Roadha Mihaaru
ޖާނުންފިދާވުމުގެ ހަމަލާއެއްގައި ކެންޑިޑޭޓަކު މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއެއްގައި ކެންޑިޑޭޓަކު މަރާލައިފި

23 ޖުލައި 2018

އިސްލާމްއާބާދު (ޖުލައި 23) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު، ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖުލައި 23) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު، ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަރާލައިފި އެވެ.

ފުލުހުން ބުނީ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީން ވާދަކުރާ ކެންޑިޑޭޓް އިކްރާމުﷲ ގަންޑަޕޫރު މަރާލާފައި ވަނީ ސައުތު ވަޒިރިސްތާނުގެ ހުޅަނގު ދެކުނުގެ ޓައުނެއް ކަމަށްވާ ދެރަ އިސްމާއިލް ޚާން އިން ކަމަށެވެ. އެއީ އިމްރާން ޚާންގެ ޕާޓީގެ ބާރުގަދަ ސަރަހައްދެކެވެ.

އިކްރާމުﷲ ގަންޑަޕޫރު މަރާލަން ދިން ހަމަލާގެ ޒިންމާ ވަނީ ތަހްރީކީ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން އުފުލައިފަ އެވެ.

ޕާކިސްތާނުގައި ބުދަ ދުވަހު ބާއްވާ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ވޭތުދިޔަ ތިން ހަފުތާ ތެރޭ ވަނީ 179 މީހުން މަރާލައިފަ އެވެ. މި މަހު 11 ވަނަ ދުވަހު ވަނީ އިމްރާން ޚާންގެ ޕާޓީގެ ވާދަވެރި ޕާޓީ އަވާމީ ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓަކު ޚައިބަރު ޕުޚްތުންކުވާގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި މަރާލައިފަ އެވެ. އޭގެ ދެ ދުވަސް ފަހުން ވަނީ ހުޅަނގު ދެކުނުގެ މަސްތުން ޓައުނުގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 154 މީހުން މަރާލައިފަ އެވެ.

އިންތިޚާބު ބާއްވާ ދުވަހު ސަލާމަތީ ކަންކަން ބަލަހައްޓަން 800،000 ސަލާމަތީ އޮފިޝަލުން ނެރޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ޕާކިސްތާނުގެ ޕާލަމެންޓުގެ ދަށުގޭގެ 272 ގޮނޑިއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި 106 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.