Roadha Mihaaru
އަލީ ވަހީދުގެ ދައުވާ ނެގުމުން ގާސިމް ހިތްހަމަޖެހިއްޖެ!

އަލީ ވަހީދުގެ ދައުވާތައް ނެގުމުން ގާސިމް ހިތްހަމަޖެހިއްޖެ!

15 ޖޫން 2023

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާއި ރޭޕްކުރުމުގެ ހަތް ދައުވާ އަނބުރާ ގެންގޮސް އޭނާ ސަލާމަތްކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިތްހަމަޖެހުންފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާއި ރޭޕްކުރުމުގެ ހަތް ދައުވާ އަނބުރާ ގެންގޮސް އޭނާ ސަލާމަތްކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިތްހަމަޖެހުންފާޅުކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސަކަށް އެންމެ ފަހުން ހުންނެވި އަލީ ވަހީދަށް ޖިންސީ ކުށުގެ ތުހުމަތުކޮށް ދައުވާ އުފުލުމުން ގާސިމް އޭނާ އޭރު ވެސް ދިފާއު ކުރެއްވި އެވެ. ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރަން ކައުންސިލްގެ މެމްބަރުން މަސައްކަތް ފެށުމުން ގާސިމް ވިދާޅުވެފައި ވަނީ، އަލީ ވަހީދު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އަލީ ވަހީދުގެ މައްޗަށް އުފުލި އެވެ. އެކަމަކު ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިނުމުން ވަޑައިގެންނެވި ގޮތަށް އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އެހެންވެ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީ އެވެ.

މި ދައުވާތަކުން އަލީ ވަހީދު ސަލާމަތްވެއްޖެ ކަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިއްޔެ އާއްމުކުރުމުން ގާސިމް ވަނީ އަލީ ވަހީދަށް މަރުހަބާ ވިދާޅުވެ، ޓުވީޓެއް ކުރައްވައިފަ އެވެ.

"އަލީ ވަހިދަށް ފަށްފަށުން މަރުހަބާ،" ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދުގެ ދައުވާތައް އަނބުރާ ގެނައީ ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތިގެން ކަމަށެވެ.

އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވި ކަމަށެވެ. އެހެންވެ މައްސަލަ އަލުން މުރާޖައާ ކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެނައީ ކަމަށެވެ.

ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް އަލީ ވަހީދު ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގަންނަވަ އެވެ.

އޭނާގެ އިސްތިއުނާފު މައްސަލައެއްގައި ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވައިފަ އެވެ. އޭނާ ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏަސް އެކަމެއް ނުކުރެވުނެވެ.