Roadha Mihaaru
ލެޕްޓޮޕުން ކަރަންޓުގައި ޖެހި މީހަކު މަރުވެއްޖެ

ލެޕްޓޮޕުން ކަރަންޓުގައި ޖެހިގެން އިންޑިއާގައި ޒުވާނަކު މަރުވެއްޖެ

26 މެއި 2016

އިންޑިއާގެ ނިއު ދިއްލީގައި ކުންފުންޏެއްގެ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ 23 އަހަރުގެ ޒުވާނަކު ލެޕްޓޮޕަކުން އީމެއިލް ޗެކްކުރަން އިންދާ ލެޕްޓޮޕްގެ ބޭރަށް ކަރަންޓު އައިސް ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ނިއު ދިއްލީގައި ކުންފުންޏެއްގެ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ 23 އަހަރުގެ ޒުވާނަކު ލެޕްޓޮޕަކުން އީމެއިލް ޗެކްކުރަން އިންދާ ލެޕްޓޮޕްގެ ބޭރަށް ކަރަންޓު އައިސް ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

ބްރިޖޭޝް ސިންގް ކިޔާ މި ޒުވާނާގެ އާއިލާގެ މީހުން ބުނާ ގޮތުން މި ހާދިސާ ހިނގި އިރު ލެޕްޓޮޕް ހުރީ ޗާޖްކުރަން ޖައްސައިފަ އެވެ. އެ އާއިލާއިން ބުނީ ބްރިޖޭޝް ކަރަންޓުގައި ޖެހުނީ ލެޕްޓޮޕްގެ ޗާޖަރު ކަރަންޓަށް ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށެވެ.

ސިންގް މަރުވި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ޕޯސްޓް މޯޓަމް ރިޕޯޓެއް އަދި ނުލިބެ އެވެ. ފުލުހުން ދަނީ ކަރަންޓް ޝޮކެއްގެ ސަބަބުން ސިންގްގެ ހިތް ހުއްޓޭ ގޮތް ވީތޯ ވެސް ސިންގް ގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާ ސުވާލު ކުރަމުންނެވެ.

ތަޖުރިބާކާރުންނާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ލެޕްޓޮޕަށް ކަރަންޓު ނަގާފައި ހުރި ގެ ހުރީ ރަނގަޅަށް އާތު ނުކުރެވި ކަމަށްވާ ނަމަ ލެޕްޓޮޕަށް ކަރަންޓު އައުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

ސިންގް ކައިވެނިކޮށްފައި ވަނީ މީގެ ތިން މަހެއްހާ ދުވަސްކުރިންނެވެ. ސިންގްގެ އަންހެނުން ބުނި ގޮތުގައި މެންދުރުގެ ކެއުމަށްފަހު ފިރިމީހާ އިއަ ފޯން ކަންފަތަށް ޖަހާފައި ލެޕްޓޮޕް ހުޅުވާލީ އޮފީހުގައި އެކުގައި މަސައްކަތްކުރާ މީހަކަށް ލިޔުންތަކެއް އީމެއިލް ކޮށްލަން ކަމަށް ބުނެފަ އެވެ.

ސިންގް އަކީ ފަރީދްއާބާދުގައި ހުންނަ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. ދެމަފިރިން ހަފުތާ ބަންދުގައި ތަނަކަށް ދާން ނިންމާފައިވާތީ އޮފީސް މަސައްކަތް ނިންމާލުމަށްފަހު އެކަމާ ވާހަކަ ދައްކާނެ ކަމަށް ސިންގް ބުނިކަމަށް އޭނާގެ އަންހެނުން ބުނެފައިވެ އެވެ.

ހާދިސާ ހިނގި އިރު އެތަނުގައި ހުރި ސިންގްގެ އަވަށްޓެރިއަކު ބުނެފައި ވަނީ އެމީހުންނަށް ކުއްލިއަކަށް ފެނުނީ ސިންގް ބިންމައްޗަށް ވެއްޓިފައި އޮއްވާ ކަމަށެވެ. އަދި ނަގައިގެން ފެން އަޅާ ހެދުމުން ކުޑަ ހަރަކާތެއް ހަށިގަނޑަށް އައުމަށްފަހު ހަށިގަނޑު އެއްކޮށް ފިނިވީ ކަމަށް ސިންގްގެ އަވަށްޓެރިޔާ ބުންޏެވެ.