Roadha Mihaaru
މުޣުނީ ވަކިކޮށް ސްޓެލްކޯއަށް ޝަރީފް

މުޣުނީ ވަކިކޮށް ސްޓެލްކޯއަށް ޝަރީފް

01 މާޗް 2022

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު މިއަދު ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު މިއަދު ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިކަން އަންގައި ސްޓެލްކޯއަށް ފޮނުވި ސިޓީ "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ޝަރީފު މިއަދުން ފެށިގެން މަގާމާ ހަވާލުވެވަޑައިގަންނަވާމެ އެވެ.

ޝަރީފް އެ މަގާމަށް ހަމަޖައްސަން ސަރުކާރުން އުޅޭ ކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ދެކެވުނެވެ. އެނގިފައިވާ ގޮތުގައި އީސީގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވެ ޝަރީފް އިސްތިއުފާ ދެއްވުމާ އެކު އޭނާއާ އެ މަގާމު ހަވާލުކުރަން އުޅުނެވެ. ނަމަވެސް އެ ކުންފުނީގެ އެތެރޭގެ ބައެއް ކަންކަމާ ގުޅިގެން އެ ނިންމުން ފަހުން ބަދަލުކުރީ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވަނީ ވިދާޅުވެފަ އެވެ.

އީސީގެ ރައީސްގެ މަގާމުގެ ކުރިން ޝަރީފު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވައިފަ އެވެ. ނަމަވެސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަންނެވި 2018ގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމުން ޝަރީފަށް މިހާރު ކުރެ އެވެ.

މި ތުހުމަތުތައް ޝަރީފް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ.

މުޣުނީ މަގާމުން ވަކި ކުރެއްވުމަށް ފަހު އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ އަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި ކަށަވަރެއް ނުވެ އެވެ.