Roadha Mihaaru
މަނީޕޫރްގެ ނަސްލީ ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތް

މަނީޕޫރްގެ ނަސްލީ ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތް

09 އޯގަސްޓް 2023

މަނީޕޫރް (އޯގަސްޓް 9) - އިންޑިއާގެ އިރުއުތުރު ސްޓޭޓެއް ކަމަށްވާ މަނީޕޫރްގައި، މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެށިގެން ކުރިއަށް ދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ސަބަބުން މަރުވި މީހުންގެ 150 މައްޗަށް އަރައިފި އެވެ.

މަނީޕޫރް (އޯގަސްޓް 9) - އިންޑިއާގެ އިރުއުތުރު ސްޓޭޓެއް ކަމަށްވާ މަނީޕޫރްގައި، މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެށިގެން ކުރިއަށް ދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ސަބަބުން މަރުވި މީހުންގެ 150 މައްޗަށް އަރައިފި އެވެ.

މަނީޕޫރްގެ އެކި ސަރައްދުތަކަށް ފެތުރިފައިވާ ތަޅާފޮޅުންތައް ކުރިއަށް ދަނީ، ކޫކީ ދަރިކޮޅުގެ މީހުންނާއި މެއިތީ ދަރިކޮޅުގެ މީހުންނާ ދެމެދުގަ އެވެ. މަނީޕޫރްގައި މިހާރު ވަނީ ނަސްލީ ބޮޑު ހަމަނުޖެހުމެއް އުފެދި، ކޮންޓްރޯލް ކުރުން ދަތިވާ މިންވަރަށް މައްސަލަ ގޯސްވެފަ އެވެ. ހަމަނުޖެހުން އިތުރުވާން ފެށުމާއެކު، މަރުކަޒީ ސަރުކާރުން އަންގައިގެން އިތުރު ސިފައިން މަނީޕޫރަށް ދިޔަ އެވެ.

އަދި ހަމަނުޖެހުމަށް މަސް ދުވަސް ފާއިތުވެގެން ދިޔަ ފަހުން އެ ސްޓޭޓްގައި ކާފިއު ހިންގައި ބޭރަށް ނުކުމެ އުޅުން މަނާކުރި އެވެ. އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލައި މުވާސަލާތުކުރުމަށް ސަރުކާރުން ހުރަސްއެޅި އެވެ. ނަމަވެސް އެއިން ކަމަކުން މައްސަލައަށް ލިބުނު ހައްލެއް ނެތެވެ.

މަނީޕޫރްގެ ހަމަނުޖެހުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ނުކުރާތީ، ބޮޑުވަޒީރު މޯދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިހާރު އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލައާ މެދު މި ހަފުތާގައި ބަހުސްކޮށް ގޮތެއް ނިންމަން ތާވަލުކޮށްފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ މޯދީގެ ސަރުކާރަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ (ލޮކް ސަބާ)ގެ ޖުމްލަ 542 މެމްބަރުންގެ ތެރެއިން 301 މެމްބަރުންނަކީ، ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރުންނަށް ވާތީ، އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އޭގެ އިތުރުން މަނީޕޫރްގައި ވެސް އޮންނަނީ ބީޖޭޕީގެ ސަރަހައްދީ ސަރުކާރަކަށް ވާތީ، އިތުބާރު ނެތް ކަމުގެ ވޯޓުން އަސްލު މައްސަލަ އަށް އަސަރެއް ނުކުރާނެ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި އިދިކޮޅު އިއްތިހާދުގައި ހިމެނޭ އާންމު އާދަމީ ޕާޓީ އިން ބުނި ގޮތުގައި އިތުބާރު ނެތް މައްސަލައިގެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، މައްސަލައާ މެދު މަޖިލީހުގައި ބަހުސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މަނީޕޫރް މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ކަންބޮޑުވަނީ، މަނީޕޫރްގައި ބޮޑު ހަމަނުޖެހުންތަކެއް އުފެދި ތިން މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް، އެކަމާ ބެހޭ ގޮތުން ބޮޑުވަޒީރު މޯދީ މަޖިލީހަށް ޖަވާބުދާރީނުވާތީ އެވެ.

މަނީޕޫރްގައި ދިރިއުޅޭ ތަފާތު ނަސްލުތަކުގެ ތެރެއިން ކޫކީ ދަރިކޮޅުގެ މީހުންނާއި މެއިތީ ދަރިކޮޅުގެ މީހުންނާ ދެމެދު މެއި މަހުގެ ކުރީކޮޅު ދެބަސްވުންތައް އުފެދުނީ، މަނީޕޫރްގެ ހިމާޔަތްކޮށްފައިވާ ޖަންގަލި ސަރަހައްދެއްގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ މީހުން، އެހެން ތަނަކަށް ބަދަލުކުރުމަށް މަނީޕޫރްގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އެ މައްސަލަ އުފެދިފައި ވަނިކޮށް، ހަމަނުޖެހުންތައް އުފެދެން މެދުވެރިވީ، މެއިތީ ދަރިކޮޅުގެ މީހުންނަކީ، އިންޑިއާގެ އާބާދީގައި ހިމެނޭ ބައި މަދު ދަރިކޮޅެއް (ޝެޑިއުލްޑް ޓްރައިބް)ގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެންނެވެ. އެ އަޑުތައް ފެތުރުމާއެކު، މަނީޕޫރްގެ ހުރިހާ ދަރިކޮޅުތަކެއްގެ ދަރިވަރުން ތަމްސީލްކުރާ ޔޫނިއަނުން އިންތިޒާމުކުރި އެއްވުމެއްގައި، މެއިތީ ދަރިކޮޅުގެ މީހުން ފިޔަވައި އެހެން ދަރިކޮޅުތަކުގެ އެތައް ހާސް ބަޔަކު ބައިވެރިވެ، އެކަމާ ދެކޮޅަށް އަޑު އުފުލުމުންނެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ނަމަވެސް އިންޑިއާގެ ޝެޑިއުލްޑް ޓްރައިބެއްގެ ގޮތުގައި މިހާތަނަށް ރަސްމީކޮށް ކަނޑައަޅާފައި ނުވާ އެތައް ބަޔަކު މިހާރު ވެސް އިންޑިއާގައި އެބަ އުޅެ އެވެ. އެފަދަ ދަރިކޮޅުތަކާއި ގަބީލާތަކުގެ މީހުންނަށް، އިންޑިއާގެ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް ދޭ އެއްވެސް އަސާސީ ޚިދުމަތެއް ނުލިބެ އެވެ.

ސިއްހީ ބޭސްފަރުވާގެ ލުއިފަސޭހަތަކާއި، ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު ވެސް، ޝެޑިއުލްޑް ޓްރައިބެއްގެ ގޮތުގައި ކަނޑައަޅާފައިނުވާ ދަރިކޮޅެއްގެ މީހަކަށް ނުލިބެ އެވެ. އެހެންކަމުން، މަނީޕޫރްގައި ދިރިއުޅޭ މެއިތީ ދަރިކޮޅުގެ މީހުންނަށް ޝެޑިއުލްޑް ޓްރައިބެއްގެ ދަރަޖަ ދިނުމަށް، އެހެން ދަރިކޮޅުތަކުގެ މީހުން ދެކޮޅު ހަދަނީ، އެފަދަ ނިންމުމެއް ނިންމައިފި ނަމަ، މެއިތީ ދަރިކޮޅުގެ މީހުން ފިޔަވައި، އެހެން ދަރިކޮޅުތަކުގެ މީހުންނަށް އެކަމުން މަންފާއެއް ނުކުރާނެތީ އެވެ.

މަނީޕޫރްގެ ޖުމްލަ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ މެއިތީ ދަރިކޮޅުގެ މީހުންނެވެ. އަދި މަނީޕޫރްގައި މިހާރު އޮތް ސަރުކާރުގައި ތިބީ، މެއިތީ ދަރިކޮޅުގެ މީހުން ކަމަށްވާއިރު، މަނީޕޫރްގެ އާބާދީގައި ދެން އެންމެ ބޮޑު ހިއްސާއެއް ވަނީ ކޫކީ ދަރިކޮޅުގެ މީހުންނެވެ.