Roadha Mihaaru
ކަންވެ ނަން ނުވިޔަސް އެޗްޓީސީ އުފަލުން

ކަންވެ ނަން ނުވިޔަސް އެޗްޓީސީ އުފަލުން

08 އޮކްޓޯބަރ 2016

ޕިކްސެލް ފޯނު އުފެއްދުމަށް ގޫގުލުން އެޗްޓީސީ އިޚްތިޔާރުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސިނާއަތުގައި ބާރުގަދަ ކުންފުންޏެއް ގޮތުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ލިބިއްޖެ ކަމަށް ވެސް އެޗްޓީސީ ބުންޏެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޕިކްސެލް ފޯނު އުފެއްދުމަށް ގޫގުލުން އެޗްޓީސީ އިޚްތިޔާރުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސިނާއަތުގައި ބާރުގަދަ ކުންފުންޏެއް ގޮތުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ލިބިއްޖެ ކަމަށް ވެސް އެޗްޓީސީ ބުންޏެވެ.

އެޗްޓީސީން ބުނާ ގޮތުގައި ގޫގުލްއާ އެކު މަސައްކަތްކުރުމަށް އަބަދު ވެސް ލޯބިކުރެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ގޫގުލް އަށް އެންމެ ފުރަތަމަ ނެކްސަސް ފޯނެއް އުފައްދައިދިން ކުންފުންޏަކީ އެޗްޓީސީ އެވެ. އެއީ "އެޗްޓީސީ ގޫގުލް ނެކްސަން ވަން" އެވެ. ވިޔަފާރި އުސޫލުން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އަށް އެންމެ ފުރަތަމަ ފޯނެއް އުފެއްދީ ވެސް އެޗްޓީސީ އެވެ. އެއީ "އެޗްޓީސީ ޑްރީމް" އެވެ.

ގޫގުލުން އަމިއްލަ ފޯނެއް އުފައްދައި ދިނުމަށް އެދި އެޗްޓީސީ އަށް ހުށަހެޅުމުން، ދެ އަތް ތަން މިނަށް ދަމާލައި، ގޫގުލްގައި ބައްދާލީ ހުރިހާ ޝަރުތަކަށް އެއްބަސްވެގެންނެވެ. އެޗްޓީސީ އަށް ހިތް ލެނބިފައި ތިބިހާ ބަޔަކަށް ބޮޑު ކަމަކަށް ވީ، ޕިކްސެލް ފޯނުގައި އެޗްޓީސީގެ ނަން ނެތް ތަނުގައި ކުލަ ކީއްކުރަން ރަހަ ވެސް ނެތުމުންނެވެ. އެއްވެސް މައްސަލައެއް ނެތެވެ. ގޫގުލް އަށް އަމިއްލަ ފޯނެއް އުފައްދައި ދިން ފުރަތަމަ ކުންފުންޏަކަށް އެޗްޓީސީ އެ އޮތީ ވެފަ އެވެ.

ޕިކްސެލް ފޯނު ގޫގުލުން ތައާރުފުކޮށްފި އެވެ. އެ ރަސްމިއްޔާތުގައި އެޗްޓިސީ އަށް ބޮޑު ޝަރަފެއް ނުދެ އެވެ. އުފަލުން ފޮޅޭ ކަހަލަ އެއްޗެކޭ ވެސް ނުބުނެ އެވެ. ފޯނު އުފެއްދި ބަޔަކަށް ޝުކުރިއްޔާއޭ ވެސް ބުނާ ހިތަކުން ނުބުނެ އެވެ. އެޗްޓީސީ އަށް ތައުރީފްކުރާނެ ކަމަށް ކުރި އިންތިޒާރު ފޮންޏެއް ނުވި އެވެ.

އެޗްޓީސީއާ މެދު ދެކެންވީ ކޮން ގޮތަކަށް ބާއޭ މިހާރު ހިތަށް އަރަ އެވެ. އެއީ އެޕަލް އަށް ފޮކްސްކޮން ފަދައިން ގޫގުލް އަށް ލިބުނު ފޮކްސްކޮން ބާއޭ ވެސް ހިތަށް އަރަ އެވެ. އެޕަލް އަށް އައިފޯނު އުފައްދައިދެނީ ޗައިނާގައި ހުންނަ ފޮކްސްކޮން ފެކްޓަރީންނެވެ. އައިފޯނު ތައާރުފުކުރާ ރަސްމިއްޔާތުގައި ފޮކްސްކޮން އާ ބެހޭ ގޮތުން އެޕަލުން ސަޅިއެއް ނުކަނޑަ އެވެ. އެކަމަކު އެކަން ސިއްރެއް ވެސް ނުކުރެވެ. ގޫގުލުން ވެސް އެޗްޓީސީ މޮޅުކުރާނެ ކަމެއް ނެތެވެ. އެކަމަކު ނަންގަނެލުން ރަނގަޅުވާނެ އެވެ.