Roadha Mihaaru
ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކެއް ނުއިންނާނެ

ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކެއް ނުއިންނާނެ

16 ސެޕްޓެމްބަރ 2018

ބާރުގަދަ ފޯނެއް ފުރިހަމަ ގޮތުގައި ތަޖުރިބާކުރުމަށް ހެޑްފޯން ޖެކަކީ މުހިންމު ބައިވެރިއެއް ކަމަށް، ވަންޕްލަސްގެ ސީއީއޯ، ޕީޓެ ލޯ ވިދާޅުވި ފަހުން އަދި އަހަރު ދުވަސް ނުވެ އެވެ. އޭނާ މިހާރު ވިދާޅުވަނީ ސްމާޓްފޯނެއްގެ ހައިބަތު ދައްކާލަން، އަތުޖެހުނުހައި އެއްޗެއް ފޯނުގައި ހިމަނަން ނުޖެހޭ ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ބާރުގަދަ ފޯނެއް ފުރިހަމަ ގޮތުގައި ތަޖުރިބާކުރުމަށް ހެޑްފޯން ޖެކަކީ މުހިންމު ބައިވެރިއެއް ކަމަށް، ވަންޕްލަސްގެ ސީއީއޯ، ޕީޓެ ލޯ ވިދާޅުވި ފަހުން އަދި އަހަރު ދުވަސް ނުވެ އެވެ. އޭނާ މިހާރު ވިދާޅުވަނީ ސްމާޓްފޯނެއްގެ ހައިބަތު ދައްކާލަން، އަތުޖެހުނުހައި އެއްޗެއް ފޯނުގައި ހިމަނަން ނުޖެހޭ ކަމަށެވެ.

ސިއީއޯ މިހެން ވިދާޅުވީ، ވަންޕްލަސް 6ޓީގައި ހެޑްފޯން ޖެކް ނުއިންނާނެ ކަމަށް ދެކެވުނު ވާހަކަތައް ކަށަވަރުކޮށްދެއްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަންޕްލަސް 6ޓީގައި ހެޑްފޯން ޖެކް ނުހިމަނަން ނިންމީ އެ މީހުން ބޭނުންވާތީ ނޫން ކަމަށެވެ. އެކަމަކު މުޅި ސިނާއަތު އެ ދިމާ އާށް މިސްރާބުޖަހާފައި ވާތީ ދީއްލައިލީ ކަމަށެވެ.

ހެޑްފޯން ޖެކް އުނިކުރުމަކީ ވަންޕްލަސް 6ޓީ ބޭނުންކުރާ މީހުންނަށް ބޮޑު ބަހުސަކަށް ވާނެ އެވެ. ބަޔަކު ރުޅިގަދަވެ، ފޯނު ހޫރާލާ ވަރުގެ ކަމަކަށް ވާނެ އެވެ. ނަމަވެސް، ހެޑްފޯން ޖެކް އުނިކުރުން ދިފާއުކުރައްވަމުން ސީއީއޯ ވިދާޅުވި ގޮތުގައި، ފޯނުން ޖާގަ ހުސްވުމަކީ ފޯނު ބޭނުންކުރާ މީހުންނަށް ލިބުނު ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ވަންޕްލަސް މަރުކާގައި ނެރެން ހުރި ފޯނުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް، ހެޑްފޯން އުނިކުރުމުން ލިބޭ ޖާގާގައި އާ ޓެކްނޮލޮޖީ އިންދަން ވަނީ ނިންމާފަ އެވެ. ސީއީއޯ ވިދާޅުވި ގޮތުގައި އެ ޖާގާގައި ހިމެނުމަށްޓަކައި ބޭނުންތެރި ޓެކްނޮލޮޖީ އެބަ ހުރި ކަމަށެވެ. އޭނާ އެ އިޝާރާތްކުރައްވަނީ ސްކްރީން އަޑީގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލުމަށް ކަމަށް ބެލެވެ އެވެ. ބެޓެރީ ބާރުގަދަކުރުމަށް ވެސް، ހުސްވި ޖާގައި ބައެއް ބޭނުންހިފިދާނެ ކަމަށް އޭނާ އިޝާރާތްކުރެއްވި އެވެ.

ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކް ނުހިމެނި ނަމަވެސް، އެޕަލް ކަންކުރި ގޮތަށް ވުރެ މާ ރަނގަޅަށް ވަންޕްލަސް އިން ކަންކުރާނެ ކަމަށް ބެލެވެ އެވެ. އެ ގޮތުގައި، ކޮންމެ ފޯނަކާ އެކު "ޔޫއެސްބީ ސީ" އެޑަޕްޓަރެއް ހިމަނާނެކަން މިހާރު ވެސް ވަނީ ކަށަވަރުވެފަ އެވެ. އަދި އެ ކުންފުނީގެ "ބްލެޓްސް ވީ2" މަރުކާގެ އިއާފޯން، ޔޫއެސްބީ ސީ ކަނެކްޓަރު ހިމަނައިގެން ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ވަންޕްލަސްގެ އޮފިޝަލުންގެ ވިސްނުން ހުރީ ވަޔަލެސް ހެޑްފޯން/ އިއާފޯން ޖީލެއް އުފެއްދުމަށެވެ. މުޅި ސިނާއަތު އެ ދިމާ އަށް މިސްރާބުޖަހާފައިވާ ކަމަށް ވެސް، ސީއީއޯ، ޕީޓެ ލޯ ވިދާޅުވި އެވެ.