Roadha Mihaaru
އަލި ހެޔޮވަރުކުރަން ޑިވައިސްތަކަށް ދަސްކޮށްދެނީ

ސްކްރީންގެ އަލި ހެޔޮވަރުކުރަން އެންޑްރޮއިޑް ޑިވައިސްތަކަށް ދަސްކޮށްދެނީ

23 ނޮވެމްބަރ 2018

އެންޑްރޮއިޑް ޑިވައިސްތަކުގެ ސްކްރީން ދިއްލޭ މިންވަރު ހެޔޮވަރުކުރެވެނީ އެ ޑިވައިސްއެއް އޮންނަ މާހައުލަކަށެވެ. އެ ތަނެއް އަލިގަދަ ނަމަ، ސްކްރީން އަލިގަދަވެ އެވެ. އަދި އަލި ފަނޑު މާހައުލެއް ނަމަ، ސްކްރީން ވެސް ފަނޑުވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް ޑިވައިސްތަކުގެ ސްކްރީން ދިއްލޭ މިންވަރު ހެޔޮވަރުކުރެވެނީ އެ ޑިވައިސްއެއް އޮންނަ މާހައުލަކަށެވެ. އެ ތަނެއް އަލިގަދަ ނަމަ، ސްކްރީން އަލިގަދަވެ އެވެ. އަދި އަލި ފަނޑު މާހައުލެއް ނަމަ، ސްކްރީން ވެސް ފަނޑުވެ އެވެ.

ސްކްރީން ދިއްލޭ މިންވަރު އޮޓޮމެޓިކުން ހެޔޮވަރުކުރުމަށް ސެޓްކޮށްފައި އޮންނައިރު، މި ބުނި ގޮތަށް، ޑިވައިސްތައް މަސައްކަތްކުރެ އެވެ. އެކަމަކު ވެސް އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. އަލި ފަނޑުވެގެން ދާއިރު، އެއްޗެއް ނުފެެންނަ ވަރަށް ސްކްރީން ފަނޑުވެ އެވެ. އަލިގަދަވާއިރު މީގެ އިދިކޮޅެވެ. އެހެންކަމުން، ބޭނުންކުރާ މީހުންނަށް ޖެހެނީ އަލި ހެޔޮވަރުކުރުމަށްޓަކައި، ސްލައިޑަރުގައި ކޮޅުކޮޅަށް އިނގިލި ކާއްތާށެވެ.

މި މައްސަލަ ހައްލުކުރަން ގޫގުލުން ކުރި މަސައްކަތްތައް ނިންމައި، އެންޑްރޮއިޑް 9 ގައި ހިމަނާފައިވާ ކަމަށް ބުނެ އެވެ. އެހެންކަމުން، އެންޑްރޮއިޑް 9 ބޭނުންކުރާ މީހުންނަށް މި ބަދަލު ތަޖުރިބާކުރެވޭނެ ކަމަށް ބެލެެވެ އެވެ.

އެންޑްރޮއިޑް ޑިވައިސްތަކުގެ ސްކްރީން ދިއްލޭ މިންވަރު ހެޔޮވަރުކުރަން ގޫގުލުން ކުރި ކަމަކީ، އެ ޑިވައިސްއެއް ގެންގުޅޭ މާހައުލު، އެ ޑިވައިސްއަކަށް ދަސްކޮށްދިނުމެވެ. އެންޑްރޮއިޑް ސްމާޓްފޯނެއް ބޭނުންކުރާ ނަމަ އެ ފޯނު ގެންގުޅޭ މީހާ ސްކްރީން ހެޔޮވަރުރަން އެދޭ ވަރު ވެސް ފޯނު ދެނެގަނެވެ. އެއީ އާންމުކޮށް އެ މީހަކު ސްކްރީންގެ އަލި ބަހައްޓާ ނިސްބަތް ދެނެގަނެގެންނެވެ.

ސްމާޓްފޯން ގެންގުޅެނީ އަލިގަދަ މާހައުލަކަށް ވެފައި، އެ މާހައުލެއްގައި ފޯނު ބޭނުންކުރާ މީހާ އަލި ބަހައްޓަން އެދޭ މިންވަރު، ހަނދާނުގައި ބަހައްޓަ އެވެ. އެ ގޮތުގައި، ސްކްރީން ހެޔޮވަރުކުރުން ބިނާ ވަނީ ފޯނު ބޭނުންކުރާ މީހާ އެކި މާހައުލުތަކުގައި ފޯނު ބޭނުންކުރާ އާދަ އަށެވެ.

ގޫގުލުން ބުނާ ގޮތުގައި، އެންޑްރޮއިޑް 9 އަށް ފޯނުތައް އަޕްޑޭޓްކުރުމުން މި މައްސަލަ ހައްލުވެ، ސްކްރީންގެ އަލި ހެޔޮވަރުކުރަން ސްލައިޑަރުގައި ދެ ކޮޅަށް ދަމާކަށް ނުޖެހޭނެ އެވެ.