Roadha Mihaaru
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި

އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި

06 ޖޫން 2023

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ބަލަސޯރް އަވަށުގައި، މި މަހުގެ ދެ ވަނަ ދުވަހު ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ ހަށިތަކުން އެ ސަރަހައްދުގެ މޯޗަރީތައް ފުރިފައިވާ އިރު، ޒަޚަމްވެފައިވާ މީހުންތަކުން އެ ސަރަހައްދުގެ ހޮސްޕިޓަލުތައް ފުރި ޚިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ބަލަސޯރް އަވަށުގައި، މި މަހުގެ ދެ ވަނަ ދުވަހު ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ ހަށިތަކުން އެ ސަރަހައްދުގެ މޯޗަރީތައް ފުރިފައިވާ އިރު، ޒަޚަމްވެފައިވާ މީހުންތަކުން އެ ސަރަހައްދުގެ ހޮސްޕިޓަލުތައް ފުރި ޚިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ތިން ރޭލެއް އެކްސިޑެންޓްވި މި ހާދިސާގައި މަދުވެގެން 288 މީހަކު މަރުވިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި ކާކުކަން މިހާތަނަށް ދެނެނުގަނެވޭ 100 މީހަކުވެސް ހިމެނޭ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. ބައެއް މީހުންގެ ހަށިތައް ހުރީ ކާކުކަން ވަކިނުކުރެވޭ ވަރަށް ގެއްލުން ލިބި، ބައެއް ގުނަވަންތައް ވެސް ވަކިވަކިވެފަ އެވެ.

މިހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު 1100 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ބައެއް މީހުން ތިބީ ފުރާނަ އަށް ނުރައްކާވާ ވަރަށް ޖިސްމާނީ ގެއްލުންތައް ލިބިފަ އެވެ. ޒަޚަމްވި ގިނަ ބަޔަކު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އެ ހޮސްޕިޓަލުތަކުން ދޭ އާންމު ޚިދުމަތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭލުތައް އެކްސިޑެންޓް ނުވާނެ ގޮތަށް ރައްކާތެރިކަމުގެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށްފައިވާ ރޭލު މަގެއްގައި ކަމަށްވާތީ، މި ހާދިސާ ހިނގީ، އެ ނިޒާމަށް މެދުވެރި ފަންނީ މައްސަލައަކުންތޯ ނުވަތަ މީހަކު ގަސްދުގައި ކުރި ކަމަކުންތޯ ދެނެގަތުމަށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.

މި ހާދިސާގައި އެކްސިޑެންޓްވީ ޖެހިޖެހިގެން އަޅާފައި އޮތް ތިން ރޭލު ދަނގަޑެއްގަ އެވެ. އެންމެ ފުރަތަމަ އެކްސިޑެންޓްވި ރޭލު، މެދުގައި އޮތް ރޭލު ދަގަނޑުން ދަތުރުކޮށްފައި ދަނިކޮށް، އޭގެ ދަނގަޑު ބަދަލުވެ އެންމެ އުތުރު ފަރާތުގައި އޮތް ރޭލު ދަގަނޑަށް އެރި އެވެ. އެ ރޭލު އުތުރު ދަގަނޑަށް އެރި އިރު، މުދާ އުފުލާ ރޭލެއް އެ ދަގަނޑުގައި ޕާކްކޮށްފައި އޮތެވެ.

މެދުން ދަތުރުކޮށްފައި އައި ރޭލުގެ ދަގަނޑު ބަދަލުވެގެން އުތުރު ދަގަނޑަށް އެރުމާއެކު، އެ ދަގަނޑުގައި އޮތް، މުދާ އުފުލާ ރޭލުގައި ޖެހި، މެދުން ދަތުރުކުރަމުން އައި ރޭލުގެ ބައިތައް އެ ސަރަހައްދަށް ބުރަބުރައިގެން ދިޔަ އެވެ. އެ ވަގުތު ތިން ދަގަނޑުގެ ތެރެއިން އެންމެ ދެކުނަށް އޮތް ދަގަނޑުގައި، ހުޅަނގުން އިރަށް ބާރު ދުވެލީގައި ދަތުރުކޮށްފައި ދިޔަ ރޭލު، އެ ސަރަހައްދުގައި އެކްސިޑެންޓްވެފައި އޮތް ރޭލުގެ ބައިތަކުގައި ޖެހި ދެވަނަ ހާދިސާއެއް ހިނގީ އެވެ.

މި ހާދިސާ އަށް ތިން ދުވަސްވީ އިރު ވެސް، މި ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ޚަބަރެއް ވޭތޯ، އެމީހުންގެ އާއިލާތަކުގެ މީހުން ދަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ. ދުރު ހިސާބުތަކުން އައި އާއިލާތަކުގެ މީހުން، ގެއްލިފައިވާ މީހުންގެ ފޮޓޯތައް ހިފައިގެން، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ބަލައި، އާއިލާގެ މީހުން ދެނެގަނެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.