Roadha Mihaaru
ޒުވާނުންނަށް ވަނީ އިހުމާލުވެފައި އެކަން ހައްލުކުރާނަން

ޒުވާނުންނަށް ވަނީ އިހުމާލުވެފައި އެކަން ހައްލު ކުރާނަން: އިބޫ

16 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޒުވާނުންނަށް އިހުމާލުވެފައި ކަމަށާއި އެކަން ކޯލިޝަންގެ ވެރިކަމެއްގައި ހައްލު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޒުވާނުންނަށް އިހުމާލުވެފައި ކަމަށާއި އެކަން ކޯލިޝަންގެ ވެރިކަމެއްގައި ހައްލު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ބުރުޒު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި އިދިކޮޅު ކޯލިޝަންގެ ޒުވާނުންގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު އިބޫ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށްވާއިރު އޭގެ ތެރެއިން 23 ހަކަށް ޕަސެންޓް މީހުން ތިބީ ވަޒީފާ ނެތި ކަމަށެވެ.

ކޯލިޝަންގެ ކެންޑިޑޭޓް އިބޫ އާއި ރަނިން މޭޓް ފައިސަލް ނަސީމެވެ. އެހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެވަޑައިގެން އިބޫ އާއި ފައިސަލާއެކު ފޮޓޯ ނެގި އެވެ.

ޒުވާނުންނާ މުހާތަބްކުރައްވައި އިބޫ ވިދާޅުވީ މި ސަރުކާރުން ޒުވާން ކުޅުންތެރިން ޖަލަށް ލައި ގާނޫނީ ވަކީލުން ސަސްޕެންޑް ކުރަމުން ދާ ކަމަށެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރާ ގެޓްސެޓް ލޯން، ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި އޭނާގެ ސަރުކާރެއްގައި އެ ކަންކަން ހައްލު ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ޒުވާނުންގެ ޖަގަހަ ހުޅުވައި ދެއްވުމަށްފަހު އިބޫ އާއި ފައިސަލް ޒުވާނުންނާއެކު-- ފޮޓޯ: އެމްޑީޕީ

ޒުވާނުންގެ ޖަގަހަ ހުޅުވައި ދެއްވުމަށްފަހު އިބޫ އާއި ފައިސަލް ޒުވާނުންނާއެކު-- ފޮޓޯ: އެމްޑީޕީ

"މިހާރު މިއޮތް ރައީސް ޔާމީންގެ ސަރުކާރުން ވައުދުވަމުން ދިޔައީ ޒުވާނުންނަށް އެތައް އެތައް ކަމެއް ހޯދައިދޭނެ ކަމަށް. ނުވަދިހަ ފަސް ހާސް ވަޒީފާ އުފައްދައި، ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތަކަށް ވަޒީފާ ދޭނެ ކަމަށް. އެކަމަކު މިއަދާ ހިސާބަށް އައި އިރު ވެސް އަޅުގަނޑު މި ދެންނެވީ ރާއްޖޭގައި އޮތް ހަގީގަތް،" އެކި ކުލަތަކުން ދިއްލާފައިވާ ޖަގަހަ ބޭރުގައި ހުންނަވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އޭނާގެ ސަރުކާރެއްގައި ޒުވާނުންނަށް ކޮށްދެއްވާނެ ކަންކަން ވެސް ހާމަ ކުރައްވައިފަ އެވެ. އެގޮތުން ސަރުކާރުން ދޭ ސްކޮލާޝިޕްތަކުގައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވުމުގެ ފުރުސަތު ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ދަތުރު ދިއުމަށް ހާއްސަ ރަށެއް ކަނޑައަޅައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޯލިޝަނުން މިތިބީ ޒުވާނުންނާ އެކީގައި ޒުވާނުން ބޭނުންވާ ކަންކަން ފުއްދައިދޭން. މިއީ ޒުވާނުންގެ ކޯލިޝަނެއް. މިއީ ހުރިހާ އުމުރު ފުރައިގެ މީހުންގެ ކޯލިޝަނެއް،" އިބޫ ވިދާޅުވި އެވެ.

ރަނިން މޭޓް ފައިސަލް ވިދާޅުވީ އިންތިހާބުގެ ކެންޑިޑޭޓުންގެ ތެރެއިން، ޒުވާނުންނަށް ވޯޓު ލުމުގެ ހައްގު ދިނުމަށް މަޖިލީހުގައި ވޯޓު ދެއްވީ އޭނާ އާއި އިބޫ އެކަނި ކަމަށެވެ. ކޯލިޝަންގެ ވެރިކަމެއްގައި ޒުވާނުންނަކީ ރާއްޖޭގެ ތަރައްގީގެ ހަލުވި ދުވެލީގައި މަސައްކަތް ކުރެވޭނެ ބައެއް ކަމަށް ހަމަޖައްސަވައި ވަޒީފާ ނެތި އުޅެން ޖެހޭޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.