Roadha Mihaaru
ބޯޓިން އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބޯޓިން އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 މެއި 2016

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާތައް އިތުރަށް ވަރުގަދަކޮށް، ފުޅާ ކުރުމަށް ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާތައް އިތުރަށް ވަރުގަދަކޮށް، ފުޅާ ކުރުމަށް ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑް ހަފްލާ އަކީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އާއި ޔުނިކާ ކުންފުނިން އިންތިޒާމް ކުރާ އެވޯޑް ހަފްލާއެކެވެ.

މި އެވޯޑު ހަފްލާގައި ތަފާތު 25 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އެވޯޑުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް، އަމިއްލަ އަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ ނިިޔަލަށް ހުޅުވާލައިފަ އެވެ.

ލޭމް އިން ބުނި ގޮތުގައި އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ފަނޑިޔާރުންގެ ޓީމެއް އެކުލަވާލާނެ އެވެ. އަދި މި ޓީމުގައި ހިމެނޭނީ ލޭމް އާއި ޔުނިކާ އިން ކަނޑައަޅާ ބައެކެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް އެއް ވަނަ އަށް ދާ ފަރާތް ހޮވާނީ ޖަޖުން ދޭ މާކްސްގެ 60 ޕަސެންޓާއި އޮންލައިންކޮށް ވޯޓު ދޭ ފަރާތްތަކުގެ 40 ޕަސެންޓުން ކަމަށް ލޭމް އިން ބުނެ އެވެ. އަދި ކޮންމެ ކުންފުންޏަކަށް ވެސް ނަން ހުށަހެޅޭނީ ގިނަވެގެން ދެ ކެޓަގަރީ އަކަށް ކަމަށް ވެސް ބުންޏެވެ.

މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެވޯޑަށް ހާއްސަކޮށްފައިވާ ވެބްސައިޓް، boatingawards.mv ގައި ވަނީ ޝާއިއު ކޮށްފަ އެވެ.

މިއަހަރު އެވޯޑު ދޭ ކެޓަގަރީތަކުގެ ތެރޭގައި ބެސްޓް ލިވަބޯޑް އޯ ޔޮޓް ބިލްޑާ، ބެސްޓް ބޯޓް ޑިޒައިން އޮފް ދަ އިޔާ، ޑައިވް ގައިޑް އޮފް ދަ އިޔާ، ބޯޓް އިކުއިޕްމަންޓް ސަޕްލަޔާ އަދި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް ހިމެނެ އެވެ.