަރުކާރުން ބަން ކަޅުއޮށްފުންމީގެ ނަމޫނާ ވެސް ބަހައްޓައިގެންނެވެ. ކަޅުއޮށްފުންމި އެތަނަށް ގެންގޮސް ފަހުން އަނެއްކާ ވަނީ އެމްއެންޑީއެފުން ނަގައިފަ އެވެ.

ކަނޑައެޅި ދުވަހަށް ތަން ތަރައްގީނުވެ އަދި ތަނުގައި ބެހެއްޓި އެއްޗެހި ހަލާކުވާން ދޫކޮށްލާފައި ވަނީ ކީއްވެގެންކަމެއް ނޭނގެ އެވެ.

ޕާކްގެ އެންމެ ފަހު މަސައްކަތް ނިންމަން ދިމާވީ ކޮން ހުރަސްތައް ކަމެއް އަދި ޕާކް ހުޅުވާނީ ކޮން އިރަކުންކަމެއް، ކަމާ ބެހޭ ފަރާތްތަކުން މިއަދު ސާފުވާ ގޮތެއް ވެސް ނުވި އެވެ.

ލެޑް ޕާކް ޒީނަތްތެރިކުރަން ހަރުކޮށްފައި ހުރި ފުއްލާއެއް ވެއްޓިފައި -- މިހާރު ފޮޓޯ: ނިޝާން އަލީ

ލެޑް ޕާކް ޒީނަތްތެރިކުރަން ހަރުކޮށްފައި ހުރި ފުއްލާއެއް ވެއްޓިފައި -- މިހާރު ފޮޓޯ: ނިޝާން އަލީ

އަލިކިލެގެފާނުމަގުގައި ހަދާފައިވާ ސިޓީ ޕާކު މީގެ ފަސް އަހަރު ކުރިން ފުރަތަމަ ހުޅުވިއިރު، އެތަން ބޮޑަށް ޑިޒައިން ކޮށްފައި އޮތީ ކުޑަކުދިންނާ ގުޅޭ ގޮތަށެވެ. އޭގެ ފަހުން އެތަނުގައި ދެ ރެސްޓޯރެންޓެއް ވެސް ހިންގި އެވެ. އެކަމަކު ރެސްޓޯރެންޓްތައް ބަންދުކޮށް މިހާރުގެ ސަރުކާރުން އިއުލާންކުރީ ސިޓީ ޕާކް އަލުން ތަރައްގީކުރަނީ ކަމަށެވެ.