15 އޯގަސްޓް 2018
ހިތުގެ ހިނގުން ހުއްޓުވާލައި، ހިތް ފަޅާލައިގެން އޮޕަރޭޝަން ކުރަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. ހާއްސަކޮށް އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އޮތީ 50 ޕަަސެންޓް ކަމަށް ވާ ނަމަ، ޔަގީނުން ވެސް އެކަން ކުރަން ފަސް ޖެހޭނެ އެވެ.
ހިތުގެ ހިނގުން ހުއްޓުވާލައި، ހިތް ފަޅާލައިގެން އޮޕަރޭޝަން ކުރަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. ހާއްސަކޮށް އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އޮތީ 50 ޕަަސެންޓް ކަމަށް ވާ ނަމަ، ޔަގީނުން ވެސް އެކަން ކުރަން ފަސް ޖެހޭނެ އެވެ.
އެކަމަކު އެފަދަ މީހުންނަށް، ރާއްޖޭގެ ފުރަތަމަ އަދި މިވަގުތު ހުރި ހަމައެކަނި ހިތުގެ އޮޕަރޭޝަން ޑޮކްޓަރު، މުހައްމަދު ޝާފިއު ވިދާޅުވާން އޮތީ މިހެންނެވެ.
"ބުޅި ކަނޑައިގެންދާނީ ބޮޑު ކަންނެލި ބާނާ މީހުންގެ އަތުންނެވެ. ކޮރަކަލި ބާނާ މީހުންގެ އަތުންނެއް ނޫނެވެ. ހެއްދެވި ފަރާތަށާއި ޑޮކްޓަރުންނަށް އިތުބާރު ކުރާށެވެ. ބޮޑެތި އޮޕަރޭޝަންތައް، ކާމިޔާބު ކުރެވޭ ވަރަށް ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު ކުރިއަރައިފި އެވެ."
އެކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ޔަގީންކޮށްދީފަ އެވެ. ހިތުގެ ނާޒުކު، ބޮޑު ދެ އޮޕަރޭޝަނެއް ކޮށް ކާމިޔާބުކަމާ އެކު ނިންމާލި އިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިކަން ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މިއީ ފަހު ފަހަރު ނޫން ކަމާއި އެއަށް ވުރެ ބޮޑެތި އޮޕަރޭޝަންތައް ވެސް، ދިވެހި ޑޮކްޓަރުންނަށް ކުރެވޭނެކަމުގެ ޔަގީންކަން ޑރ. ޝާފިއު ދެއްވި އެވެ.
ބައިޕާސް އޮޕަރޭޝަން ކުރެއްވި އޭޑީކޭގެ ޑޮކްޓަރުންނާއި ނަރުހުން-- ފޮޓޯ: އޭޑީކޭ
އުމުރުން 25 އަހަރުގެ ފާތުމަތު ހުދާ (އަސްލު ނަމެއް ނޫން) އުތުރުގެ ރަށަކުން މާލެ އައީ، ހިތުގެ ޓެސްޓުތަކެއް ހެދުމަށެވެ. އެކަމަކު އޭޑީކޭއިން ހެދި ޓެސްޓުތަކުން، އޭނާއަށް "ރުމެޓިކް ވެލްވް ޑިޒީޒް" ކިޔާ ބައްޔެއް ޖެހިފައި ހުރިކަން އެނގުނެވެ. ހިތުގެ އެންމެ މުހިއްމު އެއް ވޭލްވް މައްސަލަ ޖެހި، ލޭ ޕަމްޕް ނުކުރެވި ހިތް ދުޅަވީ އެވެ. ކުޑައިރު ޖެހުނު އާދައިގެ ރޯގާއަކާއި ހުމަކުން އުފެދުނު ބެކްޓީރިއާއަކުން ޖެހުނު އެ ބަލި އޭނާގެ ހަށިގަނޑުގައި ދެމިގެން ދިޔަތާ އެތައް އަހަރެއް ވީ ނަމަވެސް ބަލި ދެނެގަނެވުނު އިރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ހިތް ފަޅާލައިގެން އޮޕަރޭޝަން ކޮށްގެން ނޫނީ އެކަން ހައްލުނުކުރެވޭ ވަރަށް އޭނާގެ ހާލަތު ވަނީ ގޯސްވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް ހިތުގެ އޯޕަން ސާޖަރީއެއް ކޮށްފައި ނެތުމުން، އޮޕަރޭޝަން ކުރުމަށް ހުދާއަށް ބޭރަށް ދިޔުމުގެ އިހްތިޔާރު ވެސް އޮތެވެ. އެކަމަކު އޭނާ ހިޔާރުކުރީ އޭޑީކޭގެ ޑޮކްޓަރުންނެވެ.
"އަޅުގަނޑަކަށް ނޭނގެ އޭނާ އަޅުގަނޑު ހިޔާރުކުރި ސަބަބެއް. ބޭނުން ނަމަ އޭނާއަށް ބޭރަށް ވެސް ދެވިދާނެ. އެކަމަކު އޭނާ ކުރި އިތުބާރަކީ، އޮޕަރޭޝަނުގައި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކޮންފިޑެންސެއް،" ހިތުގެ ނާޒުކު އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޑރ. ޝާފިއު ވިދާޅުވި އެވެ.
ހިތުގެ އެތެރޭގައި ލޭ ފޮނުވަން އިންނަ ހަތަރު ވޭލްވްގެ ތެރެއިން އެކަތި ނަގައި މަސްނޫއީ ވޭލްވްއެއް ލެއްވުމަށް، އެންމެ ފުރަތަމަ ހިތް ހުއްޓުވާލަން ޖެހެ އެވެ. މި ބޮޑު އޮޕަރޭޝަން ކުރާއިރު ހިިތުން ހަށިގަނޑަށް ލޭ ފޮނުވުމުގެ މަސައްކަތް ކުރުވަނީ އެކަމަށް ހާއްސަ ޕަމްޕަކުންނެވެ. އެ ޕަމްޕް އޮޕަރޭޓްކުރަން އެކަމަށް ހާއްސަ ވަކި ޑޮކްޓަރަކު ވެސް ހުރެ އެވެ.
ޑރ. ޝާފިއު "މިހާރު"އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު
ހިތް ހުއްޓުވާލަނީ ބައިވަރު ބޭސްތަކެއް ދީގެންނެވެ. އެކަމަކު އޮޕަރޭޝަނަށް ފަހު، އަލުން ހިތް "ރީސްޓާޓް" ކުރުމަކީ، ޑރ. ޝާފިއު ވިދާޅުވި ގޮތުގައި، ޑޮކްޓަރުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫނެވެ. ކުރިމަތިވެފައިވާ މައްސަލަ ހައްލުވުމުން، ބޭހުގެ އަސަރު ކެނޑި، މަޑުމަޑުން ހިތް ތެޅެން ފަށާނެ އެވެ. އޮޕަރޭޝަނަށް ފަހު ހިތުގެ ހިނގުން އަލުން ހިނގައިގަންނަންދެން ޑޮކްޓަރުން ވެސް ޖެހޭނީ، ﷲއަށް ވަކީލުކޮށްލައިގެން، ތިބޭށެވެ.
އޭޑީކޭގެ މި އޮޕަރޭޝަނަށް ފަހު ތިން ކުދިންގެ މަންމަގެ ހާލު ރަނގަޅެވެ. ވާހަކަ ދައްކައި، ކައި ހަދަ އެވެ. އެކަމަކު ޑޮކްޓަރުންނަށް ހުދާ މި ކުރި އިތުބާރު، އެހެން މީހުން ވެސް ކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ ބޮޑު އެދުމެވެ.
ޑރ. ޝާފިއު ވިދާޅުވީ ބައިޕާސް އޮޕަރޭޝަނުގެ އިތުރުން، 90 ޕަސެންޓް ހިތުގެ އޮޕަރޭޝަންތައް މިހާރު އޭޑީކޭގައި ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިތުގައި ލޯވަޅު ހެދިގެންނާއި ވިހާއިރު ހިތުގައި އައިބު ހުރެގެން ކުރާ އޯޕަން ހާޓް ސާޖަރީތައް ވެސް ހިމެނެ އެވެ.
ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވާ ވިދާޅުވެގެން، ޑރ. ޝާފިއު ރާއްޖެ ވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ. އެކަމަކު އައިޖީއެމްއެޗުގައި ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، އޭނާ އެނބުރި ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ކިޔަވާ ވިދާޅުވި އެއްޗެހީގެ ބޭނުން ނުކުރެވޭތީ އެވެ. ޝާފިއުގެ ބަހުން ނަމަ، ވަސީލަތްތައް ނެތުމުގެ ސަބަބުން "ޓަޗް" ގެއްލެން ފެށުމުންނެވެ. އެކަމަކު މޮޅެތި ޑޮކްޓަރުންނާ އެކު ރާއްޖޭން ބޭރުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ، އެ ވަސީލަތްތައް ގާއިމުކުރުމުގެ ނިޔަތާ ވެސް އެކުގަ އެވެ. ފަސް އަހަރު ފަހުން، އޭނާގެ އެ ހުވަފެން ހަގީގަތަކަަށް ވެއްޖެ އެވެ.
މިިހާރު އޭޑީކޭގައި ހުރި، ހިތުގެ އޮޕަރޭޝަންތައް ކުރުމުގެ ވަސީލަތްތައް، މި ސަރަހައްދުގެ ގައުމުތަކުގެ ގާބިލްކަމާ ވެސް އަޅާބަލާލެވެ އެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ ކަމުގެ ޔަގީންކަން އެތަނަށް ލިބުނުތާ ފަސް މަސް ވެއްޖެ އެވެ. އެކަމަކު ޑރ. ޝާފިއު ވިދާޅުވި ގޮތުގައި އޮޕަރޭޝަން ކުރަން އަންނަ މީހުންނަށް ވުރެ ގިނައީ، ރާއްޖޭން ބޭރަށް އެކަން ކުރަން ދާން، އާސަންދަ ފޯމު ހިފައިގެން އަންނަ މީހުންނެވެ. އެ ފޯމުގައި ސޮއިކުރަން އޭނާ މިހާރު ދެކޮޅު ހައްދަވަ އެވެ.
"އަޅުގަނޑަށް ވަރަށް ފަސޭހަވާނެ އެހެން ގެންނަ ފޯމުތަކުގައި ސޮއިކޮށްލަން. އުފުލަން ޖެހޭނެ ޒިންމާއެއް ނެތް. އަޅުގަނޑުގެ ކޮޓަރީގެ ބޭރުގައި އިންނާނީ ހިތުގެ އޮޕަރޭޝަނުގެ ޑޮކްޓަރުގެ ނަން ބޯޑު. އަޅުގަނޑުގެ ގަދަރަކަށް ލަގަބަަކަށް އަންނާނެ ބަދަލެއް ނޯންނާނެ،" ޑރ. ޝާފިއު ވިދާޅުވި އެވެ.
"އެކަމަކު ސުވާލަކީ، އެހާ ބޮޑު ރިސްކެއް ނަގައިގެން، އޮޕަރޭޝަން ކުރަން އަޅުގަނޑު ތައްޔާރަށް ހުންނައިރު ކީއްވެގެންތޯއޭ އެ މީހާ ބޭރަށް ފުރައިގެން ދާންވީ؟ އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން ކުރެވޭނެކަން. އެ ފަދަ ވަސީލަތްތައް އެބަހުރި. މިކަން އެނގި ހުރެ ކިހިނެއްތޯ އަޅުގަނޑު އެފަދަ ފޯމެއްގައި ސޮއި ކުރާނީ؟"
އޭނާ ވިދާޅުވީ އޮޕަރޭޝަން ކުރަން އަންނައިރު، ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދިނުމަށް ބަލިމީހާގެ އާއިލާއިން އެދޭ ކަމަށެވެ. އެކަމަކު ހިތާއި ސިކުނޑީގެ އެފަދަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުވާނެ ކަމުގެ 100 ޕަސެންޓް ގެރެންޓީ ޑޮކްޓަރުންނަށް ނުދެވޭނެ ކަމަށާއި އެކަމުގައި ދެއްކޭނީ އޭނާއަށް ލިބިފައިވާ އިލްމާއި ޔަގީންކަން ކަމަށް ވިދާޅުވި އެވެ.
އޭޑީކޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަނުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓްގެ ބައެއް ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު
"އެފަދަ ހާލަތްތަކުގައި އަޅުގަނޑު ވެސް އަދި ބަލި މީހާ ވެސް ޖެހޭނެ ގަޟާ ގަދަރަށް އީމާންވާން. ލިބެން ހުރި ވަސީލަތްތަކަށް ބަލައި ޑޮކްޓަރުން، އެ މީހުންގެ ގާބިލިއްޔަތުކަން އެންމެ ފުރިހަމައަށް ދައްކާނެ،" ޑރ. ޝާފިއު ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ މީހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދަން ދަނީ އިންޑިއާގެ އަމްރިިތާ ހޮސްޕިޓަލަށެވެ. އެކަމަކު އެތަނުގައި ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް، ރާއްޖޭން މިހާރު ލިބެން އެބަ ހުއްޓެވެ.
ޝާފިއު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެ ފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނީ، އެ ޔަގީންކަން އާއްމުން ޑޮކްޓަރުންނަށް ދިނުމުންނެވެ. މޮޅެތި ދިވެހި ޑޮކްޓަރުން ރާއްޖޭގައި ތިބި ނަމަވެސް، ރާއްޖޭން ބޭރުން ފަރުވާ ހޯދަން ދާ ނަމަ، އެ ކޮންފިޑެންސެއް، ޑޮކްޓަރުން އަދި އާއްމުންގެ މެދުގައި ވެސް ނުއުފެއްދޭނެ އެވެ.
އޭޑީކޭގެ ކާޑިއެކް ޓީމުގައި އިސްކޮށް އުޅުއްވަނީ ދިވެހި ޑޮކްޓަރުންނެވެ. ހިތުގެ ޑޮކްޓަރުގެ އިތުރުން ހޭނައްތާ ޑޮކްޓަރުންނަކީ ވެސް ދިވެހިންނެވެ. އަަދި ގިނައީ ދިވެހި ނަރުހުންނެވެ. ކެންސަރުގެ ބައްޔަށް ހާއްސަ، ޑރ. މުހައްމަދު ޝިފާން އެބަ ހުންނެވި އެވެ. ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ފަރުވާ ދެއްވާއިރު ރާއްޖޭގެ ފުރަތަމަ ޔޫރޮލޮޖިސްޓެއް ވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ޑރ. ޝާފިއު ވިދާޅުވި ގޮތުގައި މިއިން ކޮންމެ ޑޮކްޓަރަކީ ވެސް އެ މީހެއްގެ ދާއިރާގައި ވަރަށް ކުޅަދާނަ މީހުންނެވެ. އެކަމަކު އެފަދަ މީހުން ކައިރިން ފަރުވާ ހޯދުމުގެ ބަދަލުގައި، ގައުމުގެ ބޮޑެތި މީހުންނާއި ސިޔާސީ މީހުން ވެސް ރާއްޖޭން ބޭރަށް ހިދުމަތް ހޯދަން ދިޔުމަކީ، ފަރުވާގެ ޔަގީންކަން އާއްމުންގެ މެދުގައި ދަށްވާ ސަބަބު ކަމަށް ވިދާޅުވި އެވެ.
ޑޮކްޓަރުންނަށް އެ މީހުންގެ ހުނަރު ދައްކަން ފުރުސަތު ނުލިބޭ ނަމަ، އެ ޔަގީންކަން އެ މީހުންގެ މެދުގައި ކުޑަވެ އެވެ.
"ޕޮލިސީ މޭކާސް ވެސް މިކަމުގައި މިސާލު ދައްކަންވީ. އޭރުން ދެން ތިބޭ މީހުން ވެސް ގަބޫލުކުރާނެ. ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދިޔުމުގެ ބަދަލުގައި، އެކި ދާއިރާތަކުން ޑޮކްޓަރުން ތަމްރީނު ކުރުން މާ މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ހިތުގެ އެންމެ ބޮޑެތި އޮޕަރޭޝަންތައް ރާއްޖޭގައި އެންމެ ފުރަތަމަ ކުރީ އަމިއްލަ ހޮސްޕިޓަލަކުން ނަމަވެސް، މިއީ ރާއްޖޭގެ މުޅި ސިއްހީ ދާއިރާއަށް ލިބުނު ފަހުރެކެވެ. ދިވެހިންނަށް ލިބުނު ކާމިޔާބީއެކެވެ. ކުރިއަށް އޮތީ އަދި މާ އުޖާލާ ދުވަސްތަކެކެވެ. އެކަމަކު މިކަން ކުރުމަށް ޑޮކްޓަރުން އެދެނީ ހިތުގެ އެންމެ ބޮޑު "ބަލި" ކަމަށްވާ އިތުބާރުނުކުރެވުމުގެ "ބަލި" ދޫކޮށްލުމަށެވެ.
ބައިޕާސް ހެދި މީހާގެ ހާލުު ރަނގަޅު: އޭޑީކޭ
ތާރީޚީ އޮޕަރޭޝަނާ އެކު ޝާފިއު ތާރީހުގެ ތެރެއަށް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަނެއްކޮށްފި
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ
އިމާދު ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަނީ
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
ނުރައްކާތެރި އޮޕަރޭޝަން ތާރީހުގެ ތެރެއަށް!
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
ބޮޑެތި ކާމިޔާބީތަކަށް ފަހު، ކެތު ލެބް މަތީ ހަރުފަތަށް