Roadha Mihaaru
ސްޓެލްކޯގައި ތަމްރީނު ހޯދުމުގެ ފުރުސަތު ނުވަ ޒުވާނަކަށް

ސްޓެލްކޯގައި ތަމްރީނު ހޯދުމުގެ ފުރުސަތު ނުވަ ޒުވާނަކަށް

19 ޖުލައި 2020

މަސައްކަތުގެ ދާއިރާގައި ތަމްރީނު ހޯދައި ދިނުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ނުވަ ޒުވާނަކަށް މި އަހަރު ފުރުސަތު ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަސައްކަތުގެ ދާއިރާގައި ތަމްރީނު ހޯދައި ދިނުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ނުވަ ޒުވާނަކަށް މި އަހަރު ފުރުސަތު ދީފި އެވެ.

އެ ކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފަސް މަސް ދުވަހުގެ މި ޕްރޮގްރާމް ފައްޓަވައިދެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

ސްޓެލްކޯ އިން ބުނީ، އިންޖިނިއަރިން އާއި ވިޔަފާރީގެ ދާއިރާ އިން ކުރިއަށް ދިއުމަށް ހުޅުވައިލި ފުރުސަތުގައި ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނު ހޯދުމަށް ކުރިމަތިލި ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމަށް ހޮވާފައި ވަނީ ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އަދި ސްޓެލްކޯގައި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި މީހުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިއެއް-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިއެއް-- ފޮޓޯ: ސްޓެލްކޯ

މިއަދުގެ ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވި ގޮތުގައި، ތައުލީމު ލިބިފައިވީ ނަމަވެސް އަމިއްލަ ދިރިއުޅުމެއް ބިނާކުރަން ތަޖުރިބާ އަކީ މުހިންމު އެއްޗެކެވެ. ގިނަ ބައެއްގެ ތެރެއިން އެ ފުރުސަތު ލިބުނީތީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"މިއަދު މި ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލް ނުވާނެކަން. އެކަމަށް ބޭނުންވާ ތަޖުރިބާ މިތަނުގެ ވެރިންގެ ކިބައިން ތިޔަ ޒުވާނުންނަށް ލިބުމުގެ ފުރުސަތު މިއަދު މި ހުޅުވިގެންދިޔައީ،" މުޢުނީ ވިދާޅުވި އެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ކުންފުންޏަކަށް ސްޓެލްކޯ ހޮވިފައިވާކަން ފާހަގަ ކުރައްވައި، ރައްޔިތުންނާ ސީދާ ގުޅުން ހުރި އެފަދަ ތަނެއްގައި މަސައްކަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި، އެ ކުންފުނީގައި ތަޖުރިބާ ހޯދާ ކޮންމެ މީހަކަށް މަހަކު 3،000ރ. ގެ އެލަވެންސެއް ލިބޭނެ އެވެ. މި ޕްރޮގްރާމު ނިމުމުން، އެންމެ ރަނގަޅަށް މަސައްކަތް ކުރާ މީހުންނަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ވެސް ދޭނެ އެވެ.