Roadha Mihaaru
ސިޓީ ޕާކް ތަރައްގީ ކުރަން ހައުސިންއާ ހަވާލުކުރަނީ

ސިޓީ ޕާކް ތަރައްގީ ކުރަން ހައުސިންއާ ހަވާލުކުރަނީ

21 ޑިސެމްބަރ 2017

ބޮޑު އަގުގައި ގެނައި ލެޑް ގަސްތަކާ އެކު ހޯމް މިނިސްޓްރީން ތަރައްގީ ކުރަން އުޅުނު ސިޓީ ޕާކް އެ މިނިސްޓްރީ އަށް ތަރައްގީ ނުކުރެވުމުން ހައުސިން މިނިސްޓްރީއާ އެ މަސައްކަތް ހަވާލު ކުރަން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބޮޑު އަގުގައި ގެނައި ލެޑް ގަސްތަކާ އެކު ހޯމް މިނިސްޓްރީން ތަރައްގީ ކުރަން އުޅުނު ސިޓީ ޕާކް އެ މިނިސްޓްރީ އަށް ތަރައްގީ ނުކުރެވުމުން ހައުސިން މިނިސްޓްރީއާ އެ މަސައްކަތް ހަވާލު ކުރަން ނިންމައިފި އެވެ.

ކުރިން ސަލްޓަން ޕާކްގައި ހެދި ލެޑް ގާޑްންގައި ހުރި މިލިއަނެއްހާ ރުފިޔާގެ ތަކެތި ސިޓީ ޕާކް ތަރައްގީ ކުރަން، އެ ތަނަށް ބަދަލު ކުރި ނަމަވެސް އެކަން ނުވެ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެ ތަނުގައި ބަހައްޓާފައި ހުރި ލެޑް ގަސްތަކާއި އެހެނިހެން ސާމާނުތައް ވަނީ ހަލާކުވެފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވިި އިރު ފެށި އެ މަސައްކަތް މެދުކެނޑުނީ ބޭނުންވާ ތަކެތި ނުލިބުމާއި ޕްލޭން ބަދަލުވުމުން ކަމަށެވެ.

"އެކަން ނުވެ އޮތީ. އެހެންވެ މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ ހައުސިން މިނިސްޓްރީއާ އެ ޕާކް ހަވާލު ކުރަން،" އޭނާ ވިދާޅުވި އެވެ.

އެ ޕާކްގައި ހުރި ތަކެތި ހަލާކުވާން ދޫކޮށްލީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ އެ ސުވާލަށް ވަކި ޖަވާބެއް ނުދެއްވި އެވެ.

ލެޑް ޕާކްގައި ހަރުކޮށްފައި ހުރި ބައެއް ތަކެތި ހަލާކުވެފައި: މިހާރު ފޮޓޯ: ނިޝާން އަލީ

ލެޑް ޕާކްގައި ހަރުކޮށްފައި ހުރި ބައެއް ތަކެތި ހަލާކުވެފައި: މިހާރު ފޮޓޯ: ނިޝާން އަލީ

އެ މިނިސްޓްރީން މިދިޔަ އަހަރު ބުނީ އެ ޕާކް މިދިޔަ އަހަރުގެ ޖުލައި 26 ގައި ހުޅުވާނެ ކަމަށެވެ. އަދި އެ އަހަރުގެ ޖޫން މަހު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) "މިހާރު" އަށް ވިދާޅުވީ ޕާކްގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އަގު ބޮޑު ތަކެތި ހިމެނޭ އެ ޕާކް ތަރައްގީ ނުކުރެވި އެ ތަކެތި ހަލާކުވާން ދޫކޮށްލާފައިވާ ސަބަބު ހޯދުމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވި މާޒް ސަލީމަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

ސިޓީ ޕާކް މީގެ ފަސް އަހަރު ކުރިން ފުރަތަމަ ހުޅުވި އިރު، އެއީ ކުޑަކުދިން ކުޅޭ ގޮތަށް ތަރައްގީކުރި ތަނެކެވެ. އޭގެ ފަހުން ދެ ރެސްޓޯރެންޓެއް އެ ތަނުގައި ހިންގި އެވެ. އެ ތަންތަން ހުސްކުރަން އެންގީ އެޕާކް ތަރައްގީ ކުރަން ކަމަށް ބުނެ އެވެ.