Roadha Mihaaru
ގްރީސްގައި ދެ ރޭލު މުޑިއަރައި 32 މީހަކު މަރުވެއްޖެ

ގްރީސްގައި ދެ ރޭލު މުޑިއަރައި 32 މީހަކު މަރުވެއްޖެ

01 މާޗް 2023

ގްރީސްގެ މެދުތެރޭ ސަހަރެއް ކަމަށްވާ ޓެމްޕީގައި ރޭ އިރާކޮޅު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ ރޭލު މުޑިއަރައި މަދުވެގެން 32 މީހަކު މަރުވެ އިތުރު 85 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ގްރީސްގެ މެދުތެރޭ ސަހަރެއް ކަމަށްވާ ޓެމްޕީގައި ރޭ އިރާކޮޅު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ ރޭލު މުޑިއަރައި މަދުވެގެން 32 މީހަކު މަރުވެ އިތުރު 85 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މި ހާދިސާގައި މުޑިއަރާފައިވަނީ 350 މީހުން ގޮވައިގެން ދަތުރުކުރި ރޭލަކާއި މުދާ އުފުލާ ރޭލެކެވެ. މި ހާދިސާގައި ޒަޚަމްތަކާ އެކު ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި ދެ ރޭލު މުޑިއެރުމާއެކު އިވިގެން ދިޔައީ ވަރަށް ބާރު އަޑުފައްގަނޑެކެވެ.

އެއާއެކު ހިނދު ކޮޅެއްގެ ތެރޭގައި ދެ ރޭލުގައި ރޯވެ ހުޅުފަޅައި މުޅި ސަރަހައްދުގައި އޮލަ ދުންގަނޑެއް ފެތުރިގެން ދިޔަ ކަމަށް ބައެއް މީހުން ބުންޏެވެ. އެކަކު ބުނި ގޮތުގައި ދެ ރޭލު ޖެހުމާއެކު ދެ ރޭލުގެ އެކި ބައިތައް ފުރޮޅި ފުށުން ޖެހިގެން ދިޔަ އެވެ. ދެ ރޭލު ޖެހުމާއި އަލިފާންގަނޑު ފެތުރުމާ ދެމެދު ހިނގީ 10 ވަރަކަށް ސިކުންތު ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ގްރީސްގެ އަލިފާން ނިއްވާ އިދާރާގެ މީހުން ބުނި ގޮތުގައި މި ހާދިސާގައި ވީނުވީއެއް ނޭނގި ބައެއް މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވެ އެވެ. އެހެންކަމުން މީހުން ދަތުރުކުރި ރޭލުގެ އެންމެ ކުރީގެ ދެބައި އިތުރަށް ބަލައި، އެއްވެސް މީހެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނަމަވެސް ފެނޭތޯ ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މި ހާދިސާގައި، މީހުން ދަތުރުކުރި ރޭލުގެ އެންމެ ކުރީކޮޅުގެ ހަތަރު ބައި ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އަދި ރޭލުގެ ކުރީކޮޅުގެ ފުރަތަމަ ދެބައި ވަނީ އެއްކޮށް އަނދައިފަ އެވެ. އެހެންކަމުން މަރުވި ގިނަ މީހުންނަކީ އެ ދެބައިގައި ތިބި މީހުންނެވެ. ރޭލުގެ އެހެން ބައިތަކުގައި އަލިފާން ހިފުމުގެ ކުރިން، އެ ބައިތަކުގައި ތިބި ގިނަ މީހުން ވަނީ ޒަޚަމްތަކަކާ އެކު ސަލާމަތް ވެފަ އެވެ.

މީހުން ގޮވައިގެން ދިޔަ ރޭލު ދަތުރުކުރީ ވެރިރަށް އެތެންސުން ފުރައިގެން ގްރީސްގެ ދެ ވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ތެއްސަލޮންކީ އަށެވެ. މުދާ އުފުލާ ރޭލު ދަތުރުކުރީ، ތެއްސަލޮންކީ އިން ފުރައިގެން މާ ދުރު ނޫން ހިސާބެއްގައި އޮންނަ ލަރިއްސާ ކިޔާ ސަހަރަށެވެ.

ގްރީސް ސަރުކާރުން ބުނި ގޮތުގައި މި ހާދިސާއަކީ އެ ގައުމުގެ ރޭލު ދަތުރުތަކުގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި ހާދިސާ އެވެ. މި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ދެ ރޭލު މުޑިއެރީ، ދެ ރޭލު ވެސް ވަރަށް ބާރު ދުވެލީގައި ދަތުރުކުރަމުން ދަނިކޮށެވެ. އަދި މި ހާދިސާ ހިނގީ، އެ ރޭލު ދަގަނޑު މަތިން އެހެން ރޭލެއް އަންނަކަން އަނެއް ރޭލަށް ނޭނގުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.