Roadha Mihaaru

ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން، ވެރިކަން ދެމެހެއްޓޭނެ: ޖަމީލް

ރާއްޖޭގައި އޮތް ކާމިޔާބު ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

06 އޮކްޓޯބަރ 2018

ރާއްޖޭގައި އޮތް ކާމިޔާބު ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާތާ ތިން އަހަރު ފަހުން، ޖަމީލް ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް، މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާއި އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި މަޖިލިހުގެ ބައެއް މެމްބަރުންނެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ބޭފުޅުން ވަޑައެއް ނުގަންނަވަ އެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖަމީލް، އެކިއެކި ބޭފުޅުންނާ ސަލާމް ކުރައްވަމުން ގެންދެވި އިރު، ހުންނެވީ ފެން ކަޅިވެފަ އެވެ. އަދި އެމަނިކުފާނުގެ މަންމާފުޅު މަރިޔަމް މުހައްމަދު ދީދީގެ ބައްދާލެއްވުމާއެކު، މަންމާފުޅުގެ ލޮލުން ކަރުނަ އޮހިގެން ދިޔަ އެވެ. ޖަމީލަށް މަރުހަބާ ދެންނެވުމަށް، އެމަނިކުފާނުގެ އާއިލާގެ ގިނަ މެމްބަރުންނާއި ތާއީދުކުރާ ބައެއް މީހުން އެއާޕޯޓަށް ދިޔަ އެވެ.

ތިން އަހަރު ފަހުން، ރާއްޖެ ވަޑައިގަތުމުން ކުރެވުނު އިހްސާސްތަކަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޖަމީލަށް ހަމައެކަނި ވިދާޅުވެވުނީ "ވަރަށް އުފާވެއްޖެ" ކަމަށެވެ.

ކުޑަ އިރުކޮޅެއް ފަހުން ޖަމީލް ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދައްކައިދިނީ ދިވެހި ގައުމިއްޔަތުގެ ލާމަސީލު މިސާލެކެވެ. އިންތިޚާބުގެ ނަތީޖާ އިން ދިވެހިންނަށް މުހިންމުވީ ރީތި އަހުލާގާއި އަމާނާތްތެރިކަން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް މިއަދު އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަމީލް މިއަދު އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބުވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ގިނަ ބައެއްގެ އެހީތެރިކަން ނުލިބުނު ނަމަ، ރައީސް އަބްދުﷲ ޔާމީނަށް "ޒައާމަތުގެ ވަސް ވެސް" ނުލިބުނީސް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު ވަނީ ވެރިކަން ދެމެހެއްޓުމަށާއި ކުރިއަށް އޮތް އާންމު އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދިވެހި ގައުމިއްޔަތަށް ލިބުނު ވަރަށް ކުރިއެރުމެއް. ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު އާރާސްތު ކުރުމުގެ އާ މަރުހަލާއަކަށް ރާއްޖެ ދަތުރު ކުރާނެ ކަމަށް އުންމީދު ކުރަނީ،" ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް އެއްވެސް ބޭފުޅަކާއެކީގައި އުޅެން ދައްޗެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ހިތްދަތި ކަމަކީ ގިނަ ބަޔަކު ޖަލަށް ދާން ޖެހުމާއި އެތައް ބަޔަކަށް ހައްގަކާ ނުލައި އަނިޔާ ލިބުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވަނީ ޝަރީއަތް ހިންގުމުގެ ބާރަށް ވެސް އަރައިގެންފަ އެވެ.

"ކިހިނެއްބާއޭ މިވީ؟. މުޅި ނިޒާމަށް މިވީ؟. އެކަކު އައިސް މިކަން ކުރި ގޮތް. އަޅުގަނޑު ހިތުން މިކަން ނިމުނީމަ ގައުމުގެ ހުރިހާ ވެރިން އިށީނދެގެން ތިބެގެން ވިސްނާފައި ދިރާސާ ކުރަން ޖެހޭ،" މީގެ ފަސް އަހަރު ކުރިން ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އުޅުއްވި ޖަމީލް ވިދާޅުވި އެވެ.

"ދިވެހިންނަކީ ވަރަށް ހިތްވަރު ގަދަ ބައެއް. އަޒުމް ވަރަށް ވަރުގަދަ ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ލިޔެވުނު ދުސްތޫރަށް އަމަލީ ގޮތުން އެއަށް އަމަލު ކުރަން ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށް،"

ޖަމީލް މިއަދު އެއާޕޯޓުގައި ކުއްޖެއްގެ ގައިގައި ބޮސް ދެއްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަމީލް މިއަދު އެއާޕޯޓުގައި ކުއްޖެއްގެ ގައިގައި ބޮސް ދެއްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ދެއްވައި، ޖަމީލް ވިދާޅުވީ އިބޫ އާއި ފައިސަލްގެ ޒައާމަތު ދެމެހެއްޓޭނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ ތަޖުރިބާއާ އެކުގައި ކަމަށެވެ.

މިދިޔަ ފަސް އަހަރު ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ ހުރިހާ ލީޑަޝިޕެއްގައި ތިއްބެވި ބޭފުޅުން ދުއްވާލަން ކަމަށާއި ރައީސް ޔާމީނަށް އެންމެ ބޮޑެތި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ ލީޑަޝިޕާ ނުލައި ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަމީލްގެ މައްސަލަ މީގެ ކުރިން ފުލުހުން ބެލުމާ ގުޅިގެން އެއީ ޖަމީލް ހައްޔަރު ކުރުމަށް އޮތް ބިރެއްތޯ "މިހާރު" ން ސުވާލު ކުރުމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ އިންސާފުގެ ނިޒާމު މިނިވަންވެފައިވާ ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް މިހާރު އިންސާފު ލިބޭނެ ކަމަށެވެ. އަދި އެމަނިކުފާނު އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނައިބު ރައީސް ކަމަށް ވަޑައިގެންނެވިތާ، ދެ އަހަރު ފަހުން، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ވައްދައި ނައިބު ރައީސްގެ މަގާމުން ވަކި ކުރި އެވެ. އެކަމަކު، އެއީ ގާނޫނުއަސާސީއާ ހިލާފަށް ނެގި ވޯޓެއް ކަމަށް ޖަމީލް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަމީލްގެ މައްސަލަ ފުލުހުން ދިޔައީ ބަލަމުންނެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭރު ޖަމީލް އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަ ނިންމާފައި އޮތީ ހައްޔަރުކުރާ ގޮތަށެވެ. އެގޮތުން، 2016 ގެ އޮގަސްޓް މަހު އެމަނިކުފާނު ހައްޔަރު ކުރަން ކޯޓު އަމުރެއް ވެސް ނެރުނެވެ.