20 ޖުލައި 2020
އުމުރުން އެންމެ 12 ދުވަސް ވީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ކަމަށް، މަރިޔަމް ޝިޔާނާ އާއި ހަސަން އަޒުނީމްއަށް ޑޮކްޓަރުން އެންގީ، ރޫޓިން ޗެކަޕަކަށް އައިޖީއެމްއެޗަށް ދިޔަ ދުވަހު އެވެ. ބަނޑުގައި އޮތް އިރު ވެސް އަދި ވިހޭ ފަހުން ވެސް އެއްވެސް ސިއްހީ މައްސަލައެއް ދިމާނުވެ ހުރެފައި، ރޫޓިން ޗެކަޕަކުން، ދަރިފުޅުގެ ހިތުގައި ހުރި އައިބެއް ފާހަގަކުރެވި، ފުރާނަ ސަލާމަތް ކުރަން ޑޮކްޓަރުން ދިނީ މަދު ވަގުތުކޮޅެކެވެ.
އުމުރުން އެންމެ 12 ދުވަސް ވީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ކަމަށް، މަރިޔަމް ޝިޔާނާ އާއި ހަސަން އަޒުނީމްއަށް ޑޮކްޓަރުން އެންގީ، ރޫޓިން ޗެކަޕަކަށް އައިޖީއެމްއެޗަށް ދިޔަ ދުވަހު އެވެ. ބަނޑުގައި އޮތް އިރު ވެސް އަދި ވިހޭ ފަހުން ވެސް އެއްވެސް ސިއްހީ މައްސަލައެއް ދިމާނުވެ ހުރެފައި، ރޫޓިން ޗެކަޕަކުން، ދަރިފުޅުގެ ހިތުގައި ހުރި އައިބެއް ފާހަގަކުރެވި، ފުރާނަ ސަލާމަތް ކުރަން ޑޮކްޓަރުން ދިނީ މަދު ވަގުތުކޮޅެކެވެ.
މިއީ ރާއްޖޭގައި އެހާތަނަށް އަދި ކޮށްފައި ނުވާ އޮޕަރޭޝަނަކަށް ވުމުން، އާއްމު ގޮތެއްގައި ޑޮކްޓަރުން ލަފާ ދެނީ ރާއްޖޭން ބޭރަށް ދިޔުމަށެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ގައުމުތައް ލޮކްޑައުންކޮށްފައި އޮތުމުން ފަސޭހައިން، ރާއްޖޭން ބޭރަށް ދާނެ ވަގުތެއް ނެތެވެ.
އެއީ ޝިޔާނާގެ ދެމަފިރިންނަށް ގޮތް ހުސްވި ދަނޑިވަޅެކެވެ. އެކަމަކު އެ މީހުންނަށް އެހީވުމަށް އައިޖީއެމްއެޗާއި އޭޑީކޭގެ ޑޮކްޓަރުން ގުޅިގެން ކުރި މަސައްކަތް ކާމިޔާބުވެ، ތުއްތު އެ ފިރިހެން ކުއްޖާއަށް މިހާރު ވަނީ ޝިފާ ލިބިފަ އެވެ.
ކުޑަކުއްޖާގެ އޮޕަރޭޝަން ކުރި އޭޑީކޭ އާއި އައިޖީއެމްއެޗުގެ ޓީމް
މިއީ މިހާ ތުއްތު ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ. އޭޑީކޭގައި ހަ ގަޑިއިރު ހޭދަވި މި އޮޕަރޭޝަނުގައި އައިޖީއެމްއެޗާއި އޭޑީކޭގެ ޑޮކްޓަރުން ބައިވެރިވެ، ޓީމްވޯކުގައި ވެސް ދެ ހޮސްޕިޓަލުން ދެއްކީ ފުރިހަމަ ނަމޫނާއެކެވެ.
ދިގު އިންތިޒާރަކަށް ފަހު ޝިޔާނާގެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅު އުފަންވި އިރު ވެސް މާ ބޮޑު މައްސަލައެއް ފާހަގައެއް ނުވެ އެވެ. ވިހޭއިރު، ކުޑަކޮށް ނޭވާލުމުގެ މައްސަލަ ހުރި ނަމަވެސް، ބައިގަޑިއިރެއްހާއިރު ތެރޭގައި އެކަން ރަނގަޅު ވެއްޖެ އެވެ. ދަރިފުޅު ގެއަށް ދޫކޮށްލި އިރު ވެސް ސިއްހަތު ރަނގަޅެވެ.
ޝިޔާނާ ބުނިގޮތުގައި ރޫޓިން ޗެކަޕަކަށް ދަރިފުޅު ޑޮކްޓަރަށް ދެއްކުމުން ހިތުން އިތުރު އަޑެއް ކިޔާކަން ފާހަގަކުރެވިގެން އެކޯ އާއި ލޭގެ ޕްރެޝަރުގެ އިތުރުން އެހެން ޓެސްޓުތަކެއް ހައްދަން ދިނެވެ. ހުރިހާ ޓެސްޓުތައް ހެދުމަށް ފަހު ފަސް ދުވަސް ފަހުން، އައިޖީއެމްއެޗުގެ ޕީޑިއަޓްރިކް ކާޑިއޮލޮޖިސްޓު، ޑރ. އައިޝަތު އެލީނާ ކުޑަކުއްޖާ ބެލުމަށް ފަހު، އެންގެވީ ހަށިގަނޑަށް ލޭ ފޯރުކޮށްދޭ މައި ހޮޅީގައި އައިބެއް އުފެދިފައި ހުރި ކަމަށެވެ. އަދި ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ބޭނުން ނަމަ، ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރުމަށް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން ތިބީ ރާއްޖޭން ބޭރަށް ފުރައިގެން ދާން ވެސް ތައްޔާރަށް. އެކަމަކު އެހާ ވަގުތެއް ނެތް. މި އޮޕަރޭޝަން މިހާތަނަށް ރާއްޖޭގައި ކޮށްފައިނުވާ ކަން އެނގުމުން އަޅުގަނޑުމެންގެ ގޮތް ހުސްވި. ދެން ކީއްތޯ ކުރެވޭނީ،" ޝިޔާނާ ބުންޏެވެ.
ޑރ. އެލީނާ އާއި ޑރ. ޝާފިއު އަދި ޓީމުން އޮޕަރޭޝަން ތިއޭޓަރުގައި: މިއީ ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން
އޭނާ ބުނިގޮތުގައި ރާއްޖޭގައި މިފަދަ އޮޕަރޭޝަނެއް ކުރެވޭނީ ހަމައެކަނި، އޭޑީކޭގެ ހިތުގެ ޑރ. މުހައްމަދު ޝާފިއުއަށް ކަމާއި ނަމަވެސް އޭނާއަކީ ވެސް ބޮޑެތި މީހުންގެ ހިތުގެ އޮޕަރޭޝަން ކުރާ މީހެއް ކަމަށް، އެލީނާ ވިދާޅުވި އެވެ. ހާސްވެފައިވާ ދެމަފިރިންނަށް ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ، މިހާ ތަނަށް ނުކުރާ އޮޕަރޭޝަނެއް ނަމަވެސް މި ފަދަ ހާލަތެއްގައި، ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރަން ޑރ. ޝާފިއު ދެކޮޅު ނުހައްދަވާނެ ކަމަށް ޑރ. އެލީނާ ވިދާޅުވުމުންނެވެ.
"އަޅުގަނޑުމެންނަށް ވިސްނޭ އެހާ ބޮޑު ޑެޒިޝަނެއް ކުއްލިއަކަށް ނަގަން ޑޮކްޓަރަށް ވެސް ވަގުތު ބޭނުންވާނެކަން. އެކަމަކު ޑރ. ޝާފިއު އެކަމަށް އެއްބަސްވެ ވަޑައިގަތުމާ އެކު ހެއްދެވި ފަރާތަށް ވަކީލުކޮށް، ޑޮކްޓަރުންނަށް އިތުބާރުކޮށްފައި ދަރިފުޅު ދޫކޮށްލީ،" ޝިޔާނާ ބުންޏެވެ.
ތުއްތު ކުއްޖާ މައިމީހާގެ ބަނޑުގައި އޮންނައިރު، އޭނާއަށް ބޭނުންވާ އޮކްސިޖަން ލިބެނީ މަންމަގެ ފަރާތުންނެވެ. ބަނޑުގައި އޮންނައިރު ފުއްޕާމޭގެ ބޭނުން ކުރަން ނުޖެހޭތީ، ލޭ ފޯރުކޮށްދެނީ ހިތުގެ މައި ދެ ނާރު ކަމަށްވާ ޕަލްމޮނަރީ އާޓަރީ އާއި އަޔޯޓާ ދެމެދު، ގުދުރަތީ ގޮތުން އުފެދިފައިވާ ކުޑަ ލޭހޮޅިއަކުންނެވެ. ދަރިފުޅު ވިހާތަނުން، އެ ހޮޅި އޭގެ ޒާތުގައި ނެތިގެން ދެ އެވެ. އެކަމަކު ބައެއް ފަހަރު އޭގެ ޓިޝޫތައް، ހިތުގެ ލޭ މައި ނާރުގައި ވެސް އުފެދިފައި ހުރެ އެވެ. މައްސަލަ ދިމާވަނީ، ޓިޝޫގެ ސަބަބުން ނާރު ބެދި، ގުނަވަންތަކަށް ލޭ ފޯރުކޮށްނުދެވުމުންނެވެ.
ހިތުގެ ގިނަ އޮޕަރޭޝަންތަކެއް ކުރައްވާފައިވާ އަދި ރާއްޖޭގެ ފުރަތަމަ ހިތުގެ ޑޮކްޓަރު ޝާފިއު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާގެ ހޮޅި ބްލޮކްވުމުގެ ސަބަބުން، ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވަމުން ދިޔައީ އެ ބްލޮކްގައި އުފެދިފައިވާ އެއް މިލިމީޓަރުގެ ވިދަކުން، މިނިޓަކުން ތިއްކަކުންނެވެ. ހަށިގަނޑުގެ 80 ޕަސެންޓަށް، މިހާ ކުޑަ މިންވަރަކަށް ލޭ ލިބުމަކީ ވަރަށް ސީރިއަސް އަދި ހިތް ފެއިލް ވެދާނެ ކަމެކެވެ.
"މި ފަދަ ހާލަތުގައި ކިޑްނީ އާއި ބަނޑުގައި ހުންނަ ގުނަވަންތަކަށް އޮކްސިޖަން ނުލިބުނީމައި ކިޑްނީން އުފައްދާނެ ކެމިކަލެއް އިތުރަށް ޕްރެޝަރު މަތިކުރަން. އެކަމަކު ޑިމާންޑާ އެއްވަރަށް ނުލިބޭނެެ. އެހެންވެ، ވަގުތުން އޮޕަރޭޝަން ނުކޮށްފި ނަމަ ކުއްޖާ ނިޔާވުން ވަރަށް ގާތް،" ޑރ. ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިތުގެ މަސައްކަތް ހުއްޓުމުގެ ކުރިން، މައްސަލަ ދެނެގަނެވުމަކީ ނަސީބެކެވެ. އެހެން ނޫން ނަމަ، ހިތް މާ ބޮޑަށް ބަލިކަށިވެ، އޮޕަރޭޝަން ކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީސް ކަމަށް ވިދާޅުވި އެވެ.
ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަން ނުލިބި ހުރެފައި، ކުއްލިއަކަށް ހުރިހާ ގުނަވަންތަކަށް ހަމައަށް އޮކްސިޖަން ލިބުމަކީ ވެސް ނުރައްކާތެރިކަމެކެވެ. އޭރުން އެ އޮކްސިޖަން ކުއްޖާއަށް ވިހައަކަށްވެ އެވެ. އޮޕަރޭޝަން ކުރި އިރު ޑޮކްޓަރުން އެންމެ ޖެހިލުންވީ ވެސް، މައްސަލަ ހައްލުކުރާ ތަނުން ހުރިހާ ގުނަވަންތަކަށް ހަމައަށް އޮކްސިޖަން ލިބި، ކުއްޖާއަށް އޭގެ ނުރައްކާ ފޯރުމެވެ. ޑރ. ޝާފިއު ވިދާޅުވީ އެ ފަދަ ހާލަތްތަކުގައި ގޮހޮރު މަރުވުން ވެސް އެކަށީގެންވެ އެވެ.
ތުއްތު ކުއްޖާގެ އޮޕަރޭޝަން ކުރުމުގައި ތަފާތު ގޮންޖެހުންތައް ޑޮކްޓަރުންނަށް ކުރިމަތިވި އެވެ. ލޭ ހޮޅި ދެ ފަހަރެއްގެ މަތިން މަރާމާތު ކުރަން ޖެހުނެވެ. ފުރަތަމަ ބުރުގައި، އެންމެ ހިތްހަމަ ޖެހޭވަރަށް ރަނގަޅު ނުކުރެވުމުން، ވަގުތު ނަގައިގެން ދެ ވަނަ ފަހަރަށް އެކަންކޮށް، މައްސަލަ ހައްލު ކުރި އެވެ.
ޑރ. ޝާފިއު ވިދާޅުވީ އޮޕަރޭޝަން ކުރި ހިސާބަކީ، ތުއްތު ކުއްޖާގެ ކަރާއި މެ އާއި އަތުގެ އިތުރުން ޑައިފްރާމް ހަރަކާތް ކުރާ ނާރުތައް ގުޅިފައިވާ ތަނަށް ވުމުން، އޮޕަރޭޝަން ކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހުނު ކަމަށެވެ. އެއިން ތަނަކަށް ގެއްލުމެއް ލިބުނު ނަމަ، ތުއްތު ކުއްޖާއަށް ވާހަކަ ނުދެއްކި، އަތުގެ ހަރަކާތް ގެއްލުން ފަދަ ކަންކަން ދިމާވީހެވެ.
މިފަދަ އޮޕަރޭޝަންތައް އާއްމުކޮށް ކުރަނީ ފުއްޕާމޭގެ ދެ ފަޅި ވަކިކޮށްލައިގެން، އެއް ފަޅި ހިންދާފައި ބޭއްވުމަށް ފަހު އަނެއް ފަޅިން ނޭވާލައްވައިގެންނެވެ. އެކަން ކުރަނީ ވެންޓިލޭޓަރުގެ އެހީގައި، ދެ ފުއްޕާމެއަށް ވަކިން ހޮޅި ގުޅައިގެން ނޭވާ ލައްވައިގެންނެވެ. އެކަމަކު، މިހާ ތުއްތު ކުދިންނަށް ހާއްސަކޮށްގެން މިފަދަ ކުދި ހޮޅި ނުހުރުމަކީ ޑޮކްޓަރުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
"އެހެންވެ އަޅުގަނޑުމެންނަށް ޖެހުނީ ކޮންމެ ފަހަރަކު ވެސް، ދޭތެރެއަކުން އޮޕަރޭޝަން ހުއްޓާލާފައި، ރަނގަޅަށް އޮކްސިޖަން ދޭން. ތަންކޮޅެއް ހަދާލާފައި އަނެއްކާ މަޑުކޮށްލާފައި، އޮކްސިޖަން ދީފައި އެގޮތަށް ވަގުތު ދެމުން ދިޔައީ. އެކަމަށް ވަރަށް ވަގުތު ހޭދަވި،" ހަ ގަޑިއިރުގެ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޑރ. ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަނުގެ ވަކި ހިސާބަކުން، ހޮޅި ގުޅުވުމަށް ހަށިގަނޑުގެ ލޭ ދައުރުވުން އެއްކޮށް ކަނޑާލާން ޖެހެ އެވެ. ހަމައެކަނި ލޭ ލިބޭނީ ސިކުނޑިއަށެވެ. އެގޮތަށް 15 މިނިޓް ވަންދެން ދެ ފަހަރެއްގެ މަތިން ހަށިގަނޑުން ލޭ ދައުރުވުން މެދުކަނޑާލަން ޖެހުނު އިރު، މިއީ ވަރަށް ސީރިއަސް ކަމެކެވެ.
ހަވީރު ތިނެއް ޖެހި އިރު ފެށި މި އޮޕަރޭޝަން ޑޮކްޓަރުންނަށް ނިންމާލެވުނީ އެ ރޭ ނުވައެއް ޖެހި އިރު އެވެ.
މިފަދަ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުވުމުގެ ކްރެޑިޓް ޑރ. ޝާފިއު ދެއްވަނީ އޭނާއާ އެކު އެކަމުގައި ބައިވެރިވި ޓީމަށެވެ. ހާއްސަކޮށް، އައިޖީއެމްއެޗުގެ ޑރ. އެލީނާ ފާހަގަކުރެއްވި އެވެ.
ޑރ. ޝާފިއު ވިދާޅުވީ އޭނާ އޮޕަރޭޝަން ކުރެއްވީ ކައިރީގައި ހުންނެވި ޑރ. އެލީނާއަށް ދައްކަވަމުން ހެދިފައިވާ ގޮތް ރަނގަޅުތޯ ބައްލަވަމުން ކަމަށެވެ. އަދި އެކަމުގައި ދިވެހި އެ ޑޮކްޓަރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
އައިޖީއެމްއެޗާއި އޭޑީކޭގެ ޑޮކްޓަރުން މި ނޫނަސް، އެކުގައި އޮޕަރޭޝަންތައް ކުރައްވަ އެވެ. އެކަމަކު ހިތުގެ މި ފަދަ އޮޕަރޭޝަނެއްގައި ދެ ހޮސްޕިޓަލްގެ ޑޮކްޓަރުން ބައިވެރިވެވަޑައިގެން މިއީ ފުރަތަމަ ފަހަރެވެ.
"މީގައި ވާނެ ގޮތަކީ ޑރ. އެލީނާއަކަށް ނޭނގޭނެ މިކަމުގައި އަޅުގަނޑުގެ ގާބިލްކަން ހުރީ ކިހާވަރަކަށް ކަމެއް. އެކަމަކު އެކުގައި މަސައްކަތް ކުރީމައި އެތަން ފެންނާނެ. މި އޮޕަރޭޝަނުން އަޅުގަނޑުމެންނަށް އެނގިއްޖެ ޓީމް ވޯކެއްގެ ގޮތުގައި މިފަދަ ކަންކަން ކޮށްފިއްޔާ ކާމިޔާބުވާނެކަން،" ކުރިން އައިޖީއެމްއެޗުގައި ވެސް މަސައްކަތް ކުރެއްވި ޑރ. ޝާފިއު ވިދާޅުވި އެވެ.
ކުޑަކުއްޖާގެ އޮޕަރޭޝަން ކުރަނީ: މި އޮޕަރޭޝަނަށް ހަ ގަޑިއިރު ނެގި
ރާއްޖޭގެ މައި ދެ ހޮސްޕިޓަލުގެ ޑޮކްޓަރުން އެކުގައި މަސައްކަތް ކުރެއްވި ނަމަވެސް، ގިނަ ފަހަރަށް އެކަން ކުރައްވަނީ ޑޮކްޓަރުންގެ މެދުގައި އޮންނަ ޕްރޮފެޝަނަލް ގުޅުމުގެ ތެރެއިންނެވެ. އޯގަނައިޒޭޝަން ލެވެލްގައި މި ފަދަ ބޮޑެތި މަސައްކަތެއް ނުކުރެ އެވެ.
ޑރ. ޝާފިއު ވިދާޅުވީ އޮޕަރޭޝަން ކުރެއްވުމަށް ޑރ. އެލީނާ އެދިވަޑައިގެންނެވުމުން އެކަމަށް އޭނާ ފަސްޖެހިވަޑައި ނުގެންނެވި ކަމަށާއި އެކަމާ ހަވާލުވެ ވަޑައިގެންނެވީ، ޝައުގުވެރިކަމާ އެކު ކަމަށެވެ. އޭނާ ސާބިތުކޮށްދޭން ބޭނުންވީ ރަނގަޅު ވަސީލަތްތަކާއި ގާބިލް މީހުންނާ އެކު، ރާއްޖޭގައި މިފަދަ އޮޕަރޭޝަންތައް ކުރެވިދާނެ ކަމެވެ.
"ބޭބީގެ ޕޭރެންޓުންނާ ބައްދަލުކޮށްފައި އަޅުގަނޑުމެން ކިޔައިދިނިން މީގައި ހުރި ރިސްކުތަކާއި ދިމާވާނެ ކަންކަމާއި އެކަން ހައްލު ކުރާނެ ގޮތް ވެސް. އެމީހުން ހިތްހަމަ ޖެހޭވަރު ވީމައި އަޅުގަނޑުމެން މި އޮޕަރޭޝަން ކުރަނީ،" ޑރ. ޝާފިއު ވިދާޅުވި އެވެ.
"އެކަމަކު ބުނެދެން އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތްކަމާއި ޝިފާ ދެއްވަވާނީ ﷲ ކަން ވެސް."
އޭނާ ވިދާޅުވީ ކުޑަކުދިންގެ މިފަދަ އޮޕަރޭޝަންތަކަކީ ވަގުތީ ކަމެއް ކަމަށާއި ކުދިން ބޮޑެތި ވާވަރަކަށް، ހަށިގަނޑުގެ ތެރެއަށް ލައްވާފައި ހުންނަ މަސްނޫއީ އެއްޗެހި ކުޑަވެގެން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް، އަމިއްލައަށް އުފެދޭ ޒާތުގެ ޓިޝޫއެއް އުފެއްދިފައި ނުވާއިރު، ކުއްޖާ ފުރާވަރަށް އަރާއިރު މަދުވެގެން ތިން އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ހިތުގެ މި ފަދަ މައްސަލަތަކުގައި ކުރާ 80 ޕަސެންޓް އޮޕަރޭޝަން، ދެ ވަނަ ފަހަރަށްކޮށް، ބަދަލުތަކެއް ގެންނަން ޖެހޭ. ގާތްގަނޑަކަށް ކުއްޖާގެ އުމުރުން 15 އަހަރު ވީމައި ދެން އިތުރު އޮޕަރޭޝަނެއް ކުރަން ނުޖެހޭނީ،" ޑރ. ޝާފިއު ވިދާޅުވި އެވެ.
އެކަމަކު މި އޮޕަރޭޝަން ކުރީ، ނާރު ވަކިނުކޮށްކަމުން ދެ ވަނަ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މި ތާރީހީ އޮޕަރޭޝަނަށް ފަހު ތުއްތު ކުއްޖާ މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އެކަމަކު ކުއްޖާ މުޅިން ރަނގަޅުވާން އަދި ދެތިން މަސްވަރު ނަގާނެ އެވެ.
ރާއްޖޭގައި މީގެ ކުރިން ނުކުރާ މި ފަދަ ބޮޑު އޮޕަރޭޝަނެއް، ޑޮކްޓަރުން އިސްނަގައިގެން ކޮށްދިނުމުން ޝިޔާނާގެ ދެމަފިރިންގެ ހިތްވަނީ ޝުކުރުން ފުރިފަ އެވެ. ރާއްޖޭގައި އޮޕަރޭޝަންކޮށް، ދަރިފުޅު އަލުން އުރާލަން ލިބުމަށް ވުރެ ބޮޑު އުފަލެއް އެ ދެމަފިރިންގެ ނެތެވެ.
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
ދުވަސް ނުފުރާ ވިހެއުން: ފަރުވާ އާއި ދުޢާއިން އުއްމީދު
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!
އައިޑީކާޑް މުއްދަތު ހަމަވިޔަސް މިހާރު އާސަންދަ ލިބޭނެ
ތަހުމީނާ: ބޮޑު އޮޕަރޭޝަނެއް، ހިތް ޝުކުރުން ފުރިފައި
ޑރ. ޝާފިއުގެ ބަސް: އިތުބާރުކުރޭ! ފަރުވާކޮށްދޭނަން!
ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭގައި ކޮށްފި