Roadha Mihaaru
ބީއެމްއެލްގެ ކާޑުތައް ބޭނުންކުރެވޭ ގޮތް ބަދަލުކޮށްފި

މާލޭގެ އޭޓީއެމްތަކުގައި ބީއެމްއެލްގެ ކާޑު ބޭނުންކުރެވޭ ގޮތް ބަދަލުކޮށްފި

25 ޖުލައި 2018

މާލޭގެ އޭޓީއެމްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުންކުރާ ގޮތް އެ ބޭންކުން މިދިއަ ހުކުރުދުވަހު ބަދަލުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ އޭޓީއެމްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުންކުރާ ގޮތް އެ ބޭންކުން މިދިއަ ހުކުރުދުވަހު ބަދަލުކޮށްފި އެވެ.

ބީއެމްއެލުން ބުނީ އޭޓީއެމްތަކުގައި މިހާރު ކާޑު ބޭނުން ކުރާއިރު ފައިސާގެ މުއާމަލާތް ނިމެންދެން އޭޓީއެމުން ކާޑު ނުނަގާ މަޑުކުރަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން އޭޓީއެމްގެ ހިދުމަތްތައް ލިބެނީ ކާޑު ލައްވާފައި ދަމައިގަތުމަށް ފަހު އެވެ. ޕިން ވެސް ޖަހަނީ އޭޓީއެމުން ކާޑު ނެގުމަށް ފަހު އެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ބަދަލު ގެނައީ އޭޓީއެމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށެވެ. އަދި މިއީ އެންމެ ފަހުގެ ބައިނަލްއަގުވާމީ އުސޫލުތަކާ ވެސް އެއްގޮތަށް ގެނައި ބަަދަލެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އަލުން މި ގެނައި ބަދަލުން އެއްވެސް ހިދުމަތަކަށް ތަފާތެއް ނާންނާނެ ކަމަށެވެ.

އޭޓީއެމެއް ކައިރީގައި ހުރި ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް މައުލޫމާތު ދެނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އޭޓީއެމެއް ކައިރީގައި ހުރި ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް މައުލޫމާތު ދެނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

މި ވަގުތު ބަދަލުތައް ގެނައީ، ބީއެމްއެލުން ބުނި ގޮތުގައި، ހަމައެކަނި މާލޭގެ އޭޓީއެމްތަކަށެވެ. އެކަމަކު ރަށްރަށުގައި ހުރި އޭޓީއެމްތަކުގައި ކާޑު ބޭނުންކުރާ ގޮތް ވެސް، ކުރިއަށް އޮތް ތަނުގައި، ބަދަލުކުރާނެ ކަމަށް ބުންޏެވެ.

އާ ބަދަލާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ދިނުމުގެ ގޮތުން ބީއެމްއެލްގެ ބައެއް މުވައްޒަފުން އޭޓީއެމް ކައިރީގައި މި ވަގުތު ތިބެ އެވެ. އޭގެ އިތުރުން މިދިއަ ހުކުރު ވިލޭރޭ 12 ގެ ފަހުން، އޭޓީއެމްތަކުގަ އާއި އޭޓީއެމް ހުންނަ ތަންތަނުގެ ތަޅުންގަނޑު މަތީގައި ވެސް މި ބަދަލާ ބެހޭ މެސެޖްތައް ވަނީ ލިއެފަ އެވެ.