Roadha Mihaaru
އޭޑީކޭ ކެތުލެބު ސާމާނު ގެނެސްފި، ހުޅުވުން ޖެނުއަރީިގައި

އޭޑީކޭގެ ކެތު ލެބުގެ ސާމާނު ގެނެސްފި، ޖެނުއަރީގައި ހުޅުވަނީ

21 ނޮވެމްބަރ 2016

ހިތުގެ ޒަމާނީ ފަރުވާއަށް ހާއްސަ ކެތު ލެބަށް ބޭނުންވާ މުހިންމު ސާމާނު މިހާރު ގެނެސްފި ކަމަށާއި ޖެނުއަރީ މަހު އެތަން ހުޅުވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހިތުގެ ޒަމާނީ ފަރުވާއަށް ހާއްސަ ކެތު ލެބަށް ބޭނުންވާ މުހިންމު ސާމާނު މިހާރު ގެނެސްފި ކަމަށާއި ޖެނުއަރީ މަހު އެތަން ހުޅުވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ލެބަށް ބޭނުންވާ ގިނަ ވަސީލަތްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭޑީކޭގެ ކެތު ލެބުން ވެސް އެންޖިއޮގްރަފީ އާއި ސްޓެންޓާއި ޕޭސްމޭކަރު ލެއްވުމުގެ އިތުރުން ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ވެސް ފަރުވާ ދޭނެ އެވެ.

"މީގެ އިތުރުން ހިތުގެ ބަލިތަކާ ގުޅޭ ގިނަ ތަހުލީލުތަކެއް ވެސް މިތަނުން ކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް މިތަނުން ދިނުން،" އަފްއާލް ވިދާޅުުވި އެވެ.

އޭޑީކޭގައި މިހާރު ވެސް ކާޑިއެކް ޑިޕާޓްމެންޓެއް އަންނަނީ ހިންގަމުންނެވެ.

އަފްއާލް ވިދާޅުވީ ކެތު ލެބުގެ ސަބަބުން ހިތުގެ ފަރުވާތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭން ބޭރަށް ނުގޮސް، އެފަރުވާތައް ލިބެން ހުރުމަކީ ބަލިމީހުންނަށް ވަރަށް ބޮޑު ލުޔެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެތު ލެބެއް ގާއިމްކުރީ މިދިޔަ ޖޫން މަހު އައިޖީއެމްއެޗުގަ އެވެ. އަދި ކުރިން ރާއްޖޭން ލިބެން ނެތް ގިނަ ފަރުވާތަކެއް އެތަނުގައި އަންނަނީ ދެމުންނެވެ.