Roadha Mihaaru
ތީމްޕާކް ހަދަން ބަޔަކު ކުރިމަތި ނުލުމުން އަލުން ބިޑަށް

ސިޓީ ޕާކްގައި ޕޫލް ތީމް ޕާކެއް ހަދައިދޭނެ ބަޔަކު އަލުން ހޯދަނީ

14 މެއި 2018

މާލޭގެ ސިޓީ ޕާކްގައި ތަރައްގީ ކުރާ ޕޫލް ތީމް ޕާކް ހަދައިދޭނެ ބަޔަކު ނުވުމުން އެ މަސައްކަތަށް ހައުސިން މިނިސްޓްރީން އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ސިޓީ ޕާކްގައި ތަރައްގީ ކުރާ ޕޫލް ތީމް ޕާކް ހަދައިދޭނެ ބަޔަކު ނުވުމުން އެ މަސައްކަތަށް ހައުސިން މިނިސްޓްރީން އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ތީމް ޕާކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ މަހު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ކަމަށެވެ. އެހެންވެ، ކުރީގެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލީ ކަމަަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ތީމް ޕާކް ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންޖެހެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް 2016 ގައި މާލެ ޒީނަތްތެރި ކުރިއިރު، މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ގެނައި ލެޑް ގަސްތަކާ އެކު، ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައި ކުރިން އޮތީ ނިންމައިފަ އެވެ. ހޯމް މިނިސްޓްރީން އޭރު ބުނެފައި ވަނީ މިދިޔަ އަހަރު އެ ޕާކް ހުޅުވާނެ ކަމަށެވެ.

ނަމަވެސް ސިޓީ ޕާކް ތަރައްގީ ނުކޮށް ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން، އެ ތަނުގައި ބަހައްޓާގައި ހުރި ލެޑް ގަސްތަކާއި އެހެނިހެން ސާމާނުތައް ވަނީ ހަލާކުވެފަ އެވެ. އެންމެ ފަހުން އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތާ މިިދިޔަ އަހަރުގެ ފަހުކޮޅު ހައުސިން މިނިސްޓްރީން ހަވާލުވި އެވެ.

ސިޓީ ޕާކް ތަރައްގީ ކުރަނީ މެދުގައި ބޮޑު ޕޫލެއް އޮންނަ ގޮތަށެވެ. އަދި ޕޫލްގައި ފެނުގެ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އެ ތަން ތަރައްގީ ކުރަން ޖެހެ އެވެ.

އަލިކިލޭގެފާނު މަގުގައި ހުންނަ އެ ޕާކް މީގެ ފަސް އަހަރު ކުރިން ފުރަތަމަ ހުޅުވި އިރު، އެއީ ކުޑަކުދިން ކުޅޭ ގޮތަށް ތަރައްގީ ކުރި ތަނެކެވެ. އޭގެ ފަހުން ދެ ރެސްޓޯރެންޓެއް އެ ތަނުގައި ހިންގި އެވެ. އެ ތަންތަން ހުސްކުރަން އެންގީ އެ ޕާކް ތަރައްގީ ކުރަން ކަމަށް ބުނެ އެވެ.