Roadha Mihaaru
މުޣުނީ އަށް މި ފަހަރު ނަމޫނާ ލީޑަރުގެ އެވޯޑް

އޭޝިއާގެ ކުންފުނިތަކުގެ ނަމޫނާ ލީޑަރަކަށް ސްޓެލްކޯގެ އެމްޑީ މުޣުނީ

15 ޖުލައި 2021

އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން ރާއްޖޭގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް ނަމޫނާ ލީޑަރުގެ އެވޯޑް މިއަދު ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން ރާއްޖޭގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް ނަމޫނާ ލީޑަރުގެ އެވޯޑް މިއަދު ލިބިއްޖެ އެވެ.

އޭނާ އަށް މި އެވޯޑު ލިބުނީ 19 ވަނަ އޭޝިއަން އެޗްއާރު އެވޯޑްސްގަ އެވެ.

އޭޝިއާގެ ކުންފުނިތަކުގެ ނަމޫނާ ލީޑަރުގެ އެވޯޑް މުޣުނީ އަށް ލިބުނީ ގިނަ ކުންފުނިތަކުގެ ވެރިންގެ ތެރެއިން ރޯލް މޮޑެލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެވޭތީ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި "އެގްސެމްޕްލަރީ ލީޑާ އޮފް ދަ އިޔާ" އެވޯޑު މުޣުނީ އަށް ލިބުނީ ގިނަ ސަބަބުތަކާ ހުރެ އެވެ.

ފާހަގަކޮށްލެއްވޭ ބައެއް ކަންތައްތަކުގެ ތެރޭގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްޓެލްކޯގެ މާލީ ހާލަތު ރަނގަޅު ވުމާއި ޕީސީބީން ކުންފުނިތައް ރޭންކު ކުރާ މިންގަނޑުގެ "އޭ" ކެޓަގަރީގައި ސްޓެލްކޯ ހިމެނުމާއި ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މުޣުނީ، 2018 ގެ ފަހުކޮޅު ސްޓެލްކޯއާ ހަވާލުވި ފަހުން، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ވަނީ ގްރީންލައިފް އިނީޝިއޭޓިވްއެއް ފަށައިފަ އެވެ. މި އިނޝިއޭޓިވްގެ ދަށުން އެ ކުންފުނިން އަންނަނީ ސޯލާ ޕެނަލް ވިއްކައި 100 ޕަސެންޓު އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ބަސް ސްޓޮޕަކާއި ފްލޯޓިން ސޯލާ ޕޮޑެއް ވެސް ހަދައިފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ނާޒުކް ހާލަތުގައި މެދުނުކެނޑި ހިދުމަތް ދިނުމަށް ކުންފުނި ހިންގުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ވުމާއި މި ހާލަތުގައި ވެސް ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ކުންފުނީގެ ހިދުމަތްތައް އައިއެސްއޯ 9001:2015 މިންގަނޑަށް ސެޓިފައި ކުރުމަކީ ވެސް މުޣުނީ އަށް އެވޯޑު ލިބުނު ސަބަބެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިިގެން ސްޓެލްކޯ އިން އެޅި ފިޔަވަޅުތަކާއެކު އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ނުވުމަކީ ވެސް ކާމިޔާބެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އޭޝިއަން އެޗްއާރު އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދަ އިޔާ" ގެ އެވޯޑު މުޣުނީ އަށް ލިބިފައިވާއިރު މިދިޔަ އަހަރު "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް" އިން ދިން "އިމާޖިން ލީޑާ އޮފް ދަ އިޔާ"ގެ އެވޯޑު ވެސް އޭނާ ހޯއްދެވި އެވެ.