Roadha Mihaaru
ބައިޕާސް ހެދި މީހާގެ ހާލުު ރަނގަޅު: އޭޑީކޭ

ބައިޕާސް ހެދި މީހާގެ ހާލުު ރަނގަޅު: އޭޑީކޭ

13 އޯގަސްޓް 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަން ކުރި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަން ކުރި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި ބައިޕާސް އޮޕަރޭޝަން ކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއެކެވެ. ހިތުގެ މައްސަލައެއްގައި އޭނާ އޭޑީކޭ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ފުރާނަ ސަލާމަތް ކުރެވެން އޮތީ ބައިޕާސް ހަދައިގެން ކަމެވެ. އެ ތާރީޚީ މި އޮޕަރޭޝަނަށް ނުވަ ގަޑިއިރު ނެގި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބައިޕާސް އޮޕަރޭޝަންގައި ބައިވެރިވެވަޑައިގެންނެވި، ހޭނައްތާ ޑޮކްޓަރު ފާތުމަތު އާމާލް އަބްދުއްސައްތާރު ވިދާޅުވީ، އޮޕަރޭޝަނަށް ފަހު ހިތަށް ސަޕޯޓް ކުރަން ވަރަށް ގިނަ ބޭސް ދޭނެ ކަމަށާއި އެކަމަކު މިހާރު އޭގެ އަސަރު ކެނޑި ބަލިމީހާގެ ހިތް އަމިއްލައަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"ބަލިމީހާގެ ހާލު ވަރަށް ރަނގަޅު މިހާރު. ހިނގައި ބިނގާވެ އުޅެވޭ،" ޑރ. އާމާލް ވިދާޅުވި އެވެ.

އޭޑީކޭން ބުނީ ބަލި މީހާ ހޮސްޕިޓަލުން ދޫކޮށްލާނީ 10 ވަރަކަށް ދުވަސް ފަހުން ކަމަށެވެ. އެކަމަކު އޭގެ ފަހުން ވެސް އޭނާގެ ހާލު މޮނީޓާ ކުރާނެ ކަމަށް ބުންޏެވެ.

ބައިޕާސް އޮޕަރޭޝަނަކީ ހިތް ހުއްޓުމުން ނުވަތަ ހިތް ހުއްޓުމުގެ ނުރައްކާ އޮތް މީހުން ކުރާ އޮޕަރޭޝަނެކެވެ. މިއީ ހަށިގަނޑުގެ އެހެން ތަނަކުން ނާރު ނަގައި، ހިތާ ދިމާލުން ހަށިގަނޑުގެ ކޮންމެވެސް ތަނެއް ފަޅާލައިގެން، ހިތުގެ ނާރުތައް ބަދަލުކުރުމުގެ ވަރަށް ނާޒުކު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރެއްވީ ހިތުގެ އޮޕަރޭޝަނަށް ހާއްސަ ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ޝާފިއު އާއި އޭޑީކޭގައި މަސައްކަތް ކުރައްވާ ނޭޕާލްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަންޖަން ސަޕްކޮޓާ އެވެ.

ބައިޕާސް އޮޕަރޭޝަނަށް ފަހު އޭޑީކޭން މިދިޔަ ހޮނިހިރު ދުވަހު ވަނީ، ހިތް ފަޅާލައިގެން ކުރާ އޮޕަރޭޝަން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮށްފަ އެވެ.

ޝާފިއު އިސްކޮށް ހުންނަވައިގެން އޭޑީކޭގެ ކާޑިއެކް ޓީމުން މި އޮޕަރޭޝަން ކުރީ ތިން ކުދިންގެ މަންމައެއް ކަމަށް ވާ އުމުރުން 25 އަހަރުގެ އަންހެނެއްގެ އެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް އޭޑީކޭން ބުންޏެވެ.