Roadha Mihaaru
މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑު!

މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑު!

04 ޖުލައި 2023

މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑުވެފައިވާ ކަމަށް ބުނެ އަނެއްކާ ވެސް އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑުވެފައިވާ ކަމަށް ބުނެ އަނެއްކާ ވެސް އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވެ އާންމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނަނީ ބިލު ބޮޑު ވަނީ ޖައްވު ހޫނުވުމާ އެކު، އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވާތީ ކަމަށެވެ.

އެކަމަކު މިދިޔަ މަހުގެ ބޮޑުބައިގައި ވިއްސާރަ ކުރި ނަމަވެސް ކަރަންޓު ބިލު، ހޫނު މޫސުމުގެ ބިލުތަކަށް ވުރެ މާ ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ކޮންމެ މަހަކު ވެސް އެއް މަހަށްވުރެ އަނެއް މަހުގެ ކަރަންޓު ބިލު ވަނީ ބޮޑު. އޭޕްރީލް މަސް އެއީ އެންމެ ބޮޑުވާނޭ ބުނި މަސް. އެއީ ހޫނު ގަދަވީމަ، އެކަމަކު އެ މަހު 900ރ. މިދިޔަ މަހު 3000ރ.،" އާންމުންގެ މީހަކު ބުންޏެވެ.

"ފުރަތަމަ ބިލު ބޮޑުވާން ފެށީ މިއީ ހޫނު މޫސުމޭ ކިޔައިފަ، ދެން ފިނި މޫސުން އައީމަ ވެސް ބިލު ކުޑައެއް ނުވޭ. ގޭގައި ނޫޅެ، ރަށުގަ ނޫޅެ، ކަރަންޓު ބޭނުން ކުރާ ވަރު މަދު ވިޔަސް މަސް ނިމޭއިރު އަންނަ ބިލު ކުޑައެއް ނުވޭ."

ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން ބުނަނީ ރޯދަ މަހާއި އޭޕްރިލް/މޭ ގެ ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ.

"އެކަމަކު އެއްޗެއް އިތުރަށް ބޭނުން ނުކުރިޔަސް ރޯދަމަހަަަށް ވުރެ ބިލުތައް ބޮޑުވަމުން މި ދަނީ،" އެހެން މީހަކު ބުންޏެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ، މިދިޔަ މަހުގެ ބިލު ބޮޑުވީ ހޫނު މޫސުމުގެ އެއްބައި އެ ބިލްގެ ތެރެއަށް ވަދެގެން ކަމަށެވެ.

"މިދިޔަ މަހުގެ ބިލު ހަދާފައި އިނީ މޭ މަހުގެ 13،14 އިން ފެށިގެން ޖޫން މަހުގެ މެދާ ހަމައަށް، އެއީ 28 ދުވަސް މިދިޔަ މަހުގެ ބިލުގައި އެ އިނީ. ހޫނު ދުވަސްތަކުން އެއްބައި އެ ބިލުގެ ތެރެއަށްވެސް އެބަ ވަދޭ. ސްޓެލްކޯގެ އެއްވެސް ބާރެއް ނޯވޭ މީޓަރަށް ނާރާ އަދަދަކަށް ބިލު ކުރުމުގެ. ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ބިލެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތަކީ ކޮންމެ މަހަކު ކަރަންޓު ބިލު ހަވާލު ކުރުމުން އެ ކުންފުންޏަށް އަމާޒު ކުރާ ތުހުމަތުތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޔަގީން ކުރައްވާ. ސްޓެލްކޯއިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައި ވެސް ނުކުރާނަން،" އެކަމަށް ހައްލެއް ހޯދުމަށް މި އަހަރުތެރޭ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.

ސްޓެލްކޯއިން އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ހޫނު ގަދަ ދުވަސްތަކުގައި ގޭބީސީތަކުން އެވްރެޖުކޮށް 560 ޔުނިޓްގެ ކަރަންޓު ބޭނުން ކުރެ އެވެ. އަދި އެހެން މަސްތަކުގައި ގޭބީސީއަކުން އެވްރެޖުކޮށް 500 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުން ކުރެ އެވެ.