Roadha Mihaaru
ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި

25 ޖުލައި 2018

މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ސްޓެލްކޯ އިން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ސްޓެލްކޯ އިން މިއަދު ފަށައިފި އެވެ.

ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގައުމުގެ ކުރިއެރުމަށް އެކި ފަންނުތަކުންނާއި ދާއިރާތަކުގައި ޒުވާނުން ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ދެ މަސް ދުވަހުގެ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ފަންސާހަކަށް ޒުވާނުން ބައިވެރިވި އެވެ.

ސްޓެލްކޯގެ ސީއީއޯ އަހްމަދު ޒުހޫރު މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިދާޅުވީ ސްޓެލްކޯގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމަށެވެ. އަދި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އެ ކުންފުނިން ވަޒީފާ ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުންފުނީގެ ފަރާތުން ބައިވެެރިންނަށް އަރުވާ ޔަގީން ކަމަކީ މި ޕްރޮގްރާމް ނިމިގެން ދާއިރު ޕްރޮގްރާމުގައި ރަނގަޅު ގޮތުގައި ވަގުތު ހޭދަކޮށް، އެކަށީގެންވާ ހުނަރުތަކެއް ތި ކުދިން ނަގައިފި ނަމަ، ތި ކުދިންނަށް ކުންފުނީގެ ފަރާތުން ވަޒީފާ ހަމަޖެހިގެން ދާނެކަން،" ޒުހޫރު ވިދާޅުވި އެވެ.