Roadha Mihaaru
ވިލާ ހައި ސްކޫލުން ބެލެނިވެރިންނަށް ހާއްސަ ޕޯޓަލެއް

ވިލާ ހައި ސްކޫލުން ބެލެނިވެރިންނަށް ހާއްސަ ޕޯޓަލެއް

01 އޯގަސްޓް 2018

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަ ކޮށްގެން "ބެލެނިވެހި"ގެ ނަމުގައި އެ ސްކޫލުން ޕޯޓަލެއް އިފްތިތާހް ކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަ ކޮށްގެން "ބެލެނިވެހި"ގެ ނަމުގައި އެ ސްކޫލުން ޕޯޓަލެއް އިފްތިތާހް ކޮށްފި އެވެ.

މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހް ކުރި އެ ޕޯޓަލް މެދުވެރިކޮށް، ގްރޭޑް 11ގެ ދަރިވަރުންގެ ހާޒިރީ އާއި ހަވާލު ކުރާ ފިލާވަޅުތައް ފުރިހަމަ ކުރާ މިންވަރާއި އިމްތިހާނުތަކުން ހޯދާ ނަތީޖާތައް އޮންލައިންކޮށް ބެލެނިވެރިންނަށް ބެލޭނެ އެވެ. މި ޕޯޓަލްއާ ބެހޭ މައުލޫމާތު މިއަދު ބޭއްވި ރަސްމިއްޔާތުގައި ބެލެނިވެރިންނަށް ދިނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހްމަދު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން މަތީ ތައުލީމު ހާސިލް ކުރަން އެ ސްކޫލަށް އަންނަ ދަރިވަރުންގެ ބެލެނިވެރިންނަށް، މި ޕޯޓަލް މެދުވެރިކޮށް އެ ކުދިންގެ ކިޔެވުން ކުރިޔަށް ދާ ގޮތް ބެލޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްކޫލަށް ކުދިން މި އަންނަނީ ރާއްޖޭގެ އެތަންމިތަނުން. ގްރޭޑް 11ގައި މިހާރު މި ތިބަ ކުދިން އައިސިް މި ތިބީ 66 ސްކޫލަކުން. މި ކުދިން އައިސް މި ތިބެނީ ކޮންމެހެން މަންމަ އާއި ބައްޕަ ގާތަކު ވެސް ނޫން މާލޭގައި،" ސައީދު ވިދާޅުވި އެވެ.

ސަައީދު ވިދާޅުވި ގޮތުގައި ބެލެނިވެހީގެ ޒަރީއާއިން، ދަރިވަރާ އެކުގައި އުޅޭ ބެލެނިވެރިޔާއަށާއި ދުރުގައި އުޅޭ ބެލެނިވެރިޔާ އަށް ވެސް އެ ކުއްޖާގެ ކިޔެވުން ކުރި އަށް ދާ ގޮތް ބެލޭނެ އެވެ. އަދި ދަރިވަރު ސްކޫލަށް ގެންދިޔުމަށް ފަހު، ދެން އެ ކުއްޖާ އެ ދުވަހުގެ ކްލާސްތަކަށް ހާޒިރުވޭތޯ ވެސް ވަގުތުން ބެލޭނެ އެވެ.

ވިލާ ހައި ސްކޫލުން 2015 ގައި ވަނީ އެ ސްކޫލުގެ ދަރިވަރުން ބޭނުން ކުރުމަށް "ދަސްވެހި" އޮންލައިން ޕޯޓަލެއް ވެސް ފަށައިފަ އެވެ. ދަސްވެހީގެ ދަށުން އެ ސްކޫލްގެ ދަރިވަރުންނަށް، އެ ކުދިން ހާޒިރުވާން ޖެހޭ ކްލާސްތަކާއި ހާޒިރީ އާއި އަންނަން އޮތް އިމްތިހާނުތައް ވެސް ބެލޭނެ އެވެ. އަދި ދަރިވަރުންނަށް ހާއްސަކޮށް ނެރޭ އިތުރު އިއުލާންތައް ވެސް އެ ޕޯޓަލް އިން ބެލޭނެ އެވެ.