Roadha Mihaaru

ކުރިމަތިން ފެންނަނީ ނާމާން، ބަނަ ދުވަސްތަކެއް: އިބޫ

ރާއްޖޭގެ ހާލަތު މިހާރު ސޮއްސާލައިގެން ގޮސް، ކުރިމަތިން ފެންނަނީ ނާމާންކަމާއި ބިރުވެރިކަމާއި ދަތި ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވާހަކަ ފެއްޓެވީ، އެ ޖަލްސާ ބޭއްވުމުގެ ކުރިން މާލެތެރެއިން ފެނިވަޑައިގެން ބައެއް ކަންކަން ހިއްސާ ކުރައްވަމުންނެވެ.

މާލެ އާއި ހުޅުމާލޭގައި ކުއްލިއަކަށް ސްޓޭޖުތައް ބަހައްޓައި، މިޔުޒިކް ޝޯތައް ބާއްވަމުންދާ ކަމަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ހުރިހާ މުވައްޒަފުން ގޮވައިގެން މަސް ބާނަން ފުރާފައިވާއިރު، ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާނެކަމުގެ ވައުދު އަލުން ވާން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ޖަލްސާގެ މަގުސަދު ޖަލްސާ ފެށުނުއިރު މި އޮތީ ހާސިލުވާން ފަށާފައި،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް އެއް އަހަރު ވީ އިރު، ދަތި އުނދަގުލަކާ ކުރިމަތިލާން ނުޖެހި، ވައުދުތައް ފުއްދަމުން ނުދާކަމުގެ ކަންބޮޑުވުން ނެތް އެއްވެސް ދިވެއްސަކު ނެތެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިން ވިލާގަނޑުން ފެންނަނީ ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާން، ދުވަސްތަކެއް. ދަތި ދުވަސްތަކެއް. މިހާރު މަސައްކަތް ނުކޮށްފި ނަމަ އަނިޔާވެރި ދުވަސްތަކާ ކުރިމަތިލާންޖެހިދާނެ،" އިބޫ ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދުކުރީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެތައް ބައެއްގެ ގުރުބާނީތަކާއި ދަތިތަކުގެ ތެރޭގަ އެވެ.

އެމްޑީޕީން އޭރު އިސްވެ ކުރި މަސައްކަތުން، ގާނޫނުއަސާސީ އެކުލަވައިލީ، ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށް، މިނިވަންކަމާއި ހައްގުތައް ކަށަވަރުވެފައި އޮތުމުގެ މައްޗަށް ކަމަށް އިބޫ ވިދާޅުވި އެވެ.

ނަމަވެސް، މިއަދު އަނެއްކާވެސް މި ފެންނަނީ، އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅި، ރައްޔިތުންނަށް ގާނޫނުއަސާސީން ލިއްބައިދީފައިވާ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިބޫ ވިދާޅުވީ، ރައްޔިތުންގެ އަތްމަތި ދަތިކޮށް، ވިޔަފާރިތައް ފުނޑާލައި، މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާފައިވާ ކަމަށެވެ.

"ފަހަށް ނުޖެހި ނުކުންނަންވީ. އޭރަށް އަޑު އަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން މަޖުބޫރުވާނެ. ބާރު އޮތީ ރައްޔިތުންގެ އަތުގައި،" އެ މަނިކުފާނު ގޮވާލެއްވި އެވެ.

"އެމްޑީޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކީގައި. ހަމައެކަނި ރައްޔިތުންގެ ފަޅި އަކު ނޫން. ރައްޔިތުންނާ އެކީގައި އޮންނާނީ."

އިބޫ ތަކުރާރުކޮށް ވިދާޅުވީ، އެއްވެސް ހައްގަކީ ހެޔޮ ހިތުން، "ތަބަކަކަށް" ލާފައި ދޭނެ އެއްޗެއް ނޫން ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް ބާރުތައް ޖެހޭނީ ހޯދަން ކަމަށެވެ.