Roadha Mihaaru
ޒުހޫރު ކުރެއްވި ތުހުމަތަށް ސްޓެލްކޯ އިން ރައްދު ދީފި

ޒުހޫރު ކުރެއްވި ތުހުމަތަށް ސްޓެލްކޯ އިން ރައްދު ދީފި

03 ޖެނުއަރީ 2019

ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެން ސްޓެލްކޯ އިން ކަންބޮޑުވުން ފާޅުކޮށް ރައްދު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެން ސްޓެލްކޯ އިން ކަންބޮޑުވުން ފާޅުކޮށް ރައްދު ދީފި އެވެ.

ޒުހޫރު ކުރައްވާފައިވާ ޓްވީޓުގައި ވަނީ ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަ މުގުނީއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އެގޮތުން ސްޓެލްކޯ އިން އިންވެސްޓް ކުރަންވީ ހަރަދު އެނަލައިޒް ކޮށްގެން ކަމަށާއި މީހުންގެ ބަޑުފުރަން ނޫން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސްޓެލްކޯ ގެއްލުމުގައި ހިންގާތާ އެތައް އަހަރުތަކެއް ވެފައިވަނީ އެކުންފުންޏަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި އެނޫން ތަކެތި ގަތުމުގައި "ކަމިޝަން" ހޯދަން ކަން ކުރާތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ސްޓެލްކޯގެ ކަންކަން ސިޔާސީ ނުކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު ކުރައްވާފައިވާ ޓްވީޓެއް

ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު ކުރައްވާފައިވާ ޓްވީޓެއް

ޒުހޫރު ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވަނީ އެކުންފުނިން 80 މިލިއަން ރުފިޔާއަށްވާ ސްޕެއާ ޕާޓްސް ގަނެ އޭގެ ބޭނުން ނުކޮށް އެބަހުރި ކަމަށެވެ. އެގޮތަށް ގިނަ އަދަދުން ސްޕެއާ ޕާޓްސް ގަންނަނީ ކުންފުނީގެ ނުފޫޒު ގަދަ ބަޔަކުގެ އަމިއްލަ ފައިދާ އަށް ކަމަށް ޓްވީޓުގައި ބުނެފައިވެ އެވެ.

މި ވާހަކަތަކަށް ރައްދު ދީ ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވަނީ ޒުހޫރު ކުރައްވާފައިވާ ޓްވީޓަކީ ހަގީގަތާ ހިލާފު އަދި އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެވާހަކަތައް ދައްކަވާފައިވަނީ ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ތަސައްވުރު ކިލަނބުކޮށް، ކުންފުނީގެ ހިންގުމާ މެދު ޝައްކާއި ވަހުމު އުފައްދަން ކަމަށެވެ.

ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަނީ، ކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުންގެ އިތުބާރު ގާއިމުވެފައިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އަދި ވިޔަފާރި ކުންފުނިތައް ހިންގުމުގައި އަމަލުކުރާ ކޯޕަރޭޓް ގަވާނަންސް ކޯޑާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރާ ކަމަށޤ ބުނެފައިވެ އެވެ.

ޒުހޫރު ތުހުމަތުކުރެއްވި ފަދަ ކަމެއް ހިންގާފައިވާނަމަ، އެކަމެއް ބަލައި، އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ ދައުލަތުގެ އިސްމަގާމުތަކާއި ސްޓެލްކޯގެ ސީއީއޯކަން ކުރައްވާފައިވާ ބޭފުޅަކު ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދައްކާފައިވަނީ ކުންފުނި ބަދުނާމުކޮށް ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމަށެވެ.

"ހަގީގަތާ ހިލާފަށް ދޮގު މައުލޫމާތު ފެތުރުމަކީ ކޮން މަސްލަހަތެއްގެ ހިމާޔަތުގައި ކުރައްވާ ކަމެއްތޯ" ސުވާލުކުރަމުން ސްޓެލްކޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.