Roadha Mihaaru
އަފްގާނު ޓީޗަރުންނަށް ޔުނިސެފުން މުސާރަ ދެނީ

އަފްގާނު ޓީޗަރުންނަށް ޔުނިސެފުން މުސާރަ ދެނީ

21 ފެބުރުއަރީ 2022

އަފްގާނިސްތާނުގައި ތިބި ސްކޫލަށް ދާ އުމުރު ފުރައިގެ ހުރިހާ އަންހެން ކުދިންނާއި ފިރިހެން ކުދިން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ ސްކޫލް/ މަދަރުސާތަކުގެ ހުރިހާ ޓީޗަރުންނަށް މުސާރަ ދިނުމަށް ޔުނިސެފުން ނިންމައިފި އެވެ.

އަފްގާނިސްތާނުގައި ތިބި ސްކޫލަށް ދާ އުމުރު ފުރައިގެ ހުރިހާ އަންހެން ކުދިންނާއި ފިރިހެން ކުދިން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ ސްކޫލް/ މަދަރުސާތަކުގެ ހުރިހާ ޓީޗަރުންނަށް މުސާރަ ދިނުމަށް ޔުނިސެފުން ނިންމައިފި އެވެ.

ޔުނިސެފުން ބުނި ގޮތުގައި އަފްގާނުގެ ޓީޗަރުންނަށް މުސާރަ ދޭނީ އެހީދޭ އެހެން ޖަމާއަތްތަކާއި ޖަމިއްޔާތަކުން ލިބިފައިވާ ފައިސާގެ އެހީންނެވެ. އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު، ޓީޗަރުންނަށް މުސާރަ ދިނުމަށް މިހާރު ވަނީ ފައިސާ ހަމަޖެހިފައި ކަމަށް ވެސް ޔުނިސެފުން ބުންޏެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މަހު މުސާރައިގެ ގޮތުގައި ކޮންމެ ޓީޗަރަކަށް ދޭނީ، އަފްގާނު ފައިސާއިން 100 ޑޮލަރަށް ޖެހޭ މިންވަރެވެ. ޔުނިސެފާއި އެހެން ޖަމިއްޔާތަކުގެ މާލީ އެހީގައި އުފައްދާފައިވާ ފަންޑަކުން މި އެހީތެރިކަން ފޯރުކޮށްދޭ ޓީޗަރުންގެ ޖުމްލަ އަދަދު 194،000 އާ ގާތްކުރާނެ އެވެ.

މި އަހަރުގެ ފުރަތަމަ ދެ މަހު ޔުނިސެފުން މުސާރަ ދޭ ޓީޗަރުންގެ ތެރޭގައި، ސަރުކާރުން ހިންގާ ޕްރައިމަރީ ސްކޫލްތަކާއި ސެކަންޑަރީ ސްކޫލްތަކުގެ އިތުރުން ފަންނީ ތަފާތު މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތަކުގައި ކިޔަވައިދޭ ޓީޗަރުން ވެސް ހިމެނެ އެވެ.

އަފްގާނިސްތާނުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސް، ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތުމުން، ސްކޫލްތަކުގައި ކިޔަވައިދޭ ގިނަ ޓީޗަރުން ވެސް ވަޒީފާއަކަށް ނުނިކުމެ އެވެ. އަފްގާނިސްތާނުގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. މުހައްމަދު އަޔޯޔާ ވިދާޅުވި ގޮތުގައި، ކުއްލި އެހީއެއްގެ ގޮތުގައި ޔުނިސެފުން ދޭ އެހީގެ ސަބަބުން، ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑެވެ.

"ސަރުކާރު ސްކޫލްތަކުގެ ޓީޗަރުންނަށް މުސާރަ ދިނުމަށް އިތުރު 253 މިލިއަން ޑޮލަރު ބޭނުންވޭ. އަފްގާނަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އެ ގައުމުގެ ތުއްތު ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، އެހީދޭ ގައުމުތަކާއި ޖަމާއަތްތަކުން މިކަމުގައި އެހީތެރިވެދިނުމަށް އަހަރަމެން ގޮވާލަން،" ޔުނިސެފްގެ މަންދޫބު ޑރ. މުހައްމަދު އަޔޯޔާ ވިދާޅުވި އެވެ.

ޔުނިސެފްގެ ހިސާބުތައް ދައްކާ ގޮތުން އަފްގާނިސްތާނުގެ ސަރުކާރު ސްކޫލްތަކުގައި ރަޖިސްޓްރީވެފައި ތިބި ދަރިވަރުންގެ އަދަދަކީ ގާތްގަނޑަކަށް 8.5 މިލިއަން ކުދިންނެވެ. މިހާރު ކުރިއަށްދާ ފިނި މޫސުމުގެ ޗުއްޓީ ނިމުމުން، ހުރިހާ ދަރިވަރުން ވެސް އަލުން ސްކޫލްތަކަށް ދިއުމަށް ބާރުއެޅުމަށް ޔުނިސެފްގެ ފަރާތުން މިހާރު އަންނަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.