Roadha Mihaaru
ޑރ. ޖަމީލާއި ގާސިމް ރާއްޖެ ވަޑައިގަންނަވަނީ

ޑރ. ޖަމީލާއި ގާސިމް ރާއްޖެ ވަޑައިގަންނަވަނީ

01 އޮކްޓޯބަރ 2018

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަ ގާސިމް އިބްރާހީމްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަ ގާސިމް އިބްރާހީމްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ސިޔާސީ ހިމާޔަތް ހޯއްދަވައިގެން، ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ތިން ބޭފުޅުން މި ހަފުތާގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވީ، ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ހުކުމެއް އިއްވާފައިވާ ގާސިމް ރާއްޖެ ވަޑައިގަތުމަށް މި ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރުމާ ގުޅިގެންނެވެ. މި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނުހައްގުން ބަންދުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމަކީ ޝަރުއީ ނިޒާމް މިނިވަންކަމާ އެކު ހިނގަން ފެށި ކަމުގެ ހެއްކެއް ކަމަށެވެ.

އޭނާގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން ފާރިސް މައުމޫން ވެސް ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވީ ބޭސްފަރުވާގެ ކަންކަން ނުނިމިގެންނެވެ. އޭނާ އަކީ އަދިވެސް ގަވާއިދުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ޖަލުގައި ނުހުންނެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް ބުނެ އުފުލި ދައުވާގައި، ތިން އަހަރަށް ޖަލަށްލާފައި ވަނިކޮށް، ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ. އެ ގައުމަށް ފޮނުވުމުން، ޖަރުމަނަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދެވީ އެވެ.

ޖަމީލް، އިނގިރޭސިވިލާތަށް ވަޑައިގަތީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުންނެވެ. އަލީ ވަހީދު ވަޑައިގަތީ، މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން އޭނާގެ މައްސަލައެއް ތަހުގީގު ކުރަން ފެށުމުންނެވެ.