އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެކަކު ވެސް އިންސާފުން ބާކީ ނުކުރާނެ ކަމަށް ވައުދުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ، އެކު "ޖަޒީރާ ދަތުރު" ކެމްޕޭން މިރޭ އައްޑޫން ނިންމާލައިފި އެވެ.
21 ސެޕްޓެމްބަރ 2018
އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެކަކު ވެސް އިންސާފުން ބާކީ ނުކުރާނެ ކަމަށް ވައުދުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ، އެކު "ޖަޒީރާ ދަތުރު" ކެމްޕޭން މިރޭ އައްޑޫން ނިންމާލައިފި އެވެ.
އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަންގެ ކެމްޕޭން އައްޑޫން ޖުލައި 13 ގައި ފެށުމަށް ފަހު، މީހުން ދިރިއުޅޭ 187 ރަށަށް، އެ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމް ވަނީ ވަޑައިގެންފަ އެވެ. މި ކެމްޕޭން ނިންމައިލަން، އައްޑޫގައި އެންމެ އާބާދީ ބޮޑު ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ، ކެމްޕޭން އައްޑޫން ފަށައި އެ ސިޓީން ނިންމައިލުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.
އިބޫ އާއި ފައިސަލް މިރޭ ވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.
ހިތަދޫ ބަނދަރު ސަރަހައްދުގައި އޮތް ފައިބަރު ދޯންޏެއްގައި ހަދާފައިވާ ރީތި ޕޯޑިއަމެއްގައި، ވެވަޑައިގެންނެވި ވައުދުތަކުގެ އެންމެ ކުރީގައި އޮތީ އަނިޔާވެރިކަން ނިންމައި ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމެވެ. އިންސާފު ހޯދައިދިނުމުގައި "ހަމަ އެކަކު ވެސް "ބާކީ ނުކުރާނެ" ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.
ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މި ރަށުގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކެންޑިޑޭޓްގެ އިބްރާހީމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާ ސަލާމް ކުރައްވަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
"ވަކި ކުލައެއް ރީތި ވުމަކުން އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީފާއިން ވައްކެތް ނުކުރާނެ. ވަކި ޕާޓީއެއްގައި ރަޖިސްޓްރީ އޮތުމަކުން ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ. ފްލެޓް ދިނުމުގައި މިނިސްޓަރުގެ ލިސްޓެއް ނޯންނާނެ. ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ޖަލު ގޮޅީގައި ވޭން ތަހައްމަލް ކުރަން ޖެހޭނެ މީހަކަށް ވެސް ނުވާނެ،" އިބޫ ވިދާޅުވި އެވެ.
އޭނާ މި ވާހަކަ ދެއްކެވިއިރު، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އިންތިޚާބު ކާމިޔާބުކޮށް، އެ އެންމެންނާއިި އާއިލާތަކަށް ވެސް އިންސާފު ކަށަވަރު ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ފައިބަރު ދޯންޏެއްގައި ހަދާފައިވާ ރީތި ޕޯޑިއަމް؛ މި ޕޯޑިއަމްގައި އިބޫ އާއި ފައިސަލް ވަނީ ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެެވަޑައިގެންފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
މިރޭގެ ޖަލްސާގައި، މިހާރު ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުގައި، ފާހަގަ ކުރެއްވުނީ، އިބޫ ވިދާޅުވި ގޮތުގައި، އިންސާފާއި ހަމަހަމަކަން ނެތި ކޮރަޕްޝަން އާއްމުވެފައި އޮތް މިންވަރެވެ. ނުހައްގުން ޖަލަށް ލައި ނިކަމެތިކަން ލިބެމުންދާ އެތަކެއް އާއިލާއެއް ހިތްދަތި ކަމުގައި ތިބި ތަނެވެ.
މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
މި ހުރިހާ ކަމެއް ބަދަލުކުރަން ރައްޔިތުން ތިބީ އަޒުމް ކަނޑައޅައިގެން ކަމަށާއި އެ އުއްމީދު ހާސިލްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެ ދަތުރުތަކުން ލިބުނު "ވައުދު ވޯޓު"ގެ އަދަދު ވެސް 170،000 އަށް އަރާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވަނީ 170،000 ވޯޓު ކަށަވަރު ވެފައި. އެހެން ކަމުން، އިންތިޚާބު މި އޮތީ އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ވެފައި،" އިބޫ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ކެމްޕޭންގައި ރަށްތަކަށް ވަޑައިގަތުމުން ރައްޔިތުން ބަންޑުން ކުރި އިހްސާސްތަކަކީ ބޭކާރު އެއްޗަކަށް އިދިކޮޅު ސަރުކާރެއްގައި ނުހަދާނެ ކަމަށެވެ. ކެމްޕޭންގައި ރައްޔިތުން ދިން ލޯތްބާއި އޯގާތެރިކަމާއި އުފާވެރި ކަމުގެ ބަދަލު ހަމަ އެ ގޮތަށް ލިބޭނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ.
މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
"އަޅުގަނޑުމެންގެ ސަރުކާރު ވާނީ ގާނޫނާ ހުރުމަތްތެރިކޮށް ހިތައި ގާނޫނުއަސާސީ ނަގަހައްޓައި ދަމަހައްޓާ ނަމޫނާ ބަޔަކަށް. މި ސަރުކާރުގައި ނެތި ގޮސްފައިވާ ހަމަހަމަކަމާއި އިންސާފު ގާއިމް ކޮށްދޭނަން. ދިވެހި ރައްޔިތުންނަށް އިހްސާސް ކުރެވިފައި އޮތް ހިތި ރަހަ ބަދަލުކޮށްލާނީ ފޮނި މީރު ރަހަތަކަކަށް،" ފައިސަލް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނަށް ހިންގާނީ، ފައިސަލް ވިދާޅުވި ގޮތުގައި، ނުއަގުގައި ކޮރަޕްޝަން ހިމަނައިގެނެއް ނޫނެވެ. ރައްޔިތުންގެ އަޑު އަހައި، ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ބޮޑެތި މަޝްރޫއު ހިންގައިދޭނީ، ރައްޔިތުންނަށް ޝަކުވާ ކުރާނެ ފުރުސަތު ނުލިބޭ އަދި ހިތްހަމަޖެހުން ގެނުވާނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޔަގީން ކަމުގައި އެންމެން ވެސް ވޯޓުލާން ނުކުމެ، ކާމިޔާބީގައި ހިއްސާވުމަށް ފައިސަލް ގޮވައިލެއްވި އެވެ. އަދި އެއީ، ނުހައްގުން ބަންދުކޮށްފައިވާ އެންމެންނަށް މިނިވަންކަން ލިބި އިންސާފުގެ "ދަތުރު" ފަށާ ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
އޯގާތެރި ސަރުކާރެއް ހޯދައިދޭން އިބޫ ވައުދުވެވަޑައިގެންފި
އިބޫގެ މެސެޖެއް، ރައީސް ޔާމީނަށް: "ވޯޓާ ނުކުޅުއްވާތި"!
ފަހު ދަތުރުގައި އިބޫ އާއި ފައިސަލް އައްޑު އަށް
ރައީސް ޔާމީން އިދިކޮޅަށް: ތިއީ ކޮކްޓެއިލް ކޯލިޝަނެއް!
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
އިބޫ، ރައްޔިތުންނަށް މާޔޫސްކަމެއް ނުގެންނާނެ: ފައިސަލް