Roadha Mihaaru
އޮލިމްޕިކްސްގެ ކުލަތަކާ އެކު ރިއޯ އަށް އީދެއް

ކުލަގަދަ ރަސްމިއްޔާތަކުން ރިއޯ އޮލިމްޕިކްސް ހުޅުވައިފި

06 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 6) - ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކް ގޭމްސް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 6) - ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކް ގޭމްސް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ދަންމަރު ރޯކޮށްދިނީ އޮލިމްޕިކްސް އިން ލޯ މެޑަލް ހޯދާފައިވާ ބްރެޒިލްގެ ކުރީގެ މެރެތަން ދުވުންތެރިޔާ ވެންޑެރެލީ ޑި ލީމާ އެވެ. ދެކުނު އެމެރިކާ ބައްރުގައި ބޭއްވި ފުރަތަމަ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބްރެޒިލްގެ ތާރީހާއި ސަގަފާތާއި ގުދުރަތީ ރީތިކަން، ސްޓޭޑިއަމަށް އެއްވެ ތިބި 60،000 މީހުންނާއި ޓީވީން ރަސްމިއްޔާތު ބެލި ބިލިއަނެއްހާ މީހުންނަށް ދައްކާލި އެވެ.

ގޭމްސްއާ ދެކޮޅަށް ބްރެޒިލްގެ ބައެއް މީހުން ކުރި މުޒާހަރާތަކާއި ހަމަނުޖެހުން ހިނގާފާނެ ކަމުގެ ބިރާއި ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ހާސްކަމުގެ ތެރޭގައި ގޭމްސް ފެށި ނަމަވެސް ހުޅުވުމުގެ ރަސްމިއްޔާތުގެ ގަދަ ކުލަތަކާއި ރީތި އަޑުތަކުން، އެ ހުރިހާ ކަމެއް ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލި އެވެ. މީގެ ހަތަރު އަހަރު ކުރިން ލަންޑަނުގައި އޮތް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުހާ ފުރިހަމަ ނުވިޔަސް އަދި އެ ރަސްމިއްޔާތަށް ވުރެ ހަރަދު ކުޑަކޮށް ބޭއްވި ނަމަވެސް އޮލިމްޕިކްސްގެ ނަމާ އެއްވަރުގެ ހުޅުވުމެއް މިއަދު ފެނިގެން ދިޔަ އެވެ.

އޮލިމްޕިކްސްގެ ދަންމަރު ރޯކުރަނީ. --ފޮޓޯ: އޭއެފްޕީ

އޮލިމްޕިކްސްގެ ދަންމަރު ރޯކުރަނީ. --ފޮޓޯ: އޭއެފްޕީ

ދަންމަރު ރޯކުރުމުގެ ފުރުސަތު ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބްރެޒިލަށް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޕެލޭ އަށް ދޭގޮތަށް އޮތް ނަމަވެސް އޭނާ ވަނީ ސިއްހީ ހާލަތު ތަންނުދޭ ކަމަށް ބުނެ އެކަން ކުރަން އުޒުރުވެރިވެފަ އެވެ.

ނެށުމާއި މިއުޒިކާއި ހަވާއެރުމުގެ އިތުރުން ރަސްމިއްޔާތުގައި ވަނީ ބްރެޒިލްގެ އަސްލު ކަމަށްވާ، ޕޯޗުގީސް ދަތުރުވެރިންނާއި އެފްރިކާގެ އަޅުންނާއި ޖަޕާނުން ހިޖުރަކުރި މީހުންގެ ތާރީހާއި ސަގާފަތް ވެސް ދައްކުވައިދީފަ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެ ހާއްސަ ބަޔަކީ، ގައުމުތަކުގެ ކޮންޓިންޖެންޓުގައި ހިމެނޭ މެމްބަރުން ތައާރަފް ވުމަށް ސްޓޭޑިއަމް ވަށައި ހިނގާލުމެވެ. މި ހިނގާލުމުގައި ފެނިގެން ދިޔަ އެންމެ ކުޑަ އެއް ކޮންޓިންޖެންޓަކީ ދިވެހިރާއްޖޭގެ ފަހުރުވެރި އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިންޖެންޓެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. މި އަހަރު ސައުތު އޭޝިއަން ގޭމްސްގެ ފެތުމުން ލޯ މެޑަލް ހޯދި ސަޖަންގެ އިތުރުން ދުވުންތެރިޔާ އަފާ އިސްމާއިލް އާއި މެޑިކަލް އޮފިޝަލް އުމާނާ ނޫރައްދީން ތިބީ ކަސަބު އެޅި ރަތްކުލައިގެ ދިވެހި ލިބާހުގަ އެވެ. ދިވެހި ސަގާފީ ގޮތަށް އިސްތަށިގަނޑުގައި ހުޅިޖަހާފައިވާއިރު ކަރުގައި އޮތީ ރަން ފައުނެއް އަޅައިފަ އެވެ. ރާއްޖެ އަށް ދުވުމުން ރަން މެޑަލް ހޯދައިދީފައިވާ ހަސަން ސާއިދާއި ފެތުންތެރިޔާ އިބްރާހިމް ނިޝްވާނާއި ސްވިމިން ކޯޗު އިސްމާއިލް ފަރުހާނާއި ސްވިމިން އޮފިޝަލް މުހައްމަދު ޝާރިފާއި އެތުލެޓިކްސް ކޯޗު އަހުމަދު ފާއިލް އަދި އޮލިމްޕިކް ކޮމިޓީގެ ހަޒާންދާރު ހުސެއިން ރަޝީދު ތިބީ ގަދަ ފިޔާފޮށި ކުލައިގެ ގަމީހާ އެކު ފޭލި އަނދެގެންނެވެ.

ރިއޯ ޑި ޖެނީރޯ، ބްރެޒިލް (އޮގަސްޓް 6) - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު: މި ފަހަރުގެ ގޭމްސްގައި 200 އަށް ވުރެ ގިނަ ގައުމުން 11،000 އެތުލީޓުން ބައިވެރިވޭ. --ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އަދި ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު ވަނީ މަރަކާނާ ސްޓޭޑިއަމުގައި ވީއައިޕީގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ބައްލަވާލައިފަ އެވެ.

މި ރަސްމިއްޔާތުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ ރެފިއުޖީ އެތުލީޓުން ހިމެނޭ ޓީމަށެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ، ދުނިޔޭގައި ތިބި އެތައް މިލިއަން ރެފިއުޖީންނަށް އުއްމީދުގެ މެސެޖެއް، އެ ޓީމުން ދީފި ކަމަށެވެ.

ރަސްމިއްޔާތު ހިނގަމުން ދިޔައިރު ވެސް ގޭމްސްއާ ދެކޮޅަށް މުޒާހަރާ ކުރިއަށް ދިޔަ އެވެ. މިފަދަ ކަންކަމަށް ގައުމުގެ އިގްތިސާދު ތަންނުދޭ ކަމަށް ބުނެ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާ ދެކޮޅަށް ވެސް އޭރު އަޑުއުފުލި އެވެ. އެކަމަކު ބްރެޒިލްގެ އޮލިމްޕިކް ގޭމްސް ކޮމިޓީގެ ޗެއާމަން ކާލޯސް ނުޒްމަން ވިދާޅުވީ މިއީ އެ ގައުމުގެ ވެސް އެންމެ ފަހުރުވެރި ވަގުތުކޮޅު ކަމަށެވެ.

"އަހަރެންގެ ސިޓީ އާއި އަހަރެންގެ ގައުމާ މެދު ފަހުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.

އައިއޯސީގެ ރައީސް ބެޗް ވިދާޅުވީ މިއީ ބްރެޒިލްގެ ހުރިހާ ރައްޔިތުން ވެސް ފަހުރުވެރިވާން ޖެހޭ ވަގުތެއް ކަމަށާއި ގޭމްސްއާ އެކު، ރީތި ހިތްގައިމު ރިއޯ ޑި ޖެނީރޯ އަށް އިތުރު އާރޯކަމާއި ރީތިކަން ގެނެސްދީފި ކަމަށެވެ.