Roadha Mihaaru
ސްޓެލްކޯ އިން އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކުރަނީ

ސްޓެލްކޯ އިން އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކުރަނީ

05 އޮކްޓޯބަރ 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކޮށް ވިއްކަން ސްޓެލްކޯއިން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކޮށް ވިއްކަން ސްޓެލްކޯއިން ނިންމައިފި އެވެ.

ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ވެހިކަލް އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވި ގޮތުގައި މި ވެހިކަލްތައް އުފައްދަން ނިންމީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ހިންގުމަށް އިސްކަންދޭ ގައުމަކަށްވާތީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގިނަ ކުރުމަށް ކަމަށެވެ. އަދި މި ވެހިކަލްތަކަކީ ރާއްޖޭގެ މަގުތަކުގައި ދުއްވަން ރައްކާތެރި ގޮތަކަށް އުފައްދާ ވެހިކަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން އުފެއްދި ފުރަތަމަ އިންޖީނު-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސްޓެލްކޯއިން އުފެއްދި ފުރަތަމަ އިންޖީނު-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އެންމެ ގިނަ އަދަދަކަށް ތިމާވެއްޓާ ރައްޓެހި ނޫން ކެމިކަލްތައް ދޫކުރަނީ ވެހިކަލްތަކުން. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މިކަން ބަދަލުކޮށް އަޅުގަނޑުމެން ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކެއް އެސެމްބަލްކޮށް ރާއްޖޭގެ މާކެޓަށް ނެރުން،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވުމާ އެކު ތަފާތު ހިދުމަތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ޖަނަރޭޓަރާއި އިންޖީނު ހެދުމުގެ އިތުރުން އެ ކުންފުނީގެ އަމިއްލަ އިންޖީނުތައް ވެސް މިހާރު އުފައްދަން ވަނީ ފަށައިފަ އެވެ. އެ ވޯކްޝޮޕުގައި އުފެއްދި ފުރަތަމަ އިންޖީނު ރޭގެ ހަފްލާގައި ވަނީ އާއްމުންނަށް ދައްކާލައިފަ އެވެ.