13 އޯގަސްޓް 2018
"ވަކި ކާޑެއް ކުޅެގެން" ދިވެހިންނަށް ކަންކަން އޮޅުވާލެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
"ވަކި ކާޑެއް ކުޅެގެން" ދިވެހިންނަށް ކަންކަން އޮޅުވާލެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ދ. އަތޮޅަށް ފައިސަލް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރު ހޮވިއްޖެ ނަމަ، ދިވެހިންގެ ގައުމެއްގެ ގޮތުގައި އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ރާއްޖެ އޮވެދާނެ ކަމާ މެދު ޝައްކު ކަމަށެވެ. އަދި ރައްޔިތުން މިއަދު ނުކުމެ ތިބީ ދީނާއި ގައުމުގެ ހައްގުގައި ކަމަށާއި އެކަން އޮޅުވާލަން ބަޔަކު މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ ކިބައިން ފައިސަލް އެދިވަޑައިގަތީ ބުއްދި ގަބޫލު ކުރެވޭ "ހަގީގީ ވާހަކަ" ދެއްކުމަށެވެ.
"ވަކި ކާޑެއް ކުޅެގެން އިންތިޚާބެއް ކައިރިވެގެން އަންނައިރު، ވަކި ވައްތަރެއްގެ ވާހަކަތަކެއް ދައްކައިގެން ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރު ވެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް. ދިވެހި ރައްޔިތުންނަކީ މަސައްކަތްތެރި ބައެއް. ތޫނު ފިލި ބައެއް. ވިސްނުންތެރި ބައެއް. އެހެންވީމަ މިއަދު ގަބޫލު ކުރަންވީ ދިވެހި ރައްޔިތުން ނިކުންނަވާފައި މި ތިބީ ސަބަބެއް އޮވެގެންނޭ،" ވިދާޅުވަމުން ފައިސަލް ވިދާޅުވި އެވެ.
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ފާޑު ވިދާޅުވަމުން ފައިސަލް ވިދާޅުވި ގޮތުގައި ކުރާ ކޮންމެ މަސައްކަތެއް ތަކުރާރުކޮށް ކުރުމަކީ ސަރުކާރުން ވަރަށް ކުރާ ހިތްވާ ކަމެކެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ މީދޫ ބިން ހިއްކި ފަހުން އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އެތަނުން އެއްވެސް ބިމެއް ދޫކޮށްފައި ނުވާ މައްސަލަ އެވެ.
ފައިސަލް ވިދާޅުވީ، މިހާރު އެތަން އަލުން ބޭނުން ކުރަން ބެއްޔަސް، އިތުރު ހިމާޔަތް ކުރަން އެތައް ޚަރަދުތަކެއް އެކަމަށް ހިނގާނެ ކަމަށެވެ.. އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެފަދަ ބޭކާރު ޚަރަދުުތައް ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ތަޖްރިބާ އަޅުގަނޑުމެންގެ ޓީމުގައި އެބަހުއްޓޭ. ތި ބޭފުޅުންގެ ފައިސާއިން އަޅުގަނޑުމެން ކުރާ ކަމަކީ އޭގެ ހަަމަ އަގުގައި ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އަބަދުވެސް ހަދާނަމޭ. އަދި ހަމަ އެއާ އެކު އެ ކުރާ މަސައްކަތުގައި އަޅުގަނޑުމެން ކޮލިޓީ ހިފަހައްޓާނަމޭ،" އިދިކޮޅު ކެންޑިޑޭޓް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު ކައުންސިލަރުން ސަސްޕެންޑްކޮށް، ފިޔަވަޅު އަޅަމުންދާ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކައުންސިލްތަކަށް ބާރުވެރިކަން ލިބޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ކެމްޕެއިން ދަތުރުތަކުން ހާމަވީ ރައްޔިތުންގެ ޝަކުވާތައް ފުނިޖެހެމުން ގޮސްފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި އެކަމުން އެނގެނީ ސަރުކާރު ފެއިލް ވެފައިވާ ކަމެވެ. އެކަމަކު، އެހާ ދިގު އިންތިޒާރެއް ދިވެހިންނަށް ދެން ކުރަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތަކީ ކެރޭ ބައެއް ނަމަ، މަގާމުތަކުން އިސްތިއުފާ ދިނުން މާ ބުއްދިވެރިއޭ އެ ކަމެއްގައި އަތް އަޅައިގެން ތިބުމަށް ވުރެ. އަޅުގަނޑުމެން މި ނުކުތީ ގައުމަށް ހެޔޮ ބަދަލެއް ގެންނަން،" ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލް ވިދާޅުވި އެވެ.
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ރައީސަކީ ފައިސަލް ކަމަށް ބުނެ އަނެއްކާވެސް ކޯޓަށް
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
އިބޫ އާއި ފައިސަލް ހުރިހާ ރަށަކަށް، މިއީ ރިކޯޑެއް!
"ރައީސް އުޅުއްވަނީ ރައްޔިތުން ހުސްބުޅީގައި ބާނަން"
"ނަޝީދާއި ގާސިމަށް ވާދަ ނުކުރެއްވުނީ އަޅުގަނޑާ ހެދި"