03 ޖުލައި 2016
އެންމެ ފަސް މިނެޓްގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ޖެހުން މިދިޔަ ހުކުރު ދުވަހު ނިމުމަކަށް އައީ އެވެ. އައިޖީއެމްއެޗުގައި ހިތުގެ ފަރުވާ ފަށައިފި އެވެ. މިއީ، އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް މި އައީ ވަރަށް ބޮޑު އިންގިލާބެކެވެ. އާދައިގެ ފަރުވާތަކަށް ހާއްސަވެފައި އޮތް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް މިހާރު މި ވަނީ އެހެން މަރުހަލާއަކަށް ފައި ނަގައިފަ އެވެ. އެ ހޮސްޕިޓަލް ކަނޑައްތުކުރަން އެ ފެށީ ސިއްހީ ނިޒާމުގެ އާ ދައުރެކެވެ.
އެންމެ ފަސް މިނެޓްގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ޖެހުން މިދިޔަ ހުކުރު ދުވަހު ނިމުމަކަށް އައީ އެވެ. އައިޖީއެމްއެޗުގައި ހިތުގެ ފަރުވާ ފަށައިފި އެވެ. މިއީ، އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް މި އައީ ވަރަށް ބޮޑު އިންގިލާބެކެވެ. އާދައިގެ ފަރުވާތަކަށް ހާއްސަވެފައި އޮތް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް މިހާރު މި ވަނީ އެހެން މަރުހަލާއަކަށް ފައި ނަގައިފަ އެވެ. އެ ހޮސްޕިޓަލް ކަނޑައްތުކުރަން އެ ފެށީ ސިއްހީ ނިޒާމުގެ އާ ދައުރެކެވެ.
"މިއީ ސަރުކާރާއި މި ހޮސްޕިޓަލާއި މިތާނގެ ޑޮކްޓަރުންގެ ވެސް ވަރަށް ގިނަ ދުވަހުގެ ވަރަށް ގިނަ އަހަރުތަކެއްގެ ހުވަފެނެއްގެ ނިމުން،" އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހަންމަދު ރިޝްވާން ވިދާޅުވި އެވެ.
ޒަމާނީ ކެތު ލެބެއް ބަހައްޓައި، ހިތުގެ ބަލީގެ ޚާއްސަ ސެންޓަރެއް ރާއްޖޭގައި ވެސް މި ހުޅުވީ އަލަށެވެ. މި ވަރުގެ ޚިދުމަތެއް ފެށުމަކީ ހަރަދަށް ބަލާއިރު ވެސް ބޮޑު ކަމެކެވެ. އަނެއްކޮޅުން ފައިސާ ހުއްޓަސް، މިއީ ގާބިލް ޓީމެއް ނެތި ކުރެވޭ ވަރަށް ވުރެ ވެސް ބޮޑު ކަމެކެވެ. އެހެންވެ، މިކަމަށް ރާއްޖެއިން ތައްޔާރުވާތާ ވެސް ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެ ހުރިހާ ކަމެއް ހަމައަކަށް އެޅުމަށް ފަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ ކާމިޔާބު ކަމާ އެކު އެންޖީއޯގްރަފީ އާއި އެންޖީއޯ ޕްލާސްޓީ ހަދަން ފަށައިފަ އެވެ. މި ސެންޓަރުންް ތަފާތު 32 ހިދުމަތެއް ދޭއިރު، އޭގެ ތެރޭގައި ހަށިގަނޑު ފަޅައިގެން ދޭ ޚިދުމަތްތައް ނުލައި ހިތަށާއި ހިތާ ގުޅިފައިވާ ލޭ ނާރުތަކަށް ދޭ ހުރިހާ ފަރުވާއެއް ދެ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން 3000 ޑޮލަރާ ގާތްކުރާ ވަރުގެ ހިދުމަތްތައް ވެސް ހިމެނެ އެވެ.
ރާއްޖޭގައި ހިތުގެ ބަލިތައް ވަރަށް ގިނައެވެ. ޚާއްސަކޮށް އުމުރުން ދުވަސްވުމާ އެކު ވަރަށް ގިނަ ދިވެހިންނަށް ހިތުގެ މައްސަލަތައް ކުރިމަތިވެ، ހިތުގެ އެކި އޮޕަރޭޝަންތައް ކުރަން ޖެހެ އެވެ. ދުނިޔޭގެ ސިއްހީ އިދާރާތަކުން ކޮށްފައިވާ ބައެއް ސާވޭތައް ދައްކާ ގޮތުން، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ހިތުގެ ބައްޔަކީ ރާއްޖޭގައި އެންމެ ސީރިއަސް ހާލަތުގައި އޮތް ބައްޔެވެ. އެހެންވެ، މި ބަލީގައި ފަރުވާ ހޯދާފައިވާ އަދި ހޯދަމުންދާ މީހުންނާއި ހޯދަން ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ އާބާދީގެ ނިސްބަތުން ވަރަށް މަތީގަ އެވެ.
އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ސެންޓަރު --. ފޮޓޯ:ނިޝާން އަލީ/މިހާރު
މިވީ ހުރިހާ ދުވަހަކު ލޭނާރުގެ ބްލޮކްތައް ދެނެގަންނާނެ އެންމެ އާދައިގެ ޓެސްޓް، ނުވަތަ އެންޖީއޯގްރަފީ ވެސް ރާއްޖޭގައި ހެދޭކަށް ނުހުރެ އެވެ. ގާތްގަނޑަކަށް 300 ވަރަކަށް ޑޮލަރުގެ މި ޓެސްޓް ހަދަން ވެއްޖެ ނަމަ ޖެހެނީ އެތައް ހާސް ޑޮލަރެއް ހޭދަކޮށްގެން ރާއްޖެއިން ބޭރަށް ދާށެވެ. އެހެންވެ، މިވަރުގެ ކަމެއް ރާއްޖޭގައި ކުރެވެން ނެތުމަކީ ސަރުކާރަށާއި އައިޖީއެމްއެޗަށް ވެސް ކުރިމަތިވެފައިވާ އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. އަދި ހަމަ އެހެންމެ، ހިތާ ގުޅިފައިވާ ދެން ހުރި ބަލިތައް ދެނެގަންނަން ވެސް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމަކީ ދައުލަތަށް ވެސް އޮތް ބޮޑު ބުރައެކެވެ. މިފަދަ ކުޑަކުޑަ ކަމަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް މިހާތަނަށް އައީ ކުރަމުންނެވެ. އަމިއްލަ މީސްމީހުންގެ ޖީބުން ވެސް އެތައް ހާސް ރުފިޔާއެއް ވަނީ ހޭދަކޮށްފަ އެވެ.
މި ޝަކުވާތަކަށް ހުއްޓުމެއް ގެނައުމަށާއި މި ހަރަދުން ސަލާމަތް ވުމަށް ހިތުގެ ބަލީގެ ސެންޓަރެއް ގާއިމްކުރަން އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ކާޑިއޮލޮޖިސްޓުން އުފެއްދުމެވެ. މީގެ އިތުރުން ރާއްޖޭގައި މިފަދަ ސެންޓަރެއް ހެދުމަށް ޓަކައި މީގެ ކުރިން އެކި ސަރުކާރުތަކުން ވަނީ ބޭރުގެ އެކި ހޮސްޕިޓަލްތަކާ ވެސް ވާހަކަ ދައްކައިފަ އެވެ. އެކި އެއްބަސްވުންތައް ވަނީ އެކުލަވާލައިފަ އެވެ. ހަމަ އެހެންމެ، ހިތުގެ ހާއްސަ ކުލިނިކެއް ނުވަތަ ސެންޓަރެއް ހަދަނީއޭ ކިޔައިގެން ތިއްބާ އެތައް ސަރުކާރު ނިމިގެން ވެސް ހިނގައްޖެ އެވެ.
އައިޖީއެމްއެޗުގެ ހިތުގެ ސެންޓަރުން މި ވަގުތަށް ވަރަށް މުހިންމު ތިން ހިދުމަތެއް ދެ އެވެ. އެއީ ހިތުގެ ބަލީގެ މީހުން މީގެ ކުރިން އާންމުކޮށް ރާއްޖެއިން ބޭރުން ހޯދަމުން އައި ހިދުމަތްތަކެވެ. މާނައަކީ، ބައި ޕާސް ހަދަން އަދި ނުފެށި ނަމަވެސް، އެ ހިސާބަށް މީހާ ދިއުމުގެ ކުރިން އެއިން ސަލާމަތް ވުމަށް ޓަކައި ހިތަށް ދެވޭ މުހިންމު ތިން ފަރުވާއެއް ކެތު ލެބުން ދެވުމެވެ. އެއީ ނާރު ތެރެއަށް ހޮޅިކޮޅު، ނުވަތަ ސްޓެންޓް ލެއްވުމާއި ހިތުގެ ވިންދު އެއް ހަމައެއްގައި ބެހެއްޓުމަށް ޓަކައި ޕޭސްމޭކާ ލައްވައިދިނުމާއި ނާރުތަކުގައި ލޭގަނޑުވެފައި ހުރިކަން ދެނެގަތުމެވެ. މީގެ ތެރެއިން އެންމެ ސްޓެންޓެއް ލެއްވުމަށް ވެސް، ރާއްޖެއިން ބޭރުން އެންމެ ކުޑަވެގެން ދެ ހާހެއްހާ ޑޮލަރު ހޭދަވެ އެވެ. ބައެއް މީހުން ތިން ހަތަރު ސްޓެންޓް ލައްވަން ޖެހިއްޖެ ނަމަ އެއީ ލައްކައެއްހާ ރުފިޔާ އެވެ.
"މިއީ ގާތްގަނޑަކަށް އެންމެ ފަސް މިނެޓްގެ ކަމެއް،" ރިޝްވާން ވިދާޅުވި އެވެ. "އައިޖީއެމްއެޗުގައި ފުރަތަމަ ސްޓެންޓް ލެއްވީ ފަސް މިނެޓުން،" ރިޝްވާން ވިދާޅުވި އެވެ.
އެވަރުގެ ކުޑަކުޑަ ކަމަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ބޭނުމެއް ދެން ނެތެވެ. ރާއްޖެ އިން ބޭރަށް ލައްކައިން ހަރަދު ކުރުމުގެ ބަދަލުގައި އެކަން އައިޖީއެމްއެޗުގައި ދިވެހިންނަށް ކޮށްދެނީ އާސަންދައިގެ ދަށުންނެވެ.
"ހަމައެއްވެސް ހަރަދެއް ބަލި މީހާގެ އަތަކުން ދެން ނުދާނެ،" ރިޝްވާން ވިދާޅުވި އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން، ރާއްޖެ އަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ހިތުގެ ބަލީގެ ޚާއްސަ ދިވެހި ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން ހިތުގެ ބަލީގެ ކުލިނިކެއް ނެތުމަކީ އޭރު އޭނާ އަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އައިޖީއެމްއެޗުގައި އީސީޖީ އާއި ހޮލްޓާ އަދި ޓީއެމްޓީ އާއި ސީޓީ ސްކޭން އަދި އިކޯކާޑިއޮގްރަފީ ހެދެން ހުރި ނަމަވެސް، އެއިން ގިނަ ފަހަރު ދެނެގަނެވެނީ ހިތުގެ ބަލި ހުރިކަން އެކަންޏެވެ. ފަރުވާއެއް ނުދެވެ އެވެ.
"އެހެންވެ، ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ރާއްޖެއަކު،" އޭނާ ވިދާޅުވެފައިވެ އެވެ.
މި ކެތު ލެބާ އެކު އެކަން ނިމުމަކަށް އައީ އެވެ. ހިތުގެ ބަލީގެ ޑޮކްޓަރުންނަށާއި ހިތުގެ ބަލީގެ އޮޕްރޭޝަންތަކަށް ޚާއްސަ ޑޮކްޓަރުންނަށް މި ސެންޓަރާ އެކު މި ހުޅުވުނީ ފުޅާ ދޮރެކެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ ކެތު ލެބު ވީމަ، މިހާރު ތިން ޑޮކްޓަރުން އެބަ މަސައްކަތް ކުރައްވާ. އެއީ ޑރ. އަލީ ޝަފީގުގެ އިތުރުން ބޭރުގެ އެހެން ޑޮކްޓަރަކާއި ބޭރުގެ ވިޒިޓިން ޑޮކްޓަރެއް،" ރިޝްވަން ވިދާޅުވި އެވެ.
"މީގެ ތެރެއިން ވިޒިޓިން ޑޮކްޓަރަކީ ހަފުތާއަކު ދެ ދުވަހު ވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް. އޭނާ ވަޑައިގަންނަވާ އިރު މިތާނގައި ތިއްބެވި ދެ ޑޮކްޓަރުންނަށް އެނގިވަޑައިގަންނަވާނެ ސާޖަރީ އަށް ފޮނުވަން ޖެހޭ ބަލި މީހުން. ޑރ. އަލީ ޝަފީގު ވެސް މިހާރު އެ ގެންދަވަނީ މިކަންކަމަށް ފަރިތަ ވަމުން."
އައިޖީއެމްއެޗުގެ އަމާޒަކީ އިތުރު ދިވެހި ޑޮކްޓަރުން މި ދާއިރާ އަށް ނެރުމެވެ. ރިޝްވާން ވިދާޅުވީ ކެތު ލެބެއް ހުރުމާ އެކު މި ދާއިރާ އަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"މިތަން ހުޅުވުމާ އެކު އައިޖީއެމްއެޗުގެ އެހެން ޑޮކްޓަރަކު ވެސް އަމިއްލަ އަށް އިސް ނަންގަވައިގެން އެ ސެންޓަރުގައި އެބަ މަސައްކަތް ކުރައްވާ. އޭގެ މާނައަކީ އެއީ ކުރިއަށް އޮތް ތަނުގައި މި ދާއިރާ އަށް އިތުރު ޑޮކްޓަރުން ޝައުގުވެރިވާނެ ކަމުގެ ހެއްކެކޭ،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓާގެޓަކީ 10 އަހަރުގެ ތެރޭގައި މުޅިން ދިވެހި ޑޮކްޓަރުން މަސައްކަތް ކުރާ، މުޅި ތަން ދިވެހިން އޮޕަރޭޓް ކުރާ ތަނަކަށް ހެދުން-- ރިޝްވާން
މިއީ އައިޖީއެމްއެޗާއި ޓްރިވެންޑްރަމްގެ މެޑި ޓްރިނާ ހޮސްޕިޓަލާ އެކު ޖޮއިންޓް ވެންޗާ އުސޫލުން ހަދާފައިވާ ތަނެކެވެ. ދިހަ އަހަރު ދުވަހަށް ހަދާފައިވާ އެގްރިމެންޓް ބުނާ ގޮތުން، އެ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު އައިޖީއެމްއެޗުގައި އަބަދުވެސް ހުންނަން ޖެހެ އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓާގެޓަކީ 10 އަހަރުގެ ތެރޭގައި މުޅިން ދިވެހި ޑޮކްޓަރުން މަސައްކަތް ކުރާ، މުޅި ތަން ދިވެހިން އޮޕަރޭޓް ކުރާ ތަނަކަށް ހެދުން،" ރިޝްވާން ވިދާޅުވި އެވެ.
"ހިތުގެ ބަލީގެ ޑޮކްޓަރަކަށް ވުމަކީ ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ މަސައްކަތް. މިހާރު ވެސް ބައެއް ޑޮކްޓަރުން މި ދާއިރާއިން އެބަ ޚާއްސަވޭ. އަނެއްކޮޅުން މިހާރުން ފެށިގެން މި ދާއިރާ އަށް ޑޮކްޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ފެށިއްޖެ."
މި ސެންޓަރަކީ އައިޖީއެމްއެޗުގެ މޫނުމަތި ބަދަލުކޮށްލި އެއް ތަނެވެ. މި ކުލިނިކާ އެކު އައިޖީއެމްއެޗާ ދޭތެރޭ، އަދި ޚާއްސަކޮށް ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކިޔަމުން އައި އެންމެ ބޮޑެތި ފާޑު ކިޔުންތަކުން ސަލާމަތް ވުމުގެ މަގެއް ހުޅުވުނީ އެވެ. އެ ހޮސްޕިޓަލުން ބޭނުން ވަނީ ވެސް އެ ސެންޓަރުގެ ހިދުމަތް ވީހާ ބޮޑަކަށް ފަސޭހަކޮށް ފުޅާކުރުމާއި އާ ޚިދުމަތްތައް ފެށުމަށެވެ. އެޕޮއިންޓްމަންޓް ލިބުން ވެސް ފަސޭހަކޮށް ހިދުމަތް އަވަސްކުރުމެވެ.
ހަމަ އެއާ އެކު ކެތު ލެބުން ދޭ ހިދުމަތްތައް ވެސް އިތުރު ކުރުމަކީ އައިޖީއެމްއެޗުގެ އެއް ޓާގެޓެވެ. އެ ހުރިހާ ކަމަކަށް އިތުރު ހޭދަތައް އަދިވެސް ކުރަން ޖެހެ އެވެ.
"މިއީ ހަގީގަތުގައި ތިޔަ ބޭފުޅުން ހީކުރާ ވަރަށް ވުރެ މާ ބޮޑު ހަރަދެއް. މިސާލެއް އަޅުގަނޑު ދަންނަވާލާނަން، މި ސެންޓަރުގައި ހުރި މެޝިންތައް ނުލައި، އެތަން ހަދަން އެކަނި ވެސް އެއީ 22 މިލިއަން ރުފިޔާ. އެހެންވީމަ ދެން އޮތް މަރުހަލާ އެއީ ބައި ޕާސް ކަހަލަ ބޮޑެތި އޮޕަރޭޝަންތައް ފެށުމަށް ތިއޭޓަރެއް ހެދުން. އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ އެ ހާލަތަށް [ބައި ޕާސް އަށް] ދަނީ ކިހާ މީހުންނެއްތޯ،" ރިޝްވާން ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ހިތުގެ އޮޕަރޭޝަން ތިއޭޓަރެއް ހެދުމަށް ވުރެ ރަނގަޅީ ބޭރަށް ފޮނުވައިގެން އެކަން ކުރުން ހަރަދުގެ ގޮތުން ބަލާއިރު. އެކަމަކު އަޅުގަނޑުމެން މި ބަލަނީ ކިހާ ވަރަކަށް މީހުން ބޭރަށް ފޮނުވަން ޖެހޭތޯ. އެއީ ދެކޮޅު ޖެހޭ ކަމެއް ނަމަ މެޑި ޓްރިނާ އާއި އަޅުގަނޑުމެން މިތިބީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވެސް އެފަދަ ސެންޓަރެއް ފަށަން ތައްޔާރަށް."
ހިތުގެ ބަލީގެ ސެންޓަރުގައި ޑރ. އަލީ ޝަފީގު ޚިދުމަތް ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކެތު ލެބުތަކުގައި ތިބެން ޖެހެނީ ޚާއްސަ ނަރުހުންނަށް ވާތީ، ރިޝްވާން ވިދާޅުވީ، އެކަން މިހާރު ބަލަހައްޓަމުން ގެންދަނީ އިންޑިއާގެ ހޮސްޕިޓަލުގެ ނަރުހުންނާ އެކު ކަމަށެވެ.
"މިހާރު 60 ޕަސެންޓް ނަރުހުން އެއީ އެ ހޮސްޕިޓަލުގެ. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ނަރުހުން 90 ޕަސެންޓަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި ކުރިއަށް އޮތް ތާނގައި ކެތު ލެބުގެ ހިދުމަތް ފުޅާކުރުމަށް ވެސް ބޮޑެތި ޕްލޭންތަކެއް އެބަ ހުއްޓެވެ. ގަވައިދުން ހިތުގެ ޗެކަޕްތައް ހަދާ މީހުންނަށާއި ވަގުތު ނެތިގެން ޑޮކްޓަރަށް ނުދެއްކޭ މީހުންނަށް ވެސް އާ ޚިދުމަތްތަކެއް ތައާރަފުކުރަން ވަނީ ނިންމައިފަ އެވެ.
"މިހާރު މޭގައި ރިއްސައިގެން މީހަކު ހޮސްޕިޓަލަށް ގެނެސްފިއްޔާ އަޅުގަނޑުމެން ވަގުތުން އެ މީހަކު ފޮނުވާނީ ކެތު ލެބަށް. މި ސެންޓަރު މިއީ 24 ގަޑިއިރު ހިދުމަތް ދޭނެ ތަނެއް. އަނެއްކާ އަޅުގަނޑުމެން މި ފަށަނީ ރޭގަނޑު ވެސް ބަލި މީހުން ބަލަން. އެހެންވީމަ ވަގުތު ނެތިގެން އުޅުއްވާ ބޭފުޅުން އޮފީސް ނިންމާލައްވާފައި ހަމަ ވަޑައިގަންނަވަންވީ،" ރިޝްވާން ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ 25 ބުރީގެ އާ ބިލްޑިންގުގައި ދެ ކެތު ލެބު ގާއިމްކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ހިސާބަށް ދާން ވާއިރަށް، ހިތުގެ ބަލީގެ މީހުންނަށް ދިމާވަމުން އަންނަ އާންމު ދަތިތަކަށް ރާއްޖެ އިން ހައްލު ލިބެމުން ދާނެ ކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ދެ އެވެ.
"އަޅުގަނޑުމެންގެ ހަޔާތުގައި ވެސް މި ފެނުނީ މިފަދަ ފުރަތަމަ ލެބް ރާއްޖެއިން. އެހެންވީމަ މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް. އެތަކެއް ބައިވަރު ޚަރަދަކުން ވެސް މި ސަލާމަތްވީ. އަޅުގަނޑުމެންނަށް މިކަން ފެށުނީމަ އަނެއްކާވެސް މި އުންމީދުތަކެއް އާވީ،" ރިޝްވާން ވިދާޅުވި އެވެ.
ބޮޑެތި ކާމިޔާބީތަކަށް ފަހު، ކެތު ލެބް މަތީ ހަރުފަތަށް
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!
ތާރީޚީ އޮޕަރޭޝަނާ އެކު ޝާފިއު ތާރީހުގެ ތެރެއަށް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަނެއްކޮށްފި
އައިޖީއެމްއެޗް ކެތުލެބްގެ ހިދުމަތްތައް އަލުން ފަށައިފި
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
ކެތުލެބުން 8،000 މީހުން ފަރުވާ ހޯދައިފި
އޭޑީކޭ ކެތުލެބު ސާމާނު ގެނެސްފި، ހުޅުވުން ޖެނުއަރީިގައި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ