Roadha Mihaaru
މައިކްރޮސޮފްޓްގެ ފަތްޖެހޭ އާ ފޯނު ޕްރީ-އޯޑަރަށް

މައިކްރޮސޮފްޓްގެ ފަތްޖެހޭ އާ ފޯނު ޕްރީ-އޯޑަރަށް ހުޅުވާލައިފި

24 ސެޕްޓެމްބަރ 2021

މައިކްރޮސޮފްޓުން ކުރިން ނެރެފައިވާ ފަތްޖެހޭ ފޯނު، ސާފޭސް ޑުއޯގެ އާ ވާޝަނެއް ބުދަ ދުވަހު ދައްކާލައި، އެ ޕްރީ-އޯޑަރަށް ވެސް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިކްރޮސޮފްޓުން ކުރިން ނެރެފައިވާ ފަތްޖެހޭ ފޯނު، ސާފޭސް ޑުއޯގެ އާ ވާޝަނެއް ބުދަ ދުވަހު ދައްކާލައި، އެ ޕްރީ-އޯޑަރަށް ވެސް ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 21 ގައި ވިއްކަން ފަށާ ފޯނަކީ މައިކްރޮސޮފްޓް ސާފޭސް ޑުއޯ 2 އެވެ. މީގެ އަގަކީ 1،499 ޑޮލަރު (23,084ރ.) އެވެ. ކުރީގެ ފޯނަށް ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފޯނެއްގެ ގޮތުގައި ނެރޭ ސާފޭސް ޑުއޯ 2 އަކީ އެ ސްކްރީނުން އަނެއް ސްކްރީނަށް އެޕްތަކާއި ކޮންޓެންޓް ވެސް ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ، ބޭނުންކުރަން ވަރަށް ފަސޭހަ އެންޑްރޮއިޑް ފޯމެއް ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ތިން ކެމެރާ އެކުވޭ ސާފޭސް ޑުއޯ 2 އަކީ ކެމެރާ ކޮލިޓީއާ އެކު ފޯނުގެ ފްރޮސެސާ ވެސް އެތައް ގުނަ ހަލުވިވެފައި، 5ޖީ ނެޓްވޯކް ވެސް އެކުލެވޭ ޑިވައިސްއެކެވެ. މީގެ ޕްރޮސެސާ އަކީ ކްއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 888ގެ އެއްޗެކެވެ.

އަށް ޖީބީގެ ރޭމް ހިމެނޭ ޑުއޯ 2 ގެ ސްޓޯރޭޖްގައި 128، 256 އަދި 512 ޖީބީ އެކުލެވޭނެ އެވެ. މި ފޯނުގެ އޯލެޑް ދެ ޑިސްޕްލޭ އަކީ 5.8 އިންޗި އެވެ. ފޯނުގެ ދެ އެއްކޮށްލުމުން ޑިސްޕްލޭގައި 8.3 އިންޗި ހުންނާނެ އެވެ.

ސާފޭސް ޑުއޯ 2 ގައި މައިކްރޮފްޓްގެ މުހިއްމު ގިނަ އެޕްތަކުގެ އެންމެ ފަހުގެ ވާޝަންތައް ވެސް އެކުލެވޭނެ އެވެ. އޭގެ ތެރޭގައި ވޯޑް، އެކްސެލް، ޕަވަޕޮއިންޓް، ވަންނޯޓް، ވަންޑްރައިވް އަދި އައުޓްލުކް ފާހަގަކޮށްލެވެ އެވެ.

މައިކްރޮސޮފްޓްގެ ފުރަތަމަ ފަތްޖެހޭ ފޯނު ނެރުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.