Roadha Mihaaru
އުލިގަމަށް ޔޮޓްފަހަރު އަންނާނެ މަގު ފަހިކޮށްދޭނަން:އިބޫ

އުލިގަމަށް ގިނަ ޔޮޓްފަހަރު އަންނާނެ މަގު ފަހިކޮށްދޭނަން: އިބޫ

05 ސެޕްޓެމްބަރ 2018

ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ޔޮޓްފަހަރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ބެލެވޭ ހއ. އުލިގަމަށް ގިނަ ޔޮޓްތައް އަނެއްކާވެސް އަންނާނެ މަގު، އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، ފަހިކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ހއ. އުލިގަމުން އަހުމަދު ސާއިލް އަލީ

ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ޔޮޓްފަހަރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ބެލެވޭ ހއ. އުލިގަމަށް ގިނަ ޔޮޓްތައް އަނެއްކާވެސް އަންނާނެ މަގު، އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، ފަހިކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރުން ދެވަނައަށް އޮންނަ އުލިގަމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ގިނަ އަދަދެއްގެ ޔޮޓުފަހަރު ކުރިން ބަނދަރުކުރަމުން އައި ރަށެކެވެ. އެގޮތުން ގާތްގަނޑަކަށް 200 އެއްހާ ޔޮޓް ބަނދަރުކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ. އެކަމަކު ސަރުކާރުން ހެދި ބައެއް ގަވާއިދުތަކުގެ ސަބަބުން އެ އަދަދު ވަނީ އަހަރަކު ގާތްގަނޑަކަށް 30 ޔޮޓަށް ދަށްވެފައިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

ހއ. އަށް އިބޫ މިއަދު ފެއްޓި ކެމްޕެއިން ދަތުރުގައި އުލިގަމަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ ޔޮޓުތައް އައުން މަދުވީ އެ އުޅަނދުފަހަރުން ނަގާ ބޮޑެތި ފީތަކުގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކޮށް މި ރަށަކީ ޔޮޓު ފަހަރުގެ މަގުބޫލް މަންޒިލަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

ހއ. އަތޮޅު ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

ހއ. އަތޮޅު ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވި ގޮތުގައި މިރަށުގައި ހަދަން ފަށައި އެކަމަކު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ކަސްޓަމްސްގެ އިމާރާތް ނިންމުމުގެ އިތުރުން ޔޮޓުފަހަރަށް ފަސޭހައިން ބަނދަރު ކުރެވޭނެ ގޮތް ހައްދަވައި ދެއްވާނެ އެވެ.

"ލުއި ގޮތަކަށް އޮވެއްޖެއްޔާ ރައްޔިތުންނަށް ފައިދާވާނެ. ގަވައިދަށް ބަދަލު ގެނެސް ރަށަށް ޔޮޓްފަހަރު އަންނަލެއް އިތުރުކޮށް ސީދާ ރައްޔިތުންނަށް ނަފާ ލިބޭ ގޮތް ހަމަޖައްސާނަން،" ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ބޭއްވި ބައްދަލުވުމުގައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުލިގަމުގައި ޓޫރިޒަމްގެ ތަފާތު ކޮންސެޕްޓްތައް ތަރައްގީކުރެވިދާނެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހު ދައުރުގައި ފެށި ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓި، ވީރާނާވެފައިވާ އިރު، އަލުން އެތަން ތަރައްގީކުރާނެ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ހޮޓުގެ ބިން ކައުންސިލާ ހަވާލުކޮށް އެތަން ތަރައްގީ ކުރާނެ އިންވެސްޓަރުން ހޯދަން ކޯލިޝަންގެ ސަރުކާރުން އެހީތެރިވާނެ އެވެ.

އުލިގަމުގައި ހަދަން ފަށާފައިވާ ސިޓީ ހޮޓަލުގެ އިމާރާތެއް: އެމްޓީޑީސީން ފެށި މި މަޝްރޫއު ވަނީ ހުއްޓިފައި

އުލިގަމުގައި ހަދަން ފަށާފައިވާ ސިޓީ ހޮޓަލުގެ އިމާރާތެއް: އެމްޓީޑީސީން ފެށި މި މަޝްރޫއު ވަނީ ހުއްޓިފައި

އުލިގަމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށެވެ. މިރަށު ރައްޔިތުންނަށް ނަރުދަމާ އާއި ސާފު ފެނުގެ ނިޒާމް މުހިންމު ނަމަވެސް މި ސަރުކާރުން އަޅަން ފެށީ، އިބޫ ވިދާޅުވި ގޮގުގައި، ފެށީ ފުޓްސަލް ދަނޑެކެވެ. ނަމަވެސް އެ މަސައްކަތް ވެސް ނުނިމޭ ކަމަށާއި ކޮންޓްރެކްޓަރަށް ފައިސާ ވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ވާހަކަ ދެއްކެވުމަށް ފަހު ވައުދުވެވަޑައިގަތީ އޭނާގެ ވެރިކަމެއްގެ ފުރަތަމަ އަހަރު މި ރަށުގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.